ފެންބޮޑުވުމާ ގުޅިގެން ކޮޗިން އެއާޕޯޓަށް 2.3 ބިލިޔަން ރުޕީސްގެ ގެއްލުން

ކޮޗިން އެއާޕޯޓު ---

އިންޑިއާގެ ކެރަލާ ސްޓޭޓުގައި ހިނގި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ވަގުތީ ގޮތުން ބަންދުކުރި ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓަށް 2.3 ބިލިޔަން ރުޕީސް (ގާތްގަނޑަކަށް 33 މިލިޔަން ޑޮލަރު)ގެ ގެއްލުމާ ކުރިމަތިލާން ޖެހިއްޖެއެވެ.

ކެރަލާއަށް ބޯކޮށް ވިއްސާރަ ވެހުމުގެ ސަބަބުން އެ ސްޓޭޓުގެ ބައެއް ކޯރުތައް ބަންޑުންވެ، ފެންބޮޑުވުމާއި ކިސަޑު ފޭބުން ފަދަ ހާދިސާތައް ހިނގާފައިވާ އިރު، އެ ސްޓޭޓުން 350 އެއްހާ މީހުން މަރުވެ، މިލިޔަނެއްހާ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.

ކެރެލާ ސްޓޭޓުގެ ކޮޗިން ސިޓީގެ އެއާޕޯޓުގެ ރަންވޭ، އޭޕްރަން އއަދި ޓެކްސީވޭ ގައި ވެސް ފެންބޮޑުވުމުގެ ސަބަބުން އެ އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން ހުއްޓާލީ އޮގަސްޓް 15 ވަނަ ދުވަހުއެވެ.

ކޮޗިން އެއާޕޯޓު ހިންގާ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓު ލިމިޓެޑް (ސީއައިއޭއެލް)އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އެ އެއާޕޯޓުން މަސައްކަތް ކުރަމުން ދަނީ 26 އޯގަސްޓު ވާ އާދީއްތަ ދުވަހު އެއާޕޯޓުގެ މަސައްކަތްތައް އަލުން ފެށުމަށް ކަމަށެވެ.

ކޮޗިން އެއާޕޯޓުން ބުނި ގޮތުގައި، ރަންވޭ، ޓެކްސީވޭ އަދި އޭޕްރަންތަކުން މިހާރު ވަނީ ފެން ހިންދާފައެވެ.

"ގެއްލުން ލިބިފައި ހުރި ތަންތަން މިހާރު ދަނީ މަރާމާތު ކުރެވެމުން. މި މަސައްކަތުގައި 200 އެއްހާ މަސައްކަތްތެރިން ހަރަކާތްތެރިވޭ،" ކޮޗިން އެއާޕޯޓުގެ އޮފިޝަލަކު ޓައިމްސް އޮފް އިންޑިއާއަށް ބުންޏެވެ.

އޭނާ ބުނި ގޮތުގައި، އަޟްހާ އީދާއި ހިންދޫ ދީނުގެ އޯނަމް ފެސްޓިވަލާ ދިމާވި ދުވަސްވަރަށް މި ހާދިސާތައް ދިމާވެ، އެއާޕޯޓު ބަންދުކުރަން ޖެހުމަކީ ކުރިމަތިވި ވަރަށް ބޮޑު ގެއްލުމެކެވެ. ހަފްތާއަކު ކޮޗިން އެއާޕޯޓުން ގާތްގަނޑަކަށް 1،600 ފްލައިޓު ހެންޑްލްކުރާ އިރު، ޑިއުޓީ ފްރީ ސޭލްސް ގެއްލުމުންވެސް ކުރިމަތިވި މާލީ ގެއްލުން ވަރަށް ބޮޑެވެ. އެގޮތުން މުޅި ޖުމްލަ ގާތްގަނޑަކަށް 2.3 ބިލިޔަން ރުޕީސްގެ ގެއްލުމާ ކޮޗިން އެއާޕޯޓުން ކުރިމަތިލާންޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.

އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީން މިހާރު ގެންދަނީ ފެންބޮޑުވުމުގެ ސަބަބުން ކޮޗިން އެއާޕޯޓުން ހަލާކުވި މެޝިނަރީތައް މަރަމާރުކުރަމުންނެވެ. އޭގެ ތެރޭގައި އިންސްޓްރުމެންޓް ލޭންޑިންގް ސިސްޓަމާއި، އެކްސްރޭ މެޝިނުތަކާއި ބެގެޖް ކޮންވެޔާ ބެލްޓުތައް ހިމެނެއެވެ.

comment ކޮމެންޓް