މެސެޖު ޓްރެކް ނުކުރާނަން: ވަޓްސް އެޕް

ދޮގު ހަބަރު ފެތުރުމާ ދެކޮޅަށް ވަޓްސް އެޕް އިން އިންޑިއާގައި ހިންގާ ކެމްޕެއިން ---

ވަޓްސް އެޕް މެދުވެރިކޮށް ފޮނުވާ މެސެޖުތައް ޓްރެކް ނުކުރާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ފޭސްބުކްގެ ދަށުން ހިންގާ ވަޓްސް އެޕް އަކީ އިންޑިއާގައި ގިނަ ބަޔަކު ބޭނުންކުރާ އެޕްލިކޭޝަނެކެވެ. ވަޓްސް އެޕް މެދުވެރިކޮށް ދޮގު ހަބަރު އެކުލެވޭ ލިންކު ފޮނުވުމާ ގުޅިގެން ހަމަނުޖެހުންތައް ހިނގުމަކީ އިންޑިއާގައި އާންމު ކަމަކަށް ވެފައިވާ އިރު ވަޓްސް އެޕް މެދުވެރިކޮށް ފޮނުވާ މެސެޖުތައް ސްކްރީން ކުރުމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުންނާއި އާންމުން ވަނީ ގޮވާލައިފަ އެވެ.

ނަމަވެސް ވަޓްސް އެޕް އިން ބުނީ އެކުންފުނީގެ އުސޫލުތަކާ ހިލާފުނުވާނެ ކަމަށާއި ވަޓްސް އެޕް މެދުވެރިކޮށް ޒާތީ މުވާމަލާތްތައް ވެސް ކުރާއިރު އެ މެސެޖުތައް ބަލަން ބޭނުން ނުވާ ކަމަށެވެ.

އިންޑިއާގެ އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލަޖީ މިނިސްޓްރީ އިން ބުނެފައި ވަނީ ދޮގުހަބަރު ފަތުރާ މީހުން ފޮނުވާ ލިންކުތައް ޓްރެކްކޮށް އެ ލިންކުތައް ނުފޮނުވޭނެ ގޮތެއް ހެދުމަކީ ނުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެކަމަށް ހައްލެއް ހޯދަން އެ މިނިސްޓްރީން ވަނީ ވަޓްސް އެޕް އަށް ގޮވާލައިފަ އެވެ.

ދޮގު ހަބަރު ފެތުރުމާދެކޮޅަށް ވަޓްސް އެޕް އިން ވަނީ އިންޑިއާގައި ކެމްޕެއިނެއް ވެސް ފަށައިފަ އެވެ. އެކުންފުނިން ބުނީ އަމާޒަކީ އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް ދޮގު ހަބަރު ފެތުރުން ހުއްޓުވުން ކަމަށެވެ.

comment ކޮމެންޓް