ކޮލަމްބޯއިން އީދު: ވަރަށް އުފާވެރި، ހީވަނީ ކުޑަކުޑަ ދިވެހިރާއްޖެއެއްގައި އުޅެވޭހެން!

ލަންކާގައި ދިވެހިން އީދު ފާހަނގަކުރުމުގެ ތެރެއިން---

އަވައްޓެރި ސްރީލަންކާއަކީ ވަރަށް ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ ގައުމެކެވެ. އެއް ބަޔަކު ސްރީލަންކާގައި ތައުލީމު ހާސިލްކުރުމަށް ތިބޭއިރު، ދާއިމީކޮށް މުޅި އާއިލާ އެކީހެން "ވަޒަންވެރިވެގެން" އުޅޭ ގިނަ އަދަދެއްގެ ދިވެހި އާއިލާތައް ވެސް އުޅެ އެވެ.

ބަރަކާތްތެރި އީދަކީ ދިވެހިންނަށް އަބަދު ވެސް ވަރަށް ހާއްސަ ދުވަހެކެވެެ. ގައުމާ އެތަކެއް މޭލު ދުރުގައި އުޅުނު ނަމަވެސް ލަންކާގައި ދިރިއުޅޭ ދިވެހިން، ދިވެހިވަންތަކަން ހަނދާން ނައްތާލައެއް ނުލައެވެ. އެކަން އިއްޔެވެސް ވަރަށް ރީއްޗަށް ފެނުނެެވެ.

ލަންކާގައި ދިވެހިން އީދު ނަމާދު ކުރަނީ ---

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދު ފާހަގަކުރާހެން ލަންކާގައި ދިރިއުޅެމުންދާ ދިވެހިން އީދު ދުވަސް ފެށީ ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދާއެކު އެވެ. ސޯސަންވިލާގައި ހުންނަ ރާއްޖޭގެ ސަގާފީ މަރުކަޒު، މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ)ގައި ބޭއްވި އީދު ނަމާދުގައި ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވި އެވެ.

"އީދު ނަމާދަށް 800- 1000 އާ ދެމެދުގެ ދިވެހިން ބައިވެރިވި. އޭގެ ތެރޭގައި މާލެއިން ލަންކާއަށް ދިޔަ މީހުން ވެސް ހިމެނޭ. އީދު ނަމާދަށް އައި ކެންޑީ އިން ތިން ގަޑިއިރު ދަތުރުކޮށްފައި ވެސް ބައެއް ދިވެހިން. " ލަންކާގައި ދިރިއުޅޭ މުފީދު (އަސްލު ނަމެއް ނޫން) ކިޔައިދިނެެވެ.

އީދު ނަމާދަށް ފަހު ލަންކާގައި އުޅޭ ދިވެހިންނަށް ބޭއްވި ބޮޑު ސައިގެ ތެރެއިން---

އީދު ނަމާދަށް ފަހު ދިވެހިންގެ އާދަކާދައިގެ ދަށުން، ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ފަރާތުން ވަރުގަދަ ސައެއް ވަނީ ބާއްވައިފަ އެވެ. އެ ބޮޑު ޖާފަތުން ވެސް އެންމެ ބޮޑަށް ފެނިގެން ދިޔައީ ދިވެހިންގެ އެއްބައިވަންތަކާއި އެކުވެރިކަމެވެ. ގިނަ އަދަދެއްގެ ދިވެހިން ގޭގައި މަސްހުންޏާއި ހެދިކާ ފަދަ ދިވެހި ކެއުން ހަދައިގެން އެ ޖާފަތަށް ވަނީ އިތުރު މުއްސަނދިކަމެއް ގެނެސްދީފަ އެެވެ.

އީދުގެ ބޮޑު ޖާފަތަށް ފަހު އަނެއްކާ ވެސް ފެނިގެން ދިޔައީ ދިވެހި ސަގާފީ ކުޅިވަރުތަކެެވެ. އެގޮތުން ވާދެމުމާއި ތިންމުގޯއްޔާއި ބަށިކުޅުމާއި އަދި ކުލަޖެހުމުގެ ހަރަކާތްތަކުގައި ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވި އެވެ.

"ކުލަ ޖެހުމުގައި ކުޑަބޮޑު އެންމެން ބައިވެރިވި. ހަގީގަތުގައި އީދުގެ އުފާ އެންމެ ބޮޑަށް ލިބުނު އެއް ކަންތައް މިއީ." ކުރިން ވާހަކަ ދެއްކި މުފީދު ބުންޏެވެ.

ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އީދުގެ ފޯރި އެންމެ ބޮޑަށް އިހުސާސްވީ ރޭގަ އެވެ. ހާއްސަކޮށް މޯލްޑިވިއަން އައިޑަލްއިން މަޝްހޫރުވި ފަންނާނުން ލަންކާގައި ޕާފޯމްކުރާތަން ފެނިގެން ދިއުމަކީ އެކަމަކަށް ގިނަ އަދަދެއްގެ ދިވެހިން އެކަމަށް އިންތިޒާރު ކުރަމުން ދިޔަ ކަމެކެވެ. ޝަލަބީ، މައިޝާ ފަދަ ފަންނާނުންނަކީ ލަންކާގައި ދިރިއުޅޭ ދިވެހިންގެ ވެސް އެ ބަޔަކަށް މަރުދޭ ބައެކެވެެ.

ރޭގެ ޝޯގައި މޯލްޑިވިއަން އައިޑަލްއިން ވިދާލި ސައިނާއާއި ޒަކިއްޓޭގެ އިތުރުން އެފަދަ ދެވަނައެއް ސުނީތާ ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.

އެ ޝޯގެ ސައުންޑް އަދި ލައިޓިން ކޮލެޓީ ވެސް އެހެން އަހަރުތަކަށް ވުރެ ފުރިހަމަ ކަމަށް މުފީދު ބުންޏެވެ.

"މިއީ ވަރަށް ގިނަ އަދަދެއްގެ ދިވެހިން ވޮލަންޓިއާކޮށްގެން ކުރި މަސައްކަތުގެ ނަތީޖާ،" މުފީދު ބުންޏެވެ.

ސްރީލަންކާގައި އީދު ފާހަގަކުރުމަށް ބޭއްވި ޝޯގެ ޕޯސްޓަރެއް---

މުފީދު ބުނީ ރާއްޖޭއާ ކިތަންމެ ދުރުގައި އުޅުނު ނަމަވެސް އެކަން އިހުސާސް ނުވާ ކަމަށެވެ. އަދި މިފަހަކަށް އައިސް ލަންކާގައި އީދު ފާހަނގަކުރާލެއް ވަރަށް ފުރިހަމަކަމަށް ވެސް މުފީދު ފާހަގަކުރި އެވެ.

"ސޯސަންވިލާގައި ކަލްޗަރަލް ސެންޓަރު ހުޅުވި ފަހުން ވަރަށް ތަފާތު. މީގެ ކުރިން އަޅުގަނޑުމެން ދަނީ ދެހިވަލައިގެ ކޮންމެވެސް މިސްކިތަކަށް އީދުނަމާދު ކުރަން. ދެން އެއަށް ފަހު ގެއަކަށް ގޮސް ސައިބޯލުން އޮންނާނީ. މިހާރު ވަރަށް ތަފާތު. ހަގީގަތުގައި މާލެއަށް ވުރެ މާ ފުރިހަމަ މިތާ. މިތާ އޮވޭ ވަރުގަދަ ކޮމިއުނިޓީ ސްޕިރިޓެއް. ހުރިހާ ދިވެހިންނާ ދިމާވެ ރަހްމަތްތެރިކަން އެބަ އާލާވޭ. މާލެގައި ނުލިބޭނެ މިކަހަލަ ފުރުސަތެއް،" މުފީދު ކިޔައިދިނެ އެވެ.

comment ކޮމެންޓް