ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން: ޑިފެންސް މިނިސްޓަރު

މިނިސްޓަރު އާދަމް ޝަރީފް އުމަރު--- ސަން ފޮޓޯ: ފަޔާޒު މޫސާ

ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ވެސް ކުރައްވާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ޑިފެންސް މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު، ސެޕްޓޭމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިހާބު އޮޅުވާލައިފި ނަމަ އިންޑިއާއިން ރާއްޖެ ހިފަން ޖެހޭނެ ކަމަށް އެ ގައުމުގެ ރާޖަ ސަބާގެ މެމްބަރު ސުބްރަމާނިއަން ސުވާމީ މިއަދު ވަނީ ވިދާޅުވެފަ އެވެ. ޑިފެންސް މިނިސްޓަރުގެ ޕޯސްޓަކީ އެކަމަށް ދެއްވި ރައްދެއް ކަމަށް ބެލެވެއެވެ.

މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ރާއްޖެ އަކީ އަމިއްލަ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ދެމެހެއްޓުމުގެ ގާބިލުކަން ލިބިގެންވާ ގައުމެއް ކަމަށެވެ.

"ދިވެހީންގެ ކަންކަން ނިންމާނީ ދިވެހިންނެވެ. ދިވެހި ރާއްޖޭގެ އެއްވެސް ކަމަކަށް ބޭރު ބަޔަކު ވަންނާކަށް ނުވަތަ ވައްދާކަަށް ނުޖެހޭނެ އެވެ. އެ ފުރުސަތު ދިވެހިން ނުދޭނެ އެވެ. ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ދެމެހެއްޓުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރާނަމެވެ." ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ރާއްޖޭއާ އެހެން ގައުމުތަކާ އޮންނަ ރަހުމަތްތެރިކަމުގެ ގުޅުމަށް ބުރޫ އަރާ ގޮތަށް ކަންތައް ނުކުރުމަށް ހުރިހާ ފަރާތްތަކަށް ގޮވާލައްވާފަ އެވެ.

މިދިޔަ ހަފްތާގައި ސްރީ ލަންކާއަށް ކުރެއްވި ދަތުރުފުޅެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ބައްދަލުކުރެއްވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި ސުބްރަމާނިއަން ވިދާޅުވީ، ރާއްޖެއިން އިންޑިއާ ލަދުގަންނަވާލައިފައި ވާތީ އާއި އަވަށްޓެރި ގައުމެއްގެ ހައިސިއްޔަތުން، ރާއްޖޭގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލުމަށް އިންޑިއާއިން ފުރުސަތު ނުދޭނެ ކަމަށެވެ.

އޭނާ މިހެން ވިދާޅުވެފައިވާ އިރު ސުޕްރީމް ކޯޓުން ފެބްރުއަރީ އެކެއްގައި ނެރުނު އަމުރު ބާތިލްކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މީގެ ކުރިން ވަނީ އިންޑިއާ ސިފައިން ރާއްޖެއަށް އެރުމަށް ގޮވާލައްވައިފަ އެވެ. އެކަމާ ގުޅިގެން އޭރު ނަޝީދަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.

comment ކޮމެންޓް