ޓްރަމްޕް މަގާމުން ދުރުކުރުމުގެ މަޝްވަރާތައް ފަށައިފި

ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވަރަށް ގާތް ދެބޭފުޅުން ކަމަށްވާ ޕޯލް މެނަފޮޓް އާއި، މައިކަލް ކޮހެންގެ މައްޗަށް ޓެކްސްއަށް މަކަރު ހެދުމާއި ބޭންކަށް އޮޅުވާލުމުގެ ކުށް ސާބިތުވެފައިވާ އިރު އެމެރިކާގެ ސެނެޓުން މިމައްސަލާގައި ޓްރަމްޕާ ސުވާލުކޮށްފާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.

މިދެބޭފުޅުންގެ ތެރެއިން މެނެފޮޓް އަކީ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕްގެ ކެމްޕޭން ގެ ޗެއާމަންގެ ގޮތުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި ފަރާތެވެ. މެނަފޮޓް ވަނީ ޔޫކްރެއިނުގައި އުޅޭ ރަޝިޔާ ބައެއްގެ އަތުން 16 މިލިޔަން ޑޮލަރު ޓްރަމްޕްގެ ކޭމްޕޭނަށް ހޯދިކަމާއި އަދި އެކަން އެމެރިކާގެ ޓެކްސްއާބެހޭ އިދާރާތަކަށް ސިއްރުކުރި ކަމަށް ވާޖީނިޔާގައި ހުންނަ ފެޑްރަލް ކޯޓެއްގައި އެއްބަސްވެވަޑައިގެންފަ އެވެ. މިއާ އެކު އެ ކޯޓުގެ ޖޫރީގެ ކޮމިޓީއަކުން ވަނީ ޓެކްސް ނިޒާމަށް މަކަރުހެދުމުގެ ދައުވާއާއި ބޭރުގެ ބޭންކްތަކުގެ އެކައުންޓްތަކުގެ ހިސާބުތައް ހާމަނުކުރުމުގެ ދައުވާއެއް މެނަފޮޓް ގެ މައްޗަށް ސާބިތުވާ ކަމަށް ނިންމާފަ އެވެ. މިއީ އޭނާގެ މައްޗަށް ފަސް އަހަރުގެ ހުކުމެއް އަންނާނެ ކަމެކެވެ.

މީގެ އިތުރުން ޓްރަމްޕްގެ ކުރީގެ ގާނޫނީ ވަކީލު މައިކަލް ކޮހެންގެ މައްޗަށް ވެސް ވަނީ އެމެރިކާގެ ޓެކްސް ނިޒާމަށާއި ބޭންކިންގް ނިޒާމަށް އޮޅުވާލުމުގެ އިތުރުން ކެމްޕޭނަށް ހަރަދުކުރުމުގެ ގާނޫނާ ހިލާފުވި ކަމަށް ދައުލަތުން ކުރި ދައުވާ ސާބިތުވެފަ އެވެ. މި ދެ ބޭފުޅުންގެ މައްޗަށް އެ ދައުވާތައް ސާބިތުވީ އެދެބޭފުޅުންގެ އަމިއްލަ އިޢްތިރާފާ ގުޅިގެންނެވެ. އެދެބޭފުޅުން ވަނީ އެހުރިހާ ކަމަކީ ވެސް ޓްރަމްޕަށް އެނގިވަޑައިގެން ކުރެއްވި ކަންކަން ކަމަށް ވެސް ވިދާޅުވެފަ އެވެ. މިއީ ސެނެޓުން ޓްރަމްޕާ ސުވާލުކުރާނެ ކަމެއްކަން ޚުދު ޓްރަމްޕް ވެސް މިހާރުވަނީ ކަށަވަރު ވެފަ އެވެ.

އެމެރިކާގެ އިދިކޮޅު ޑިމޮކްރެޓިކް ސެނެޓަރުން މިހާރު ވެސް ވަނީ ޓްރަމްޕް މަގާމުން ދުރުކުރުމަށް ކުރަން ޖެހޭ އެންމެ ފުރަތަމަ މަސައްކަތްތައް ފަށައިފަ އެވެ. އެއީ އެކަމުގެ ނުރަސްމީ މަޝްވަރާތަކެވެ. ނަމަވެސް މިކަން ހިނގައި ގަތުމަށް އަދި ވަގުތު ނަގާނެ އެވެ. މައިގަނޑު ސަބަބަކީ ޑިމޮކްރޭޓުންނަށް ހައުސް އޮފް ރެޕްރެޒެންޓެޓިވްގައި ވެސް އަދި ސެނެޓްގައި ވެސް އަޣްލަބިއްޔަތު ނެތުމެވެ. ކުރިޔަށްއޮތް ކޮންގްރެސްގެ އިންތިޚާބުގައި ސެނެޓްގެ އަޣްލަބިއްޔަތު ލިބޭނެ ކަމަށް ޑިމޮކްރޭޓުން އުންމީދުކުރެ އެވެ. އެމެރިކާގެ ރައީސަކު މަގާމުން ދުރުކުރުމަށް ސެނެޓްގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ތާއީދު ބޭނުންވާނެ އެވެ.

އެމެރިކާގެ ދަސްތޫރު ބުނާ ގޮތުން އެގައުމުގެ ރައީސް މަގާމުން ދުރުކުރެވޭނީ ޚިޔާނާތް ނުވަތަ ރިޝްވަތު ނުވަތަ ގާނޫނުތަކާ ޚިލާފުވެ ޖިނާއީ ބޮޑެތި ކުށްތަކެއް ކުރިކަން ސާބިތުވެގެންނެވެ. މިމައްސަލަތަކާ ގުޅިގެން ހައުސް އޮފް ރެޕްރެޒެންޓެޓިވް އިން ރައީސް އާ ސުވާލުކުރާނީ ރައީސްގެ މައްޗަށް ކުރަންޖެހޭ ތަހްގީގްތަކަށް ބޭނުންވާ ހެކި ހޯދުމަށެވެ. ސުވާލުކުރެވޭނީ ކޮންގްރެސްގެ ތިރިގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ސިންޕަލް މެޖޯރިޓީ ނުވަތަ ދެބައިކުޅަ އެއްބައަށް ވުރެ ތަންކޮޅެއް ބޮޑު އަޣްލަބިއްޔަތެއް ލިބިގެންނެވެ. ސުވާލުކޮށްގެން ހެކި ހޯދުމަށްފަހު ރައީސްގެ މައްޗަށް ކުށް ސާބިތުވޭތޯ ތަހްގީގްކުރުމަށް ވެސް ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ސިންޕަލް މެޖޯރިޓީ އެއް ލިބިއްޖެނަމަ ނިންމިދާނެ އެވެ. މިހާރު ކޮންގްރެސްގެ ދެގޭގެ އަޣްލަބިއްޔަތު ވެސް އޮންނަނީ ޓްރަމްޕްގެ ޕާޓީ ކަމަށްވާ ރިޕަބްލިކަން ޕާޓީ އަށެވެ.

ނަމަވެސް ތަހްގީގުން ރައީސް ކުށްވެރިވާކަން ސާބިތުވެއްޖެނަމަ ރައީސް މަގާމުން ދުރުކުރުމަށް ނޫނީ އަޒުލުކުރުމަށް ނިންމޭނީ ކޮންގްރެސްގެ މަތިގެ ކަމަށްވާ ސެނެޓުންނެވެ. މިކަމަށް ސެނެޓްގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތެއް ލިބެންޖެހޭނެއެވެ. އެމެރިކާގެ ރައީސްގެ މައްޗަށް ހިންގާ ތަހްގީގުން އޭނާ ކުށްވެރިވާކަމަށް ނިންމައިފި ނަމަ ސެނެޓްގައި ތިއްބަވާ އޭނާގެ ޕާޓީގެ މެންބަރުން ވެސް އޭނާ އަޒުލުކުރުމަށް ވޯޓު ދޭނެ އެވެ.

ޓްރަމްޕްގެ ގާތް ދެބޭފުޅުން ކަމަށްވާ ޕޯލް މެނަފޮޓް އާއި، މައިކަލް ކޮހެންގެ މައްޗަށް ކުށް ސާބިތުވެފައި ވަނީ 2016 ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބަށް ރަޝިޔާއިން ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލަތައް ބެލުމަށް ކުރަމުންގެންދާ ތަހްގީގްތަކުގެ ތެރެއިންނެވެ. ރަޝިޔާއިން އެމެރިކާގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވިކަމަށްބުނާ މައްސަލަ ތަހްގީގް ކުރައްވަނީ އެކަމަށް ޚާއްސަ މުހައްގިގެއް ކަމަށްވާ ރޮބަޓް މުލައެވެ.

މިމައްސަލާގައި އެމެރިކާގެ ސެނެޓުން ޓްރަމްޕާ ސުވާލުކޮށްފާނެ ކަމުގެ ބިރު އިހްސާސް ކުރެއްވިގެން ޓްރަމްޕްވަނީ އޭނާ މަގާމުން ދުރުކޮށްފިނަމަ ދުނިޔޭގެ މާލީ ނިޒާމު ރޫޅިގެން ހިނގައިދާނެ ކަމާއި ނަތީޖާއެއްގެ ގޮތުން އެމެރިކާގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއްލިބި އެމެރިކާގެ ގިނަ ބަޔަކު ފަގީރުވެ ވިޔަފާރިތައް ބަނގުރޫޓް ވެދާނެކަމުގެ އިންޒާރު ދެއްވާފަ އެވެ. އަދި ޓްރަމްޕް ވަނީ ޔޫކްރެއިނުގައި އުޅޭ ރަޝިޔާ ބައެއްގެ އަތުން އޭނާގެ ކޭންޕޭނަށް 16 މިލިޔަން ޑޮލަރު ލިބުނުކަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް މެނަފޮޓް ވިދާޅުވެފައި ވަނީ މިއީ ޓްރަމްޕަށް އެނގިގެން ހިނގި ކަމެއް ކަމުގަ އެވެ. މެނަފޮޓް އާއި މައިކަލް ކޮހެންގެ އިއްތިރާފްތަކާ މެދު ކަންބޮޑުވެ ވަޑައިގެންނެވި ނަމަވެސް ޓްރަމްޕްވަނީ އެއީ އޭނާއާ ގުޅުންނެތް އިޢްތިރާފްތަކެއް ކަމަށް ވިދާޅުވެ އަމިއްލަ ނަފްސު ދިފާއު ކުރައްވައިފަ އެވެ.

ޓްރަމްޕް މަގާމުން ދުރުކުރުމުގެ މަސައްކަތުގެ މަޝްވަރާތައް ހައުސް އޮފް ރެޕްރެޒެންޓެޓިވްގައި މިހާރުވެސް ފަށާފައިވާ އިރު ކޮންގްރެސްގެ މިޑްޓާމް އިންތިޚާބަށް ފަހު މިކަން ވަރަށް ބާރަށް ކުރިޔަށްގެންދާނެ ކަމަށް ބެލެވެ އެވެ. އެއިންތިޚާބުގައި އިދިކޮޅު ޑިމޮކްރޭޓުން ކޮންގްރެސްގެ އަޚްލަބިއްޔަތު ހޯދާނެ ކަމަށް ޚިޔާލު ހޯދުމުގެ ހުރިހާ ސާވޭތަކުން ވެސް ވަނީ ހާމަވެފަ އެވެ. އެއީ ޓްރަމްޕް ގެންގުޅުއްވާ ދޯދިޔާ އަދި ދުނިޔޭގެ ގައުމުތަކާ އެކެހެރިވެގަތުމާއި ގައުމުތަކާ ދެކޮޅަށް ބިރުދެއްކުމާއި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ސިޔާސަތާއި ޓްރަމްޕް ފައްޓަވާފައިވާ ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ކުންފުނިތަކަށާއި ދަނޑުވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބި އެމެރިކާގެ އަގު ދުނިޔޭގެ ކުރިމަތީގައި ވެއްޓިގެންދާތީ އެވެ.

އެމެރިކާގެ ފިޔަވަޅުތަކާ ގުޅިގެން ރަޝިޔާއާއި ޗައިނާއިން އެމެރިކާއާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން އަހަރެއްގެ މައްޗަށް 14 ބިލިޔަން ޑޮލަރުގެ ގެއްލުމެއް އެމެރިކާގެ ދަނޑުވެރިންނަށް ލިބޭނެ ކަމަށްވަނީ އަންދާޒާ ކުރެވިފައެވެ. މިކަން ފޫބެއްދުމަށް އެމެރިކާ ސަރުކާރުން މިހާރުވެސް ވަނީ ހަތް ބިލިޔަން ޑޮލަރު ދަނޑުވެރިންނަށް ދިނުމަށް ނިންމާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް