ހިމާޔަތެއް ނެތިފައި

18 ސެޕްޓެމްބަރ 2011 އާގުޅޭ

"އެއީ ބޮޑު މުސްކުޅިއެއްނު، އޭނަ އާއި ކައިވެނިކުރަން ލައިބާ ގަބޫލުތަ؟" ޔަޒާންއަށް އަޒުރާގެ ވާހަކަ މެދުކަނޑާލަމުން އަހާލެވުނެވެ.
"އޭނަ ގަބޫލުތޯ ބަލަންޖެހޭކަމެއް އަހަރެން ނުދެނަހުރިން، އެހެންނޫނަސް އޭނައަށްވެސް މިހާރު އެނގޭނެ މަނިކު އޭނަގެ ކައިވެންޏަށް ބޭނުންވެގެން އައިކަން، ލައިބާއަށް ޖެހޭނީ އަހަރެން ބުނިހާ ގޮތެއް ހަދަން، މަށަށް ރަނގަޅީ ވީހާވެސް އަވަހަކާ މަގޭ ކުރިމަތިން އޭނަ ދިއުން...." އަޒުރާ އާފުރެލަމުން ބުނެލިއެވެ. ޔަޒާން މަޑުމަޑުން ތެދުވެ އަޒުރާ ހަމަޖެހުލުމަށް ތަންދެއްކިއެވެ.
"އެ މަނިކު އާއި ތިހާ ރުހިގެން ތިއުޅެނީ އޭނަ ކޮންމެވެސް އެއްޗެއް ދިނީމަ ދޯ، ބުނެބަލަ، އޭނަ ކީއްތަ ކޮއްދީގެން ތިއުޅެނީ، އަހަރެން ކައިރީވެސް ބުނެލުން ރަނގަޅު ކަންނޭގެ" ޔަޒާން ބޮޑުއަށީގައި ދެފައި އެލުވާލައިގެން އިނދެ ބުނެލިއެވެ. ޔަޒާންއަށް އަޒުރާގެ ގޮތް ވަރަށް ރަނގަޅަށްއެނގެއެވެ. އަޒުރާ އޭނައަށް އެކަމަކުން ފައިދާއެއް ނުވާގޮތަކަށް އެއްވެސްކަމެއް ނުކުރާނެއެވެ.
"އޭނަ...އޭނަ...މާބޮޑު ކަމެއް ނުކުރޭ" އަޒުރާ އެހެން ބުނެލިގޮތުންވެސް އޭނަ ޔަޒާންއަށް ކަމެއް ފޮރުވާކަން އެނގުނެވެ.
"ލައިބާ ކައިވެނި ކުރަން ވަލީ ނުލިބިއްޖެއްޔާ، ދެން ކިހިނެތްވާނީ..." ޔަޒާން ބުނެލިއެވެ. ޔަޒާން ހީކުރީ އޭނަގެ އެޖުމްލައިން އަޒުރާ ކަންބޮޑުވާނެކަމަށެވެ.
"ކީއްވެ ނުލިބެންވީ، އަހަރެން މިއައީ ވަލީ ދޭނެވަރުގެ މީހަކާއި ވާހަކަދައްކާފައޭ" އަޒުރާ ޔަގީންކަމާއިއެކު ބުނެލިއެވެ. މިފަހަރު ކަންބޮޑުވީ ޔަޒާންއެވެ. ހަގީގަތުވެސް ލައިބާ އެގެއިން ދާނެކަން އަޒުރާގެ ވާހަކައިން ޔަގީންވާތިއެވެ.
"އަހަންނެއްނޫންތަ ވަލީދޭން ޖެހެނީ.........." ޔަޒާން އަނެއްކާވެސް ޔަގީންކޮއްލިއެވެ.
"އާން، އަހަރެން އޭރު އެހެން ބުނީ ޒާން ބުނަނީ ކީކޭތޯ ބަލަންވެގެން، މިހާރު އެނގިއްޖެ ޒާން އެހާ ގަބޫލެއްނޫންކަން މިކައިވެންޏާއި ދޭތެރޭ، އެހެންނު" އަޒުރާ ބުނިއެއްޗަކުން ޔަޒާން ސިހުނެވެ.
