ބޭރުގެ ގައުމަކުން ރާއްޖެ ހިފަން ޖެހޭ ހާލަތެއް އޮންނާނެ ކަމަށް ގަބޫލެއް ނުކުރަން: އަދާލަތު

އާދާލަތު ޕާޓީން މީގެކުރިން އާޓިފިޝަލް ބީޗުގައި ބޭވި އެ ޕާޓީގެ ޖަލްސާއެއްގެ ތެރެއިން --- ސަން ފައިލް ފޮޓޯ : މުހަންމަދު އަފްރާހް

ބޭރުގެ އެއްވެސް ގައުމަކުން ރާއްޖެ އިސްތިއުމާރުކުރަން ޖެހޭ އެއްވެސް ހާލަތެއް އޮންނާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް އަތާލަތު ޕާޓީން ބުނެފި އެވެ.

ސެޕްޓެމްބަރު 23ގައި ބާއްވާ ރިޔާސީ އިންތިހާބު އޮޅުވާލުމުގެ އަމަލެއް ހިންގައިފި ނަމަ އިންޑިއާ އިން ރާއްޖެ ހިފަން ޖެހޭ ކަމަށް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ސުބްރަމާނިއަން ސުވާމީ ވަނީ ޓްވީޓްކޮށްފަ އެވެ. އެ ވާހަކަތައް ކުށްވެރިކޮށް އަދާލަތު ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ވަކި ފަރުދެއްގެ އެ ގޮވާލުމަކީ އިންޑިއާގެ ސަރުކާރާއި ރައްޔިތުން ރާއްޖެއާއި ދިވެހިންނާއި މެދު ދެކޭ ގާތް އަވައްޓެރިކަމުގެ ނަޒަރާ ހިލާފު ގޮވާލުމެއް ކަމަށެވެ.

"ބޭރުގެ އެއްވެސް ގައުމަކުން ދިވެހިރާއްޖެ އިސްތިއުމާރުކުރަން ޖެހޭ އެއްވެސް ހާލަތެއް އޮންނާނެ ކަމަށް އަދާލަތު ޕާޓީން ގަބޫލެއް ނުކުރަމެވެ. އަދި ދިވެހިރާއްޖޭ އަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ މިނިވަން މުސްތަގިއްލު ދައުލަތެއްކަން ވެސް މި ފުރުސަތުގައި ފާހަގަކަރަމެވެ،" އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ރާއްޖެއާ އެންމެ އަވައްޓެރި ގައުމެއްގެ ގޮތުގައި އިންޑިއާ އޮވެ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ވެސް ރާއްޖެ އިސްތިއުމާރު ކުރުމުގެ އަމެލެއް ނުކުރާނެކަން ސާބިތުކޮށްދީފައިވާކަން އަދާލަތުން ފާހަގަކުރި އެވެ.

"އިންޑިއާ އާއި ރާއްޖެއާ މެދު އިތުބާރާއި ޔަގީންކަމުގެ މައްޗަށް ބިނާވެ ކުރިއަރަމުން އަންނަ ސިޔާސީ އިގްތިސާދީ އަދި އަސްކަރީ ގާތް ގުޅިމެއް އޮތުމަކީ ދެ ގައުމަށް ވެސް އެންމެ ފައިދާހުރި ގޮތްކަމުގައި އަދާލަތު ޕާޓީން ގަބޫލުކުރަމެވެ،" އެ ބަޔާނުގައިވެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ މިނިވަންކަން ކަށަވަރުކުރުކޮށް ރައްޔިތުންގެ ވެރިކަމެއް ރާއްޖޭގައި ގާއިމްކުރުމަށް ބައިނަލްގްވާމީ މުޖުތަމައުން ކުރާ މަސައްކަތުގައި އިންޑީއާ އިން އަދަކުރާ އިސްދައުރަ ބަލައިގެނެ އަކަން ފާހަގަކުރާ ކަމަށް ވެސް އަދާލަތުގެ ބަޔާނުގައިވެ އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ކުރެއްވި ޓްވީޓާ ގުޅިގެން ރާއްޖޭގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ވެސް ކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް