ވާވޭގެ 5ޖީ ބަލައި ނުގަންނަން އޮސްޓްރޭލިއާ އިން ނިންމައިފި

ވާވޭ އަކީ ދުނިޔޭގެ އެންމެ ބޮޑު ޓެލެކޮމިއުނިކޭޝަން ކުންފުނިތަކުގެ ލިސްޓުގެ ކުރީގައި ގުނާލެވޭނެ ކުންފުންޏެކެވެ. ޚާއްސަކޮށް ޓެލެކޮމިއުނިކޭޝަން އާލާތްތައް އުފެއްދުމުގައި ވާވޭ އަކީ ދުނިޔޭގެ އެއްވަނަ އެވެ. އެމެރިކާގެ މުވާސަލާތީ ކަންތަކުގައި ވާވޭ ބައިވެރިނުކުރަން އެގައުމުގެ ސަރުކާރުން ނިންމާފައިވަނިކޮށް އޮސްޓްރޭލިއާ އިންވެސް މިވަނީ އެގައުމަށް 5ޖީ ނެޓްވޯކު ފޯރުކޮށްދިނުމުގައި ވާވޭ ބައިވެރި ނުކުރަން ނިންމައި އެކަން އެކުންފުންޏަށް އަންގައިފަ އެވެ.

ފައިވް ޖީ ޓެކްނޮލަޖީގައި ދުނިޔޭގައި މިހާރު އެންމެ ކުރިހޯދާފައިވާ ކުންފުނިން ބުނެފައި ވަނީ އޮސްޓްރޭލިއާ އަށް 5ޖީ ޓެކްނޮލަޖީ ފޯރުކޮށްދިނުމަށް އެކުންފުންޏަށް މަނާކުރުމަކީ އޮސްޓްރޭލިއާގައި ތިބި ވާވޭގެ ކަސްޓަމަރުންނަށް ނާއިންސާފެއް ކަމަށެވެ.

އޮސްޓްރޭލިއާ ސަރުކާރުގެ މި ނިންމުމަކީ ވާވޭ އާއި ޗައިނާގެ ސަރުކާރާ އޮންނަ ގާތް ގުޅުމުގެ ސަބަބުން ނިންމި ނިންމުމެއް ކަމަށްވެ އެވެ. އޮސްޓްރޭލިއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޮސްޓްރޭލިއާގެ ގާނޫނުތަކާ ޚިލާފަށް މަސައްކަތްކުރާ ކުންފުނިތަކަށް އެގައުމުގައި ވިޔަފާރި ކުރުމުގެ ހުއްދަ ދެވެން ނޯންނާނެ ކަމަށެވެ.

އެކަމާ ގުޅިގެން ވާވޭ އިން ބުނީ ސެކިއުރިޓީގެ ހަމަތަކަށް ބަލާއިރު ވެސް އެއްވެސް މައްސަލައެއް ނުޖެހި އޮސްޓްރޭލިއާ އަށް އިންޓަނެޓް ފޯރުކޮށްދޭތާ 15 އަހަރު ވެފައިވާ ކަމަށެވެ.

ވާވޭގެ އިތުރުން ޗައިނާގެ ޒީޓީއީ ކުންފުނިން ވެސް އޮސްޓްރޭލިއާގައި 5ޖީ ނެޓްވޯކު ފޯރުކޮށްދިނުން އޮސްޓްރޭލިއާ ސަރުކާރުން ވަނީ މަނާކޮށްފަ އެވެ. އޮސްޓްރޭލިއާގެ ނިންމުމާ ގުޅިގެން ޗައިނާ ސަރުކާރުން ބުނެފައި ވަނީ އެ ގައުމުގެ ވިޔަފާރިތަކަށް ދަތިކުރާތީ ކަންބޮޑުވާ ކަމަށެވެ.

ވާވޭ އާއި ޒީޓީއީ އަކީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކުންފުނިތައް ކަމަށްބަލާ އޮސްޓްރޭލިއާ އާއި އެމެރިކާ އަދި އިނގިރޭސިވިލާތުން ވަނީ އެ ގައުމުތަކުގައި ވާވޭގެ އުފެއްދުންތައް މަނާކޮށްފަ އެވެ.

comment ކޮމެންޓް