"އަހަންނަށް އެނގޭ މަނިކު ކޮންމެވެސް އެއްޗެއް ދީގެންކަން ތިހާވަރަކުން ތިއުޅެނީ، ބުނެބަލަ، ކޮންއެއްޗެއްތަ ދިނީ....ވަރަށް އަގުހުރި އެއްޗެއްތަ؟" ޔަޒާން ފާޑަކަށް ހީލަމުން އަހާލިއެވެ.
"އޭނަ ކޮންމެ އެއްޗެއް ދިނަސް ވަރިހަމައެއްނު، އެކަމާ ޒާން އަކާއި ކޮންކަމެއް، އަހަރެންނޭ ލައިބާ މަނިކުއަށް ދޭން އެއްބަސްވީ" އަޒުރާ ޔަޒާންގެ މައްޗަށް ގަދަވެލާ އުސޫލުން ބުނެލިއެވެ.
ޔަޒާންއަށް މިހާދުވަސް ވީއިރު އަޒުރާގެ ގޮތްއެނގި އޭނަ ސިއްރުކުރާ އެތަށްކަމެއް އޭނަގެ އަނގައިން ނެރޭނެ އެތަށް އުކުޅެއް އޭނައަށް އެނގެއެވެ. އަޒުރާއަށް މާގިނައިރަކު ޔަޒާންއަށް ހަގީގަތެއް ނުފޮރުވުނެވެ. އޭނައަށް މަނިކު ދިން ކުޑަކުޑަ ހަދިޔާގެ ވާހަކަ ޔަޒާން ކައިރީ ބުނެވުނެވެ. އެއާއެކު ޔަޒާން އެފައިސާތައް ބަލަން ބޭނުންވިއެވެ. އަޒުރާ އާއިއެކު އޭނަގެ ކޮޓަރިއަށް ގޮސް އެއީ ތެދެއްތޯ އޭނަ ޔަގީންކުރިއެވެ. އޭނަވެސް ހުރީ އެހާގިނަ ފައިސާ އެއްތަނަކުން ފެނި އަޖައިބުވެ އަންތަރީސްވެފައެވެ. އަޒުރާ އަވަސް އަވަހަށް އަލަމާރިތެރޭ ކުރިންވެސް ފޮރުވާފަ ހުރިގޮތަށް ފައިސާތައް ފޮރުވާލިއެވެ.
ފާހާނާއަށް ވަތްގޮތަށް ނުނިކުންނަން ލައިބާގެ ހިތަށްއެރިއެވެ. އޭރުންވެސް އޭނައަށް ޔަޒާންގެ ފަރާތުން ސަލާމަތެއް ނުވެވޭނެއެވެ. ލައިބާ ފާހާނާ ގެ ދޮރުގައި ލެނގިލައިގެން ހުއްޓެވެ. އޭރު ޔަޒާން ފާހާނާ ދޮރުކައިރީ ހުރެ އެތަނުން ނުކުތުމަށް ލައިބާ ކައިރީ ބުނަމުންދިޔައެވެ.
"ކަލޭ މަނިކު އާއި ކައިވެނި ކުރިޔަސް އަހަރެން..." ޔަޒާން ދޮރުކައިރީ ހުރެ ބުނެލިއެވެ.
