ލޯނުތައް ނުދެއްކޭނެ ކަމަށް ބުނެ، ޗައިނާގެ ދެ މަޝްރޫއެއް މެލޭޝިއާ އިން މަޑުޖައްސާލައިފި

މެލޭޝިއާގެ ބޮޑުވަޒީރު މަހާތީރު އަދި ޗައިނާގެ ލީޑަރު ޝީ ޖިން ޕިން އާއެކު--

ލޯނުތައް ނުދެއްކޭނެ ކަމަށް ބުނެ ޗައިނާއިން އެހީވާ ދެ މަޝްރޫއެއް، މެލޭޝިއާ އިން މަޑުޖައްސާލައިފި އެވެ.

މެލޭޝިއާގެ ބޮޑުވަޒިރު މަހާތީރު މުހައްމަދު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލުމަށް ފަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަަކަ ދައްކަވަމުން ވިދާޅުވީ އެ މަޝްރޫއުތައް މަޑުޖައްސާލަން ނިންމެވީ، އެހާ ބޮޑު ޕްރޮޖެކްޓެއް ހިންގުމަށް މެލޭޝިއާގެ ފޯރުންތެރިކަން ހުރި ކަމަށް ގަބޫލުނުކުރެވޭތީ ކަމަށެވެ.

މެލޭޝިއާ އިން ކުރިން ވަނީ ޗައިނާއާ ގުޅިގެން 20 ބިލިއަން ޑޮލަރުގެ އީސްޓް ކޯސްޓް ރެއިލް ލައިން ޕްރޮޖެކްޓެއްގެ އިތުރުން 2.3 ބިލިއަން ޑޮލަރުގެ ގޭސް ޕްރޮޖެކްޓެއް ވެސް ކުރިއަށް ގެންދަން ނިންމައިފަ އެވެ.

"ފޯރުންތެރިކަން ހުރިދުވަހެއް އަންނަންދެން އެ މަޝްރޫއުތައް މިހާރު މިވަނީ މަޑުޖައްސާލައިފައި. ފަހަރެއްގައި އޭގެ ހަރަދު ކުޑަކޮށް ތަފާތުކޮށް ވެސް ކުރެވިދާނެ." މަހާތީރު ވިދާޅުވި އެވެ.

މަހާތީރު ވިދާޅުވީ ހުރިހާ ވެސް މައްސަލައަކީ ދައްކަން ޖެހޭ ލޯނުތައް މާ ބޮޑުވުން ކަމަށާއި އަދި އެ މަޝްރޫއުތައް ކޮންމެހެން މިވަގުތު މެލޭޝިއާއަށް ބޭނުން ވެސް ނުވާ ކަމަށެވެ.

ވެރިކަމަށް އަނެއްކާ ވަޑައިގަތުމުގެ ކުރިން ވެސް މަހާތީރު ވަނީ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގް ޗައިނާއާ ގުޅިގެން ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދާވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ޗައިނާގެ އިތުރުން ސިންގަޕޫރާ އެކު މެލޭޝިއާ އިން ކުރިއަށް ގެންދަން ކުރިން ނިންމާފައި އޮތް ރޭލް ޕޮރެޖެކްޓް ވެސް މަޑު ޖައްސާލުމަށް މެލޭޝިއާ އިން މިހާރު ދަނީ މަޝްވަރާތައް ކުރަމުންނެވެެ.

comment ކޮމެންޓް