އީދުގެ ފޯރި މިފަހަރު އެންމެ ގަދަ ވާނީ މާބައިދޫގައި!

އީދު ކުޅިވަރުގެ ހަރަކާތްތަކެއްގެ ތެރެއިން-- ފޮޓޯ: އައިވެލް ޕޯޓްރެއިޓް

މި އަހަރުގެ އަޟްހާ އީދު މިއޮތީ އައިސް ޖެހިފަ އެވެ. އީދަށް މިފަހަރު ބޮޑު ޗުއްޓީ އެއް ވެސް ލިބިފައިވާއިރު، ގިނަ ރަށްތަކުގައި ފޯރިއާއެކު އީދު ކުޅިވަރުތައް ބޭއްވުމަށް ދަނީ ރާވަމުންނެވެ. އެގޮތުން މިފަހަރުގެ އީދުގެ ކުޅިވަރުތައް އެންމެ ވަރުގަދަކޮށް ފެނިގެންދާނެ އެއް ރަށަކަށް ވެެގެންދާނީ ލ. މާބައިދޫ އެވެ.

މާބައިދޫގެ ކައުންސިލާއި އެ ރަށުގެ ރައްޔިތުން ގުޅިގެން މި އަހަރުގެ އަޟްހާ އީދުގެ ހަތަރު ދުވަހަށް ވަނީ ގިނަ ހަރަކާތްތަކެއް ރާވައިފަ އެވެ. ސިޔާސީ ގޮތުން ހަލަބޮލި މި ދުވަސްވަރުގައި، ފިކުރުތަކުގެ ތަފާތުކަން އެއްކިބާކޮށް އެ ރަށުގެ ރައްޔިތުން މިހާރު މަސައްކަތް ކުރަމުން ދަނީ އެއް އަމާޒެއް ހާސިލު ކުރުމަށެވެ. އެއީ އީދުގެ ފޯރި މި އަހަރު އެންމެ ވަރުގަދަ ވާނެ ރަށަކީ މާބައިދޫ އަށް ހެދުމަށެވެ.

މާބައިދޫގައި ބާއްވާ އީދު ކުޅިވަރުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހަރަކާތް އޮންނާނީ މިރޭ އެވެ. އެއީ މާލި އެރުވުމުގެ ހަރަކާތެވެ. އެ ހަރަކާތް ބާއްވާނީ މިރޭ 20:00ގަ އެވެ.

އެހެން ނަމަވެސް، އެންމެ ފޯރިގަދަ ހަރަކާތްތައް އޮތީ އީދު ދުވަހެވެ. އީދު ނަމާދަށް ފަހު ރަށުގެ ރައްޔިތުންނަށް ހެނދުނުގެ ސައެއް ބާއްވާނެ އެވެ. އަދި އެއަށް ފަހު ހެނދުނު 9:00 ގައި "ބަނޑި ކުޅުން" އޮންނާނެ އެވެ. ކުލަ ޖެހުމުގެ ކަންތައްތައް ކުރިއަށްދާނީ، އީދު ދުވަހުގެ ހަވީރާ ހަމައަށެވެ. އަދި އީދު ދުވަހު ހަވީރު، ރަށުގެ ޒުވާނުންގެ ޓީމުތައް ބައިވެރިކޮށްގެން "ވަން ޑޭޭ" ފުޓްސަލް ކަޕެއް ބާއްވާނެ އެވެ.

އީދު ދުވަހުގެ އެންމެ ބޮޑު ހަރަކާތަކަށް ވެގެންދާނީ އެ ރޭ ބާއްވާ މިއުޒިކް ޝޯވ އެވެ. އެ ޝޯގައި ލަވަ ހުށަހަޅާނީ އެތައް ބައެއްގެ ލޯބި ހޯދާާފައިވާ މާބައިދޫގެ ބޭންޑެއް ކަމަށްވާ ބޮކި ބޭނުންޑުންނެވެ. ސްޓޭޖު ސަރަައްދުގައި އޮންނަ އެ ޝޯ ފަށާނީ އެ ރޭ 21:00ގަ އެވެ.

އީދުގެ ދެވަނަ ދުވަހުގައި، ފިރިހެންނުންގެ ކެއްކުމުގެ ރޭސް، އަންހެން ފިރިހެން ބަށި ކުޅުން، "ތަތް ރޮށި" ކެއުން، ކަނުބަނދެގެން ބޯޅަ ހޮވުން، ގޯނި ރޭސް، އަންހެނުންގެ ހަރުބީ، އަދި ދެލި މާލި އެރުވުން ފަދަ ކުޅިވަރުތައް އެ ރަށުގައި ކުރިއަށް ގެންދާނެ އެވެ. އަދި އެ ދުވަހުގެ ރޭ ވޭވަށުގެ ބޭންޑަކުން ދޭ މިއުޒިކް ޝޯ އެއް ސްޓޭޖު ސަަރަހައްދުގައި ބާއްވާނެ އެވެ.

އީދުގެ ތިން ވަނަ ދުވަހުގެ ހެނދުނުގައި އޮންނާނީ ކޯޑި ކެނޑުމެވެ. އެހެނިހެން ތަފާތު ކުޅިވަރުގެ ހަރަކާތްތައް ބާއްވަން ރާވާފައިވާއިރު، ވާދެމާއި، ފިރިހެނުންގެ ހަރުބީ އާއި ތިން މުގޯލި ފަދަ ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ. އެ ރޭ ސްޓޭޖު ސަަރަހައްދުގައި ކުރިއަށްދާނީ މާބައިދޫ ކަނބަލުންގެ ސްޓޭޖް ޝޯ އެވެ.

އީދުގެ ފަހު ދުވަހު އޮންނާނީ ބަނަސް ރޭސް ފަދަ ކުދި ކުޅިވަރުތަކެވެ. ނަމަވެސް، އެދުވަހު މައިގަނޑު ގޮތެއްގައި ބާއްވަން ރާވައިފައި ވަނީ ކޯޑި ކުޅިވަރެވެެ. އެގޮތުން، ހެނދުން ފެށިގެން ހަވީރު ކޯޑި ކަނޑަންދެން އެ ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ. އެއަށް ފަހު އެންމެ ފަހު ހަރަކާތެއްގެ ގޮތުން، މާބައިދޫގެ ކަނބަލުންނާއި، ފިރިހެނުން ގުޅިގެން ބާއްވާ ސްޓޭޖް ޝޯ އެއް ކުރިއަށް ގެންދާނެ އެވެ.

މާބައިދޫގެ އީދު ކުޅިވަރުތަކުގެ ތެރެއިން ގިނަ ކުޅިވަރުތައް ކުރިއަށްދާނީ އެރަށު ބަނދަރު ކައިރީގައި އޮންނަ ސްޓޭޖުގައި ނުވަތަ އެ ސްޓޭޖުގެ ވަށައިގެންވާ ސަރަހައްދުގަ އެވެ. މިރޭ އީދު ކުޅިވަރުތައް ފަށާއިރު ސްޓޭޖުގެ މަސައްކަތް އޮތީ މުޅިންހެން ނިމިފަ އެވެ.

ފޯރި ނަގަން މާބައިދޫ ތައްޔާރަށް އޮތް އިރު، ކައިރި ބައެއް ރަށްތަކުން ވެސް މީހުން ވަނީ މިހާރު މާބައިދޫ އަށް އައިސްފަ އެވެ. އެރަށުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް އަދިވެސް އިތުރު މީހުން އަންނާނެ ކަމަށް ބެލެވެ އެވެ.

ކުޅިވަރުތަކުގައި ބައިވެރުވުމަށް ރަށަށް ނުދެވޭ މީހުން ދެރަ ވާނެކަމެއް ނެތެވެ. މާބައިދޫ އީދު ކުޅިވަރުތައް، ސަން ޓީވީން ވަގުތުން ދައްކާނެ އެވެ؛ ގޭގައި ތިބެގެން ވެސް ކުޅިވަރުތަކުގެ ފޯރީގައި ބައިވެރިވެވޭނެ ކަން ޔަގީނެވެ.

comment ކޮމެންޓް