އަޒުރާ ޔަޒާން ގާތު އެވާހަކަ ދެއްކީކަން ލައިބާއަށް އެނގުނެވެ. ރަނގަޅު އެއްގޮތްވެސް ނެތެވެ. އެމުސްކުޅި މީހާ އާއި ކައިވެނިކޮއްގެން އެގެއިން ދިޔަޔަސް ޔަޒާންގެ ފަރާތުން ސަލަމާތެއްނުވެވޭނެއެވެ. އަނެއްކޮޅުން އެހާ މުސްކުޅި މީހަކާ ލައިބާ ކައިވެނި ކުރާކަށް ބޭނުމެއްވެސް ނޫނެވެ. ލައިބާ މަޑުމަޑުން އޭނަގެ ކަރުއެލުވާލަމުން ފާހާނާ ދޮރުގައި އިން ތަންޑުނައްޓާލިއެވެ. ތަންޑުނެއްޓިގެން ދިޔަ އަޑާއިއެކު ޔަޒާން ދޮރުގައި ހިފާ އެތެރެއަށް ކޮއްޕާލިއެވެ. ދޮރުގެ ފަހަތުގައި ހުރި ލައިބާ ދޮރާއެކު ކުއްލިއަކަށް ފަހަތަށް ދިޔައެވެ.
"ކޮންމެ ފަހަރަކު ތިހެން އުޅެން ޖެހޭތަ، އަހަރެން ބޭނުންވެގެން ބުނީމަ ގަބޫލުވީމަ އެހިސާބުން އެނިމުނީނު، ލައިއަށްވެސް އަނިޔާވުން ކުޑަވާނެއެއްނު، އަހަރެންވެސް ބޭނުމެއްނޫނޭ ކޮންމެހެން އަނިޔާކުރާކަށް..." ޔަޒާންއަށް ފާހާނާގައި ހުރި ލައިބާ ފެނުމުންބުނެލިއެވެ.
"އަހަރެން ގަބޫލުނުވާކަން އެނގޭއިރު ކަލޭ މަށާ ދުރުގަ ހުންނަންވެއްޖެއެއްނު، އަހަރެން މިއިން އެއްވެސް ކަމެއް ކުރާކަށް ބޭނުމެއްނޫނޭ.... މިގޭގަ އަޒުރާ އެހެރީނު، އެވަރުން ނުވަނީތަ، ހަމަ ކޮންމެ ރެއަކު މަށަށް އުނދަގޫއެބަ ކުރެޔޭ" ލައިބާ ފާހާނާތެރޭ ނުނިކުންނަން ކަހަލަ ގޮތަކަށް ހުރެ ވާހަކަދެއްކިއެވެ. އެއަޑުގައި ނަފުރަތާއި ރުޅިވެރިކަން އެކުލެވިފައިވިއެވެ.
"ކަލޭ މަނިކުއާއި އިންނަންވާއިރަށް ރަނގަޅު ހަދިޔާއެއް މަވެސް ދޭނަން" ޔަޒާން ލައިބާގެ އަތަށް ދަމައިގަންނަމުން އޭނަ ފާހާނާއިން ނެރުނެވެ. އޭނަ އާއި އަޒުރާގެ ގުޅުމުގެ ވާހަކަ ލައިބާ ގޮވާލާ ކޮންމެ ފަހަރަކު ރުޅިއާއިގެން އޭނަގެ މޫނު ރަތްވެގެންދެއެވެ. އެވާހަކަތައް ލައިބާ ޔަޒާންއަށް ބުނުމުގެ ބޭނުމަކީ އެއީއެވެ. އެކަމުގެ ސަބަބުން ޔަޒާންއަށް ނުތަނަވަސްކަން ލިބޭތީއެވެ. ހީވާގޮތުން އެއީ އޭނަ ލައިބާގެ ފަރާތުން އަޑުއަހަން ބޭނުންނުވާ ވާހަކައަކެވެ. ޔަޒާން ލައިބާއަށް ބާރުފޯރުވަމުންދިޔައެއް ކަމަކު އޭނަ ދެކޮޅު ހެދުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރިއެވެ.
