ގޮންޖެހުންތައް ކުރިމަތި ނުވިނަމަ މާ ފާގަތި ދުވަސްތައް ހޯދައިދެވުނީސް: ރައީސް

ރައީސް ޔާމީން ތ. ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން --- ފޮޓޯ: ރައީސް އޮފީސް

ޕާޓީގެ ތެރެއިން ގޮންޖެހުންތަކާއި ފިއްތުންތައް ކުރިމަތިނުވިނަމަ ރައްޔިތުންނަށް މިހާރަށްވުރެ ފާގަތި ދުވަސްތަކެއް ހޯދައިދެވުނީސްކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

ކެންޕެއިން ދަތުރުފުޅެއްގައި ތ. ގުރައިދޫ އަށް ވަޑައިގެން އެރަށުގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުންނާ މުޚާތަބުކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ މިދައުރުގެ ތެރޭގައި އިދިކޮޅު ފަރާތްތަކުގެ އިތުރުން އަމިއްލަފުޅު ޕާޓީގެ ތެރެއިން ފިއްތުންތައް ކުރިމަތިވެލެއްވި ކަމަށެވެ. މި ފިއްތުންތަކުގެ ސަބަބުން ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި މަޑުޖެހުންތަކެއް އައިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޕާޓީގައި ތިއްބެވި ގިނަ އަދަދެއްގެ މެންބަރުން ވަކިވުމުގެ ސަބަބުން ޕީޕީއެމް އޮތީ ވަރަށް ދެރަވަރުކޮށް ކަމަށާއި ނަމަވެސް ޕީޕީއެމް ފިކުރާއި ސިޔާސަތުތަކުގައި އަދިވެސް ވަރު އެބަހުރި ކަމަށެވެ.

"ކިތަންމެހާ ވެސް ނިކަމެތިކަން އަޅުގަނޑުމެން އިހުސާސް ކޮށްފިން. ޕާޓީ ދެރަވަރުވެއްޖެ. އަޅުގަނޑުމެންގެ ޕާޓީއިން ރައްޔިތުންގެ މަޖިލީހުގެ އެތައް މެންބަރުންނެއް ވަކިވެވަޑައިގެންފި،"

ރައީސް ވިދާޅުވީ މިހާރު ކުރަމުންދާ ދަތުރަކީ ފަސޭހަ ދަތުރެއް ނޫންކަމަށާއި އޭގެ ސަބަބަކީ ބައެއް މެންބަރުން ޕާޓީ ދޫކުރައްވާ ވަޑައިގަތުން ކަމަށެވެ.

ރައީސް ވިދާޅުވީ ޕީޕީއެމް އުފެދުނީ ދީނާއި ގައުމުގެ ދިފާއުގައި މަސައްކަތް ކުރުމަށް ކަމަށެވެ.

"އަޅުގަނޑުމެންނަކީ ރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމުކުރަން ނިކުމެ ތިބި ބައެއް. އަޅުގަނޑުމެންނަކީ ފަރުދުންގެ ޙައްޤުތަކާ މަސްލަހަތުތައް ޙިމާޔަތްކުރަން ނިކުމެ ތިބި ބައެއް،" ގައުމު ތަރައްގީ ކުރުމުގައި ކުރާ މަސައްކަތުގައި އިދިކޮޅުން އެއްބާރުލުން ނުދޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް