ލާމުގެ ޕަރީ ފެންގަނޑުގައި ޕްލާސްޓިކް ކޮތަޅާއި ކުނި!

ހައްދުއްމަތީ ގަމުގައި އޮންނަ ޕަރީ ފެންގަނޑާއި އެ ސަރަހައްދު: ސަރަހައްދު ވަނީ ކުނި ގިނަވެފައި --- ފޮޓޯ/ ފާތިމަތު ސައީދު

ހައްދުއްމަތީ ގަމުގައި އޮންނަ ޕަރީ ފެންގަނޑަކީ ގިނަ ބަޔަކު ހައްދުއްމައްޗަށް ޒިޔާރަތް ކުރާ އެއް ސަބަބެވެ. ގުދުރަތީ ރީތިކަމެއް ލިބިފައިވާ އެ ފެންގަނޑާއި ފެންގަނޑުގެ ގުދުރަތީ އަޖައިބު ބަލާލަން އެތަނަށް ދާ މީހުން މަދެއް ނޫނެވެ.

އެކަމަކު މިހާރު އެތަނުން ފެންނަނީ ހިތާމަވެރި މަންޒަރެކެވެ. ޕަރީ ފެންގަނޑަށް ވަންނަން ހަދާފައި އޮތް މަގުން ވެސް ފެނުނީ ޕްލާސްޓިކު ފުޅިއާއި ކޮތަޅާއި ދަޅު އަދި އެކި ބާވަތުގެ ކުންޏެވެ. އަދި ފެންގަނޑާ ހަމައަށް ދިޔައިރު ފެނުނީ އެއަށްވުރެ ވެސް ހިތްދަތި މަންޒަރެކެވެ. ފެންގަނޑު ތެރޭގައި ވެސް ވަރަށް ދުވަސްވެފައިވާ ކޮތަޅުތައް ވެސް ފެނުނެވެ.

ހައްދުއްމަތީ ގަމުގައި އޮންނަ ޕަރީ ފެންގަނޑާއި އެ ސަރަހައްދު: ސަރަހައްދު ވަނީ ކުނި ގިނަވެފައި --- ފޮޓޯ/ ފާތިމަތު ސައީދު

ފެންގަނޑު ތެރޭގައި އެކި ބާވަތުގެ ޕްލާސްޓިކު ފުޅި ވެސް ހުއްޓެވެ. ކުލަ ތަފާތު ރާއްޖޭގައި ދެވަނައެއް ނެތް އެ ފެންގަނޑު ވަނީ ސާފު ކުރުމެއް ނެތި ވީރާނާ ވާން ދޫކޮށްލައިފަ އެވެ.

ކުނިއެޅުން މަނާކަން އަންގައިދޭ ބޯޑެއްގެ މިންވަރު ވެސް އެތަނުގައި ބަހައްޓާފައެއް ނެތެވެ. އެރަށުން ވާހަކަދެއްކި މީހަކު ބުނި ގޮތުން އެތަން ސާފުކުރުމަށް ރަސްމީ ސިފައެއްގައި މީހަކު މަސައްކަތެއް ނުކުރެ އެވެ. ދެތެރެއަކުން ގުރޫޕަކުން ގޮސް ސާފުކޮށްލާ އުސޫލުން ކޮށްލަނީ އެވެ.

ހައްދުއްމަތީ ގަމުގައި އޮންނަ ޕަރީ ފެންގަނޑާއި އެ ސަރަހައްދު: ސަރަހައްދު ވަނީ ކުނި ގިނަވެފައި --- ފޮޓޯ/ ފާތިމަތު ސައީދު

"އަނެއްހެން ބަޔަކު މިތަން ސާފު ކުރަން މަސައްކަތެއް ކުރާކަން އެނގިފައެއް ނެތް. ކައުންސިލުން ވެސް ބަޔަކާ ހަވާލު ކޮށްފައެއް ނޯވޭ މިތަން ސާފުކޮށް ހަދާކަށް،" ލ. ގަމުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ނަމަވެސް ގަމު ކައުންސިލުގެ ނައިބު ރައީސް އަހުމަދު ޝާހީން ވިދާޅުވި ގޮތުގައި ކައުންސިލުގެ ފަރާތުން ކޮންމެވެސް ވަރަކަށް އެތަން ސާފު ކުރެ އެވެ. ހަ މަހުން އެއް ފަހަރު ކަހަލަ ގޮތަކަށެވެ.

ހައްދުއްމަތީ ގަމުގައި އޮންނަ ޕަރީ ފެންގަނޑާއި އެ ސަރަހައްދު: ސަރަހައްދު ވަނީ ކުނި ގިނަވެފައި --- ފޮޓޯ/ ފާތިމަތު ސައީދު

ނަމަވެސް ބަޔަކާ ހަވާލުކޮށްގެން އެތަން ސާފު ކުރެވޭ ވަރަށް އެކަށީގެންވާ ބަޖެޓެއް ކައުންސިލަށް ނުލިބޭތީ އެކަން ނުކުރެވެނީ ކަމަށް ޝާހީން ވިދާޅުވި އެވެ.

"ކުނި އެޅުން މަނާކޮށް ޕްލާސްޓިކް އެޅުން މަނާކޮށް ބޯޑު އެއްޗިހި ބަހައްޓަން. އެކަމަކު މީހުން ނޫޅޭ ސަރަހައްދެއްގައި ފެންގަނޑު އޮންނާތީ ކަންނޭނގެ އެތަނުގައި ޖަހާ ބޯޑެއް ފަހުން ނުހުރޭ. އެތަނަށް ދާ މީހުން އެތަކެތި ނައްޓާލާފައި އޮންނަނީ،" ޝާހީން ވިދާޅުވި އެވެ.

ޕަރީ ފެންގަނޑު ބަލާލަން މީހުން އެތަނަށް ޒިޔާރަތް ކުރާ ސަބަބުތަކެއް ވެސްވެ އެވެ. ފެންގަނޑަކީ މަޝްހޫރު ފެންގަނޑަކަށް ވާތީ އެވެ. އަދި ފެންގަނޑުގެ ވަށައިގެން ހެދިފައި ހުންނަ ގަސްތަކުގެ ހިޔަނި ފެންގަނޑަށް އެޅިފައި ހުންނަ އިރު ފެންނަ މަންޒަރު ރީތި ކަމުންނެވެ.

ހައްދުއްމަތީ ގަމުގައި އޮންނަ ޕަރީ ފެންގަނޑާއި އެ ސަރަހައްދު: ސަރަހައްދު ވަނީ ކުނި ގިނަވެފައި --- ފޮޓޯ/ ފާތިމަތު ސައީދު

އެ ކުލައިގެ ފެންގަނޑެއް ރާއްޖޭގެ އެހެން ރަށެއްގައި ނޯވެ އެވެ. އެ ފެންގަނޑަކީ ފެންގަނޑާ ގުޅުވައި އަޖައިބުން ފުރިގެންވާ ވާހަކަތަކެއް ވެސް މީހުން ދައްކާތަނެކެވެ.

މުސްކުޅިން ބުނެ އުޅޭ ގޮތުގައި ލ. ގަމު ޕަރީ ފެންގަނޑު އޮންނަނީ ބިމުއަޑިން ކަނޑާ ގުޅިފަ އެވެ. ވަށައިގެން ބިޔަ ގަސްތަކުން ހިޔާވެފައިވާ އެ ފެންގަނޑަކީ ރާއްޖޭގައި އާންމުކޮށް އޮންނަ ކުޅިތަކަށް ވުރެ ރީތި ތަނެކެވެ. އެ ފެންގަނޑަކީ ގަމު "ކުރުހިންނައިގެ" އިރުމަތީ ފަރާތުގައި ގޮނޑުދޮށުން ފެށިގެން 70 ފޫޓް ހުޅަނގަށް އޮންނަ ފެންގަނޑެކެވެ.

ފެންގަނޑުގެ ގުދުރަތީ ރީތިކަން ދަމަހައްޓަން ކޮންމެވެސް ބަޔަކު މަސައްކަތްކުރަން އެބަ ޖެހެ އެވެ. ލޯކަލް ޓޫރިޒަމް މިހާރު ފުޅާވަމުން އަންނަ ހައްދުއްމައްޗަށް މި ފެންގަނޑަކީ މުހިންމު ތަނަކަށް ވާނެ އެވެ. ރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އެއް މަންޒިލަކަށް ޕަރީ ފެންގަނޑު ވާނެކަމީ ހަގީގަތެވެ. ނަމަވެސް ފަތުރުވެރިންނަށް ފެންނަން ޖެހޭނީ މިހާރު އެތަނުން އެ ފެންނަ މަންޒަރެއް ނޫނެވެ.

comment ކޮމެންޓް