ހެނދުނު ދިހައެއްޖަހައިގެން ދިޔައިރުވެސް ގޭތެރެއިން އަޒުރާ އާއި ޔަޒާންގެ ހަބަރެއްނުވެއެވެ. ލައިބާ ބަދިގެ ފަރާތުގައި އެއްޗެހި ހޫނުކުރުމާއި މެންދުރަށް ކާއެއްޗެއް ތައްޔާރު ކުރުމުގައި އުޅެއެވެ. އެހެންދުވަސް ދުވަހާއި ހިލާފަށް ގޭދޮށުގައި އަޑުގަދަހެން ހީވެ ލައިބާ ދޮރުކައިރިއަށް ނުކުތެވެ. އޭރު ފަސްވަރަކަށް މީހުން އެގޭ ފާރާއި ހައްވަދައިތަމެންގޭ ފާރާޖެހުނު ހިސާބުގައި ތިއްބެވެ. ހައްވަދައިތަވެސް ފާރުބުރި ކައިރީ އެމީހުން ދައްކާ ވާހަކައެއް އަޑުއަހަން މަޑުކޮއްލައިގެން ހުއްޓެވެ. މަނިކު ފިހާރަ ނުހުޅުވާކަން ލައިބާއަށް ފާހަގަ ކުރެވުނެވެ. އެހެންނަމަވެސް މަނިކުގެ މަތިން ހަނދާންވުމާއިއެކު ވީފޫހިން އޭނަ އަނެއްކާވެސް ވަނީ ގޭތެރެއަށެވެ. އަދި އޭނަގެ އާދައިގެ މަސައްކަތަށް ރުޖޫއަވިއެވެ.
ރަށުތެރޭ ވާހަކައެއް ފެތުރޭކަށް މާގިނައިރެއްނުނެގިއެވެ. އަޒުރާ ގޭންނިކުތީ އާދައިގެ މަތިން ހަވީރު ފިންޏަށް އަވިނިވާލިފަހުންނެވެ. ރަށުތެރޭގައި ދެކެވެމުންދިޔަ ވާހަކަތައް އަޒުރާގެ ކަންފަތާއި ހަމައަށް ފޯރީ އެވަގުތުއެވެ. އޭނައަށް ތެޅިގަނެވުނެވެ. އަދި އަވަސް އަވަހަށް ހުރިތަނުން ގެއަށް އައެވެ. އެންމެ ފުރަތަމަވެސް އޭނަބެލީ އޭނަގެ އަލަމާރީގައި ފޮރުވާފައި ހުރި ރުފިޔާތަކަށެވެ.
"ބާކީބައި ދޭނެކަމުގެ ޔަގީންކަން ދީފަ..." އަޒުރާއަށް ރުފިޔާތައްނަގާ މޭގައި ޖައްސާލެވުނެވެ. އަދި ރަށުތެރޭ ދެކެވޭ ވާހަކައަކީ ތެދެއްބާއޭ ހިތަށްއެރިއެވެ. އަވަސް އަވަހަށް ރުފިޔާތައް ހުރިގޮތަށް ބަހައްޓާފައި އަލަމާރި ލައްޕާތަޅުލުމަށްފަހު އޭނަ ބޭރަށް ނުކުތީ ކަމުގެ ހަގީގަތް އޮޅުންފިލާތޯއެވެ.
"ތިހިރަގޭ އާސިޔަތު ބުނި، މަނިކުގެ ދަރިބުންޏޯ ކިޔާފަ، އޭނަ މިތާ ކައިރިއޮންނަ ފަޅުރަށަށް ދިޔައީކަމަށްވެދާނެއޯ، އެކަމަކު ވަރަށް މަދުންނޫނީ ނުބުނެ ނުދާނެއޯ، އޭނަގެ ދަރިއާއި އަންހެނުން އެހާ ހާސްވެގެން އުޅޭހެންނެއް ހިޔެއްނުވޭ..." ހައްވަދައިތަ ޖޯލީގައި އިނދެ އަޒުރާއަށް ބުނެލިއެވެ.
"ދެން އޭނަ ހޯދަން އައީ ކީއްކުރަންށޯ؟ ބައެއްމީހުން އެބަ ކިޔާ މަނިކު ދިޔަތަނެއް އޭނަގެ ދަރިއަށްވެސް ނޭގެއޭ، މަނިކު އުޅެނީ ވަކިންނޯ" އަޒުރާ ހައްވަދައިތައަށް އެނގިފައިވާ އެއްޗެއް އޮޅުންފިލުވަން މަސައްކަތްކުރަމުންދިޔައެވެ.
