ޗައިނާއިން ޖާސޫސު ކުރުމަށް އާވައްތަރެއްގެ ޑްރޯންއެއް!

ޗައިނާގެ 'ޑަވް' ޕްރޮޖެކްޓުގެ ތެރެއިން އުފައްދާފައިވާ ޑްރޯން -- ފޮޓޯ: އެސްސީއެމްޕީ

ބެއިޖިން (އޮގަސްޓު 19): ޗައިނާއިން އެގައުމުގެ ރައްޔިތުންނަށް ޖާސޫސު ކުރުމަށް، ދޫންޏެއްގެ ސިފައަށް ހަދާފައިވާ ޑްރޯން ބޭނުން ކުރަމުންދާ ކަމަށް އެގައުމުގެ މީޑިއާއަކުން ބުނެފި އެވެ.

ސައުތް ޗައިނާ މޯނިން ޕޯސްޓުގައިވާ ގޮތުން އެގައުމުގެ އަސްކަރިއްޔާ އާއި ސަރުކާރަށް ނިސްބަތްވާ 30 އިދާރާއަކުން ދަނީ ޗައިނާގެ ފަސް ޕްރޮވިންސެއްގައި އެޑްރޯންތައް ބޭނުން ކުރަމުންނެވެ.

'ޑަވް'ގެ ނަން ދީފައިވާ އެޖާސޫސީ ޕްރޮގްރާމުގައި ބޭނުން ކުރާ ޑްރޯންތައް އުދުހެނީ، ދޫންޏެއްގެ ހުންނަ ފަދަ ފިޔަތަކުގެ އެހީގަ އެވެ. އެޕްރޮގްރާމުގައި ބައިވެރިވާ ސައިންސުވެރިއަކު ބުނި ގޮތުގައި އޭގެ އަމާޒަކީ އިންސާނުންނަށް އެއީ ޑްރޯންއެއްކަން ނޭނގޭ އަދި ރާޑަރަށްވެސް ފާހަގަ ނުކުރެވޭ ފަދަ ޑްރޯންތަކެއް އުފެއްދުމެވެ.

ޗައިނާގެ ނޫހުގައިވާ ގޮތުން އެޑްރޯންތަކަކީ އަސްލު ދޫންޏެއްގެ 90 ޕަސެންޓު ހަރަކާތްތައް ކޮޕީ ކުރާ ޑްރޯންތަކެވެ. އޭގެ ސަބަބުން އަސްލު ދޫނިތައް ބައެއް ފަހަރު ޑްރޯންތަކާ އެކު އުދުހޭ ކަމަށާއި، އޭގެ އަޑުވެސް ވަރަށް މަޑު ކަމަށް ސައިންސުވެރިން ބުންޏެވެ.

ޗައިނާގެ 'ޑަވް' ޕްރޮޖެކްޓުގެ ތެރެއިން އުފައްދާފައިވާ ޑްރޯން -- ފޮޓޯ: އެސްސީއެމްޕީ

އެޑްރޯންތަކުގައި ހައި-ޑެފިނިޝަން ކެމެރާ އާއި ޖީޕީއެސް އެންޓެނާ އާއި ފްލައިޓް ކޮންޓްރޯލް ސިސްޓަމާއި ވިންޑް ސްޕީޑް ސެންސަރެއް ހަރުކޮށްފައިވެ އެވެ.

ސައުތް ޗައިނާ މޯނިން ޕޯސްޓުގައިވާ ގޮތުން އެޑްރޯންތައް އެންމެ ގިނައިން ބޭނުން ކުރާ އެއް ޕްރޮވިންސަކީ ގިނަ އަދަދެއްގެ މުސްލިމުން ދިރިއުޅޭ ޝިންޖިއަންގް ޕްރޮވިންސެވެ.

ޗައިނާ ސަރުކާރުން ވަނީ ޝިންޖިއަންގުގައި ހައްދުފަހަނައެޅުމާއި ގައުމުން ވަކިވެގަތުމުގެ ހިޔާލު ފެތުރިދާނެ ކަމަށް ބުނެ، އެސަރަހައްދުގައި ރައްޔިތުން މޮނިޓާ ކުރާ މިންވަރު އިތުރުކޮށްފައި އެވެ. އެމަސައްކަތުގެ ތެރެއިން ޗައިނާއިން ދަނީ މުސްލިމުންގެ ހައްގުތަކަށް އަރައިގަންނަމުން ކަމަށް އދ.އިން ވަނީ ބުނެފައި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް