ޑިޓިއުން ބޭންޑުގެ "ފެންވަރު" ލަންޑަންގައި ދައްކާލައިފި، މުޅިންވެސް ތައުރީފް!

ޑިޓިއުން ބޭންޑުގެ އާޓިސްޓުން ލަންޑަންގައި....

ރާއްޖޭގައި މިހާރު އޮތް މިއުޒިކް ބޭންޑުތަކުގެ ތެރެއިން އެންމެ މަގުބޫލު އެއް ބޭންޑް ކަމަށްވާ ޑިޓިއުން ބޭންޑް މިހާރު ތިބީ ޝޯއެއް ދިނުމަށް ގޮސް ލަންޑަންގައެވެ. ލަންޑަންގައި ދިރިއުޅޭ މަހުޖަނެއްގެ ކައިވެނި ހަފްލާގައި މުނިފޫހިފިލުވާލަދޭށެވެ.

އެ ބޭންޑު ލަންޑަނަށް ދިޔައީ މިދިޔަ ބުދަ ދުވަހުއެވެ. ނަމަވެސް އެ ކައިވެނީގެ ހަފްލާ އޮތީ ރޭގައެވެ. އެ ހަފްލާ ބާއްވާފައިވަނީ ލަންޑަންގެ ރޫޓަމް ޕާކުގައެވެ.

ޑިޓިއުން ބޭންޑުން މިވަނީ އެ ބޭންޑުގެ "ފެންވަރު" ހަމަ ރަނގަޅަށް ވެސް އެ ހަފްލާގެ ތެރެއިން ދައްކާލާފައެވެ. ގިނަ ބައެއްގެ ތައުރީފާއި ތަރުހީބެވެ. ބާރުވެރި މަތީ އެތައް ބައެއް ހާޒިރުވި އެ ކައިވެނީގެ ހަފްލާގައި ރާއްޖެވެސް ތަމްސީލުވީއެވެ.

"ސަން" އަށް މައުލޫމާތު ދެމުން ޑިޓިއުން ބޭންޑުން ބުނީ، ހަގީގަތުގައި އެހާ ދުރު އަދި ބޮޑު ތަނެއްގައި ޕާފޯމްކޮށްލަން ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. ބޭންޑުގެ ހުރިހާ އެންމެންވެސް ތިބީ ވަރަށް އުފަލުން ކަމަށް ވެސް ފާހަގަކުރިއެވެ.

ޑިޓިއުން ބޭންޑުން ލަންޑަންގައި ތިބެ ޕޯސްޓުކޮށްފައިވާ ފޮޓޯއެއް...

ބޭންޑުން ބުނި ގޮތުގައި އެ ހަފްލާގައި ކުޅުނު ބައެއް ލަވަތަކުގެ ވީޑިއޯ ބެލުންތެރިންނާ ހަމަޔަށް ގެނެސްނުދެވުނީ، އަމިއްލަ ފަރާތެއްގެ އަދި ވަރަށް ސެކިއުރިޓީ ވަރުގަދަކޮށް ބޭއްވުނު ހަފްލާއަކަށް ވުމުގެ ސަބަބުން ކަމަށެވެ. އަދި ނުފޫޒުގަދަ، އިސް މީހުން ގޮސް ތިބި ހަފްލާއެއްގައި އެމީހުންނަށް އިހުތިރާމްކުރުމުގެ ގޮތުން ކަމަށް ވެސް އެމީހުން ވަނީ ބުނެފައެވެ.

ނަމަވެސް އެ ހަފްލާ އިންތިޒާމުކުރި ފަރާތްތަކާ ވާހަކަ ދައްކައިގެން ހިތްގައިމު ލަވަތައް ބެލުންތެރިންނަށް ދައްކާލުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ބޭންޑުން ބުންޏެވެ.

މި ކައިވެނި ހަފްލާގައި އިނގިރޭސިވިލާތުގެ "ދަ ސޯލް ޖެޓްސް" ބޭންޑާއި އެހެނިހެން ސޯލޯ އާޓިސްޓުންވެސް ޕަފޯމް ކުރި ނަމަވެސް، ޑިޓިއުން ބޭންޑުން ބުނި ގޮތުގައި ހަފްލާގެ ހުރިހާ ބައިވެރިންގެ ލޯތައް އަމާޒުވީ އެ ބޭންޑަށެވެ.

ޑިޓިއުން ބޭންޑު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

ހިތްގައިމު ރީތި ލަވަތަކެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދެމުން އަންނަ ޑިޓިއުން ބޭންޑުން އަންނަނީ އެމީހުންގެ 12 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރަން ބޮޑެތި ތައްޔާރީތަކެއް ވަމުންނެވެ.

comment ކޮމެންޓް