"ނޭގެ އެއްގޮތަކަށްވެސް ތިކަމުގެ ހަގީގަތެއް، މަނިކުގެ ދަރިމީހަކާއި އިނދެގެން އުޅެނީ ވަކިން ގެއެއްއަޅައިގެން އެގޭގަ، މަނިކު އުޅެނީ އަދިވެސް އޭނަގެ ގޭގައި، ކޮންމެ ރެއަކު ފިހާރަ ނިންމާފަދަމުން އެސޮރުކައިރިއަށް ވަދެފަޔޯ ދާނީ، އެކަމަކު ރޭގަ ނާދެޔޯ، އެމީހުން ހީކުރީ ވިއްސާރަވީމަ މަނިކު ގެއަށް ދިޔައީކަމަށް، އެކަމަކު ގެހުރީ ތަޅުލާފަކަމަށްވަނީ، ދެން އެމީހުން އެތިބީ މަނިކު އޭނަގެ ނަންމައްޗަށް އޮންނަ ފަޅުރަށް މިއޮތީނު މިތާކައިރީ، އެރަށަށް އޭނަ ދިޔައީ ކަމަށް ހީކޮށް، އެމީހުން ބުނަނީ ދެދުވަހެއް ތެރޭ އެންމެ ލަސްވެގެން އޭނަ ރަށަށް އަންނާނެކަމަށް، ކުރިންވެސް ދެފަހަރަކު އެގޮތަށް މަނިކު ނުބުނެ އެރަށަށް ގޮސްފައިވާކަމަށް...އަޒުރާ މިހުރިހާ ކަމަކާ ތިހާ ޝައުގުވެރިވެގެން ތިއުޅެނީ ކީއްވެތަ؟" ހައްވަދައިތަ ހުރިހާ ވާހަކައެއް ކިޔާދީ ނިމުމާއިއެކު ސުވާލުކޮއްލިއެވެ.
"ކަމެއްނުވޭ، އަހަރެން ހީކުރީ އެމަނިކު ވީނުވީއެއް ނޭގި ގެއްލުނީކަމަށް، މިރަށުގަ އަދި އެކަހަލަ ކަމެއްނުވެއެއްނު ދޯ ހައްވަދައިތާ، އެންމެ ގަދައަށް މިރަށުތެރޭ ދެކެވުނު ވާހަކައަކީ އެކޮޅުއަވަށު އާދަނުގެ އަންހެނުން ދަންޖެހިގެން މަރުވިވާހަކަ، އޭގެ ފަހުން ކަމެއްނުހިނގާތާ" އަޒުރާ އޭނަގެ ހާސްކަންފޮރުވަން މަސައްކަތްކުރަމުން ބުނެލިއެވެ.
ހައްވަދައިތަގެ ވާހަކައަޑުއިވި އަޒުރާއަށް ކުޑަނަމަވެސް ހަމަޖެހުމެއްލިބުނެވެ. އެހެންނަމަވެސް އޭނައަށް ފުރިހަމަކާއިއެކު ހަމަނޭވާލެވޭނީ މަނިކު ލައިބާ އާއި ކައިވެނިކޮށް އޭނަ ދޭންބުނި ފައިސާއެއްކޮށް ދީނިމުނީމައެވެ. ދުވަހުގެ ބާކީ އޮތް ހުރިހާ ވަގުތެއް އަޒުރާ ވޭތުކުރީ މަނިކުގެ ހިޔާލުގައެވެ.
ވަގުތު ކައިރިވުމާއިއެކު ޝިޔާޒު ސައިކަލުގައި ނުކުތީ އަޝްހަރު ހުރިތަނަކުން އޭނަ ގޮވައިގެން އަޒުރާމެންގެއަށް ދިއުމަށެވެ. ވެހެމުންދިޔަ ހިމަފޮދުވާރެއިން އޭނައަށް އެއްވެސް ކަހަލަ އުނދަގުލެއްނުވާތީ އެކަމަށް އެއްވެސް ފަރުވާލެއްނެތެވެ. ވަށައިގެން އަނދިރިކަން ވެރިވެފައިވިއެއްކަމަކު ސައިކަލުގެ ހެޑްލައިޓުން މަގަށް އަލިކުރަމުންދިޔައެވެ. އަޝްހަރު އެވަގުތު ހުރީ އޭނަގެ ގޭގައި ކަމަށްވުމާއިއެކު ޝިޔާޒުގެ މިސްރާބުވެސް ހުރީ އެގެއަށް ދިއުމަށެވެ. އެހެންނަމަވެސް އޭނައަށް ސައިކަލުގައި ދުއްވެމުންދިޔައީ ހަމައެއްމަގުތަކަކުންކަން ފާހަގަ ކުރެވުނީ ތިންފަހަރުމަތިން ރަށު އަންހެނުން ބަށިކުޅޭ ހުސްބިން ފެނުމުންނެވެ. ކުއްލިއަކަށް މަގަށް ސަމާލުކަން ދޭންފެށިއެވެ. އެކިމަގުތައް އަޅައިގެންވެސް ޝިޔާޒުއަށް އާދެވެނީ ހަމައޭނަ ސައިކަލުގައި ނައްޓާލި ހިސާބަށެވެ. މިވާގޮތެއް އޭނައަށް ނޭގުނެވެ. އާދައިގެ ކަމެއްނޫންކަން އޭނައަށްވެސް އެނގެއެވެ. އަވަސް އަވަހަށް ޖީބުގައި އޮތް ފޯނުނެގިއެވެ. އިތުރު ހައިރާންކަމެއްވެރިވެގެންދިޔައީ ފޯނު ނިވިފައި އޮތުމުންނެވެ.
"ގައިމު އަހަރެން ފޯނު ޗާރޖަށް ޖަހާފަ ބާއްވާފަ މިއައީ ހިފައިގެން، އަނެއްކާ ރަނގަޅަށް ބަލާނުލެވުނީބާ، މިރޭ މިޖެހުނީ ކިހާވަރުގަދަ ކަމެއް" ޝިޔާޒުއަށް ހަދާނެގޮތް ހުސްވުމުން ބުނެލެވުނެވެ. އަދި ވަށައިގެން އޭނަ މަޑުކޮއްލައިގެން ހުރި މަގަށް ބަލާލެވުނެވެ. އެއީ އާމުކޮށް އޭނަ ދުއްވާމަގެވެ. ދެން ނުދެވިގެން މިއުޅެނީ ކީއްވެބާއޭ އޭނަގެ ހިތަށްއެރިއެވެ. އަނެއްކާވެސް ސައިކަލު ދުއްވާލީ ކުރިއަށް ދިއުމަށެވެ. ޝިޔާޒުއަށް ދެންވެސް ކަމެއްފާހަގަ ކުރެވުނެވެ. ދިހައެއް ޖަހާލާހާ އިރު އަދި މީހުން މަގުތަކުން ހުހެއްނުވާނެއެވެ. އެކަމަކު މިރޭ ޝިޔާޒު އާއި ހަމައެކަކުވެސް ދިމައެއްނުވެއެވެ. އެންމެންތައް ފިނިބޮޑުވެގެން ގޭތެރެއަށްވަދެ ރަޖާލީކަންނޭގެއެވެ. ޝިޔާޒު އަތުގައި ފޯނުބާއްވައިގެން ސައިކަލު ހުންގާނު އަނބުރާލަން އުޅުނުވަގުތު އަތުގައި އޮތް ފޯނުވެއްޓުނެވެ. ވަގުތުން ބުރެކި ޖައްސާލުމާއިއެކު ސައިކަލު ހަރުވެސް ޖައްސާލިއެވެ. ފޯނު ވެއްޓުނު ގޮތަށް ކަވަރާ ބެޓެރިވަކިވެގެން ދިޔައެވެ. (ނުނިމޭ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު