ގެއްލިގެން ހޯދަމުންދިޔަ ނަޝްފާ ފުލުހަށް ހާޒިރުވެއްޖެ

ގަނާ ކުރުމުގެ ޝިކާރައަކަށްވެފައިވާތީ، ގެއްލިގެން ހޯދަމުންދިޔަ ގދ. ތިނަދޫ، އާބާދުވާދީ، ނަޝްފާ ހަސަން ފުލުހުންގެ މަރުކަޒަކަށް ހާޒިރުވެއްޖެ އެވެ.

ފުލުހުން ބުނީ ނަޝްފާ މިރޭ 18:50 ގައި ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓް (އެފްސީޕީޑީ) އަށް އަމިއްލަ އަށް ހާޒިރުވެފައިވާ ކަމަށެވެ.

ނަޝްފާ އަކީ މިމަހުގެ 24 ވަނަ ދުވަހު ފޭސްބުކް ގައި އާންމުވި އަންހެން ކުދިންތަކެއް ބައިވެރިވެގެން ކުޑަ އަންހެން ކުއްޖެއްގެ ގައިގާ ތަޅާ މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯގައި އަނިޔާ ލިބުނު ކުއްޖާ އެވެ.

ވީޑިއޯގައި ފެނިގެން ދަނީ ދިވެހި ތިން އަންހެން ކުއްޖަކު ގްރޫޕު ހަދާލާފައި އެހެން އަންހެން ކުއްޖަކަށް އަނިޔާކޮށް، ހުތުރު ބަހުން ވާހަކަ ދައްކައި، އިންޒާރުދޭ މަންޒަރެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު އެއްވެސް ތަފްސީލެއް އަދި މިހާތަނަށް އާންމުކޮށްފައެއް ނުވެއެވެ. އެ ވީޑިއޯ ދައުރުވާން ފެށުމާ އެކު ގިނަ ބަޔަކު ދަނީ އެ މައްސަލަ ތަހުގީގު ކުރުމަށް، ފުލުހުންނަށާއި ކަމާ ބެހޭ އެހެން ފަރާތްތަކަށް ގޮވާލަމުންނެވެ.

comment ކޮމެންޓް