އަދާލަތު ޕާޓީގެ ޝަޚްސު އޮޅުވާލި ކަމަށް ބުނެ މައްސަލަ ފުލުހަށް ހުށަހަޅައިފި

އަދާލަތު ޕާޓީގެ ނަމުގައި ބަޔަކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި އެ ޕާޓީން ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަދާލަތުގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އެ ޕާޓީގެ ޝަޚްސު އޮޅުވާލި ކަމަށް ބުނެ، ފަސް މީހަކާ ދެކޮޅަށް އަދާލަތު ޕާޓީ އިން ފުލުހަށް މައްސަލަ ހުށަހަޅައިފި އެވެ.

އަދާލަތު ޕާޓީގެ އާންމު މެމްބަރުން ކަމަށް ބުނާ ބަޔަކު އެ ޕާޓީގެ ބައެއް އިސް ލީޑަރުންގެ އަމަލުތަކާ ބެހޭގޮތުން ކަންބޮޑުވުން ފާޅު ކުރަން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ މި މަހުގެ 13 ވަނަ ދުވަހު އެވެ. އެއީ ޝަހްސު އޮޅުވާލުމުގެ އަމަލެއް ކަމަށް ބުނެ އެ ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ސޮއި ކުރައްވައި މިއަދު ވަނީ ފުލުހުންގެ އިދާރާއަށް ސިޓީއެއް ފޮނުއްވާފަ އެވެ.

މި މައްސަލަ ތަޙްޤީޤްކޮށްދިނުމަށް އެދި ފުލުހުންނަށް އަދާލަތު ޕާޓީން ފޮނުވާފައިވާ ސިޓީގައި އެޕާޓީގެ ނަމުގައި ޝަޚްސު އޮޅުވާލާފައިވާ ކަމަށް ބުނާ ފަސް މީހެއްގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރުމަށް ވަނީ އެދިފައެވެ. އެ ފަސް މީހުންނަކީ ވ.ތިނަދޫ ރެޑް ހައުސް މުޙައްމަދު ރާޝިދާއި، ހއ.މުރައިދޫ އަންގޫރުމާގެ ހުސައިން ރިޔާޟް އާއި، ދަފްތަރު ނަމްބަރު 676 އިބްރާހިމް ޝަރާޙް އާއި، ނ. މާފަރު ފަސްމީރު އަޙްމަދު ޙާޝިމެވެ.

އަދާލަތު ޕާޓީން ބުނީ ޤާނޫނުލް އުޤޫބާތުގެ 312 ވަނަ މާއްދާގެ (ހ) ގެ އެއް ވަނަ ނަންބަރާއި ތިން ވަނަ ނަންބަރު އަދި 312 ވަނަ މާއްދާގެ (ހ) ގެ އެއް ވަނަ ނަންބަރާއި ދެވަނަ ނަންބަރުން އެ ޕާޓީގެ ޝަޚްސަށް ލިބިގެންވާ ޤާނޫނީ ރައްކާތެރިކަން އެމީހުން ނިގުޅައިގަނެފައިވާ ކަމަށެވެ.

އަދާލަތު ޕާޓީގެ އާންމު މެމްބަރުން ކަމަށް ބުނާ ބަޔަކު އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ އެ ޕާޓީގެ ލީޑާޝިޕުން އަމަލު ކުރަމުން އަންނަނީ ޕާޓީ އުފެއްދި މަގުސަދާ ހިލާފަށް ކަމަށެވެ. އަދި ޕާޓީއަށް ލިބޭ ފައިސާއަށް ވާގޮތެއް ނޭނގޭ ކަމަށާއި އެކަން ވެސް އޮޅުން ފިލުވަން ބޭނުންވާ ކަމަށް އެ މީހުން ވަނީ ބުނެފަ އެވެ.

މީގެ ކުރިން ވެސް ޕާޓީއެއްގެ ދިދައާއި ލޯގޯ ހުއްދައާ ނުލައި ބޭނުން ކުރުމުން ޝަހްސު އޮޅުވާލުމުގެ ދައުވާ ކޮށްފައިވެ އެވެ. އެގޮތުން ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ޕީޕީއެމްގެ ދިދައާއި ލޯގޯ ހުއްދައާ ނުލައި ބޭނުން ކުރި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށް ވަނީ ހަތަރު މަހާއި 24 ދުވަހުގެ ހުކުމެއް ކޮށްފަ އެވެ.

comment ކޮމެންޓް