ކެޔޮނިރު ކޮލަމް: ކުރިމަގުގެ ފޯކާސްޓް!

ސަން ފޮޓޯ: ފަޔާޒު މޫސާ

ހުޅުމާލޭގައި މީހުން އާބާދުވުމުގެ ހަތަރު އަހަރު ކުރީން "ކެޔޮނިރު" ކޮލަމް ގައި މީގެ 18 އަހަރު ކުރީން އަޅުގަނޑު ލިއުނު ލިއުމެއް ތިރީގައި ނަކަލު ކޮއްލާނަމެވެ. އެލިއުމަކީ ހުޅުމާލެ ހިއްކައިގެން، އެރަށާއި މާލެއާ ދެމެދު ބްރިޖް އަޅައިގެން، ބޮޑެތި އުސް ފްލެޓް ބަރި އެތަނުގައި އަޅައިގެން ތަރައްޤީ ކުރެވޭނެ ގޮތުގެ ތަސައްވުރެކެވެ. ހުޅުމާލޭގައި މީހުން އާބާދުވުމުގެ މާކުރިން، މީގެ 18 އަހަރު ކުރީން މިކޮލަމުން މިފަދަ ތަސައްވަރެއް ގެނެސްދެވިފައިވާ ކަމަށް ޓަކައި އުފާކުރާ ހާލު އެލިއުންކޮޅު ތިރީގައި ނަކަލު ކޮއްލާނަމެވެ:

********************

މިއީ ކުރިމަގަށްޓަކައި ކުރެވޭ ޙިޔާލެކެވެ. ޙިޔާލަށް އަންނަނީ 2010 ވަނަ އަހަރެވެ. އައު ސާސްކަފް ފެށުނުތާ 10 އަހަރު ފުރުނުއިރު ރާއްޖޭގެ މޫނު މައްޗަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. ބޭރުގެ ކުންފުނަޏަކާ ހަވާލުކޮށްގެން ހުލުމާލެ ވަނީ ހިއްކައި ނިންމައިފަ އެވެ. ހުޅުމާލެ އާއި މާލެ ވަނީ ކަނޑުގައި ތަނބު ޖަހައިގެން އަޅާފައިވާ ފާލަމަކުން ގުޅާލެވިފަ އެވެ. އެފާލަމުގެ ދަށުން ބޮޑެތި އާގު ބޯޓުފަހަރަށް ނުދެވުނަސް މަސް ދޯންޏަށާއި އޮޑިފަހަރަށް ދެވެ އެވެ. ފާލަމުގައި ޓްރެފިކަށް ހަތަރު ލޭނު އޮތެވެ. އޭގެ އިތުރުންް ބައިސިކަލް ދުއްވަން ވަކި ލޭނަކާއި ހިނގާ މީހުނަށް ވަރަށް ފުޅާ ދުވާރެއް ވެސް އޮތެވެ.

ރާއްޖޭގައި އާއްމުކޮށް ގޯތި ދެމުން އައި ގޮތަށް ހުޅުމާލެއިން ގޯތި ދުލެއް ނުކުރެ އެވެ. އެތަނުގައި ބޮޑެތި އުސް ފްލެޓްބަރި އާއި ކޮންޑޮމީނިއަމްސްތައް ބިނާކޮށް އާއްމުންނަށް ދުކޮށްފައި ވަނީ އެޕާރޓްމެންޓް ތަކެވެ. މިފަދަ އެޕާރޓްމެންޓްތައް ކުއްޔަށް ވެސް ހިފެ އެވެ. އަދި ބޭނުން ނަމަ އެއްފަހަރާ ފައިސާ ދީފައި ގަނެވޭ ވެސްމެ އެވެ.

ހުޅުމާލެ ބިނާކޮށް ޑިވެލޮޕް ކޮށްފައި ވަނީ ވެސް އެރަށް ހިއްކި ކުންފުނިންނެވެ. އެގޮތުން އެ ރަށުގައި ބޮޑެތި އެޕާރޓްމެންޓް ބްލޮކްތަކާއި ހޮޓާތަކާއި ފިހާރަ، އަދި ބަނދަރު ފަދަ ތަންތަން ހަދާފައިވެ އެވެ.

ހުޅުމާލެ ތަރައްޤީވެ، މާލޭގެ ސަރަހައްދު ނުވަތަ "ގްރޭޓަރ މާލެ"ގެ ތެރޭގައި އެރަށް ވަނީ ހިމެނިފަ އެވެ. އެގޮތުން މިހާރުގެ މާލެއަކީ ހުޅުމާލެ އާއި މާލެ އެކީގަ އެވެ. އެއާ އެކު ސަރުކާރުގެ ގިނަ އޮފީސްތަކާއި ވިޔަފާރީގެ ގިނަ ހަރަކާތްތައް ވަނީ ހުޅުމާލެއަށް ބަދަލުވެފަ އެވެ. މިހެން ވުމުގެ މައިގަނޑު ސަބަބަކީ ހުޅުމާލެ ސަރަހައްދުގައި ދިރުއުޅޭ އާބާދީ ބޮޑުވުމެވެ. މާލެއާއި ހުޅުމާލެ އެއްކޮށްލުމުން އުފެދިފައިވާ ބޮޑު ސަރަހައްދުގައި ޖުމްލަ ދޮޅުލައްކަ މީހުން މިހާރު ދިރި އުޅެ އެވެ.

އަވަސް ކުރިމަގެއްގައި މާލެއާއި ވިލިގިލި ވެސް މިފަދަ ފާލަމަކުން ގުޅާލުމަށް ހަމަޖެހިފައިވެ އެވެ. ހަމައެފަދައިން އެބޫދޫ ފަޅު ހިއްކައިގެން، ހުޅުމާލެގޮތަށް ތަރައްޤީ ކުރުމަށް ވެސް ރޭވިފައިވެ އެވެ. އެބޫދޫ ފަޅު ހިއްކުމުގެ މަޝްރޫއަށް ކިޔަނީ "އެނބޫމާލެ" އެވެ! މިމަސައްކަތް ނިމުމުން މާލެ، ވިލިގިލި، ހުޅުމާލެ، އަދި އެނބޫމާލޭގެ ސަރަހައްދުގައި ދެލައްކަ އާއި ތިންލައްކަ އާއި ދެމެދުގެ އާބާދީ އަކަށް އުޅެވޭނެ އެވެ. އެއިރުން އެނބޫމާލެ ވެސް އޮންނާނީ ފާލަމަކުން މާލެއާއި ގުޅާ ލެވިފަ އެވެ. މިފަދަބޮޑު އާބާދީއެއް އެއްފަސް ވުމުން ވިޔަފާރި އާއި ތަރައްޤީގެ ހަރަކާތްތަކަށް ބޮޑެތި ކުރިއެރުން ތަކެއް ލިބޭނެ އެވެ.

ފާލަންތަކަކުން ގުޅިފައިވާ މިރަށްތަކުގެ ވަށައިގެން ތޮށި ލައި، ގެރިގާ ޖަހައި ތައްޔާރު ކުރެވިފައި ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ ނުރައްކާތަކުން ސަލާމަތް ވެވޭނެ ގޮތަށެވެ.

މާލޭގައި ތިބެފައި ބައިސިކަލް، ސައިކަލް ނުވަތަ ކާރު ފަދަ އެއްޗެތީގައި މިފަދަ ދުރު ހިސާބުތަކަށް ދެވޭތީ މިސަރަހައްދުގައި ފަތުރުވެރިކަން ވެސް ވަނީ ކުރިއަރާފަ އެވެ. ޕާރކްތަކާއި ރެސްޓޯރެންޓް ތަކާއި ހެދިގޮނޑުދޮއް ތަކުން އުފާ ހޯދާ މީހުންގެ އަދަދު ގިނައެވެ. މިހާ ބޮޑު ސަރަހައްދެއް އެއްފަސް ވުމުން މާލޭގެ ހަތަރު އަވަށް އުވިގެން ދެއެވެ. އޭގެ ބަދަލުގައި މާލެ، ވިލިގިލި، ހުޅުމާލެ އަދި އެބޫމާލެ ވެގެން ދަނީ "މާލެ" އަށެވެ. އެއާއެކު މާލޭގެ ހަތަރު އަވަށަކީ އެހަތަރު ރަށް (މާލެ އަވަށް، ހުޅުމާލެ އަވަށް، ވިލިމާލެ އަވަށް، އަދި އެބޫމާލެ އަވަށް) ކަމުގައި ވެގެން ދެއެވެ. މަތީގައި ބަޔާން ކޮށްފައިވާ ހަތަރު ރަށަށް ކާރުފަދަ އުޅަނދު ތަކުގައި ދެވޭފަދައިން ކޭބަލްކާރުގައި ވެސް ދެވެ އެވެ. އަދި މިބޮޑު ސަރަހައްދު ވަނީ މެޓްރޯ ނުވަތަ ލައިޓް ޓްރެއިން ވިއުގަ އަކުން ގުޅާލެވިފަ އެވެ. އެއީ ތިމާވެށި ތަޢައްޔަރު ކުރާ ކަހަލަ ދުއްވާ އެއްޗެތި މަދު ކުރުމަށްޓަކަ އެވެ.

މާލެ އާއި ހުޅުމާލެއާ ދެމެދު ކުރިން ދަތުރު ކުރި ފެރީތައް ވެސް މިހާރު ނުހުރެ އެވެ. އެއީ މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ވެސް މާލެއާ އެއްފަސް ވުމުން، މާލެއިން އެއަރޕޯރޓަށް ވެސް ޓެކްސީގައި ދެވޭތީ އެވެ.

ތަރައްޤީގެ މިކުލަވަރުގެ ސަބަބުން އާއްމު ރައްޔިތުންގެ ކޯތާފަތްތައް ވަނީ އުފަލުން ގޮސް ޖަންބު ކުލަ އަރާފަ އެވެ. މޫނުމަތިން ފެންނަނީ އުފާވެރިކަމާއި، އުއްމީދާއި، އަދިވެސް އިތުރަށް ތަރައްޤީ ވުމުގެ އަޒުމެވެ. މިމަންޒަރު ދުށުމަށް ޓަކައި 2010 ނުވަތަ 2020ގެ ދިވެހިރާއްޖެ އަށް ނޭވާ ލެވޭނެ ނަމަ ކިތައްމެހާ ވެސް ރަނގަޅެވެ.

ގުޅޭ ޓެގު
comment ކޮމެންޓް