ގިނަ ކުޅިވަރުތަކާ އެކު މާފުށި އީދަށް ފައްކާވެފައި!

މާފުށީ ހިތްގައިމު ގޮނޑުދޮށުގައި އެރަށުގެ ބައެއް މީހުން --- ފޮޓޯ: ފޭސްބުކް

ތިރީސް މިނެއްޓުގެ ދަތުރަކަށްފަހު މާފުށީ ފަޅުތެރެ އަށް ވެދެވުމާއެކު ހަމަ އާށޯހުވި އެވެ. ދެ ޕާޓީ ކުލައިގެ ފޮތި ތަކުން މުޅި ބަންދަރުމަތި އޮތީ ފުރާލާފަ އެވެ. އެ މަންޒަރު ފެނުމުން، ހިތަށް އެރީ މާފުށްޓަށް އަންނަނީ ސިޔާސީ އީދެއް ބާވައެވެ. ބޮޑު އީދަށް އެހެން އަހަރު ތަކުގައި ނިކަން ގަދަޔަށް މާފުށީގައި ފޯރި ގަދަ ކޮށްލަ އެވެ.

އަހަރެން ހިތަށް އެރީ ނުބައިކޮށެވެ؛ ގެއަށް ވަދެ ހަމަޖެހިލުމަށް ފަހު، މަގުތައް މައްޗަށް ނުކުމެލުމުން މިއަހަރު ވެސް މާފުށީގައި އީދު ފޯރި ވަރަށް ގަދަ ކަމަށް އަޑު އިވެން ފެށިއެވެ. ލައްކަ ކުޅިވަރު ރޭވިފައި ހުރި ކަމަށް މީހުން ބުނަމުން ދިޔަ އެވެ. އެހެންކަމުން، އަވަސްވެގަތީ އެކަންކަމުގައި އިސްކޮށް އުޅޭ ފަރާތަކާއި ބައްދަލުކޮށްލައި އެންމެ ފަހުގެ ތައްޔާރީތަކުގެ ވާހަކަ ދައްކާލާށެވެ.

އޮގުތުން، އީދުގެ އެންމެ ފަހުގެ ތައްޔާރީތަކުގެ ވާހަކަތައް "ސަން" އަށް ހިއްސާ ކުރީ ކުޅިވަރުތައް އިންތިޒާމް ކުރުމުގައި އިސްކޮށް އުޅުއްވާ އެރަށު ކައުންސިލްގެ ރައީސް އުސްމާން ރަޝީދު އެވެ.

ޢީދެއް ގައި މާފުށީގައި މާލި ކުޅެނީ --- ފޮޓޯ/ ފޭސްބުކް

"ޢީދު އަސްލު މި ފެށެނީ މާދަމާ ރޭ، އޮންނާނެ ވެދުމާދިޔުން މާފުށި ސްކޫލް ހޯލްގަ، އެއީ އަސްލު އީދު ކުޅިވަރުތަކަށް ހުއްދަ ނެގުމަށް ކުރާ ކަމެއް، ސަގާފީ ގޮތަކަށް އެކަން ވެސް ކުރިޔަށް ދާނީ،" އުސްމާން ވިދާޅުވި އެވެ.

އޭގެ އިތުރުން އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް ހަމަޖެހިފައިވާއިރު ރަރަށް ޒިޔާރަށް ކުރާ މެހެމާނުންނަށާއި ރަށުގެ ކުދި ބޮޑު އެންމެންނަށް ބޮޑު ސައެއް ހަމަޖެހިފައި އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެދުވަހުގެ 9-12 އަށް ވޯޓާ ސްޕޯޓްގެ ކުޅިވަރުތައް ވަރަށް ހެޔޮއަގުގައި ކުރިޔަށްދާނެ ކަމަށާއި، މާދަމާ ހަވީރު އޮންނާނީ ކުޑަ ކުދިންގެ ހަވީރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިފަހަރު ބޮބްގެ ފުރަތަމަ އީދު ޝޯ

މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ޗެމްޕިއަން މުހައްމަދު ތަސްނީމް(ބޮބް)ގެ ފުރަތަމަ އީދު ޝޯ ވެސް ދޭ ގޮތަށް ހަމަޖެހިފައި އޮތީ މާފުށީގައެވެ. މި ޝޯ، ބޯޅަ ދަނޑުގައި ނުވައެއް ޖާއިރު ފެށޭނެ އެވެ. ފޯރި ހުންނާނެ ކަން ކަށަވަރެވެ. ބޮބް އަކީ ފިސާރި އަޑެއްގެ ވެރިއެކެވެ.

ޢީދު ޝޯ އެެެއްގައި ބޮބް ލަވަކިޔަނީ --- ފޮޓޯ/ފޭސްބުކް

ބޮބްގެ ޝޯ އާއެކު އެރަށު 'ރަސްފަރި' ނަމަކަށް ކިޔާ ޑާންސް ގްރޫޕްގެ ފަރި ހަރަކާތްތައް ހަމަ އެ ޝޯގެ ތެރެއިން ދައްކާލާނެ އެވެ. އެ ގްރޫޕަކީ އާންމުކޮށް ގެސްޓް ހައުސްތަކުގައި ޝޯ ދެމުން އަންނަ ރަށުގައި މަޝްހޫރު ގްރޫޕެކެވެ. ޒުވާން އަންހެން ކުދިންތަކެއް ހިމެނޭ 'ރަސްފަރި' ވެސް އޮތީ އީދަށް ހަަމަ ފަރިވެފައެވެ.

ރަށުން ބޭރު ދެ ގްރޫޕެއް، ފޯރި ގަދަ ވާނެ!

އީދުގެ ދެވަނަ ރޭ އޮންނަ ސްޓޭޖް ޝޯގެ ފޯރި ގަދަކޮށްލަން މާފުށްޓަށް އަރާނީ 1438 ބޮޑު ބެރު ގްރޫޕެވެ. އެދުވަހު މެންދުރުފަހު އެ ގްރޫޕަށް މަރުހަބާ ކިޔުން ހާއްސަ ކުޅިވަރުތަކާއެކު އޮންނާނެ ކަމަށް އުސްމާން ވަނީ ވިދާޅުވި އެވެ. ބޮޑުބެރުގެ ތަފާތު ލަވަ ތަކާއެކު އެ ގްރޫޕް، ސްޓޭޖް ފަޅުފިލުވާލަދޭނެ ކަން ހަމަ ގައިމެވެ.

ޢީދު ޝޯއެއްގައި މާފުށީ ޒުވާން ކުދިންކޮޅެއް --- ފޮޓޯ/ ފޭސްބުކް

ތިންވަނަ ރޭ ވެސް އެހެންރޭތަކާ ދޫނުކުރާނެއެވެ. ވ.ފުލިދޫގެ 'ބްލޫސްޓަރ ކްލަބް' ނަމަކަށް ކިޔާ ގްރޫޕެއްގެ ފަރި ހަރަކާތްތަކުން އެރޭ ފޯރި ހިއްޕާލާނެ ކަން ކަށަވަރެވެ. އެޓީމަށް ވެސް މަރުހަބާ ކިޔުން ކުރިޔަށް ދާނީ ނުލާހިކު ފޯރީގަ އެވެ.

ވަދާއީ ޝޯ "ވާންޗޯ" ބޭންޑާއެކު

ސްނެޕްޗެޓްގެ ފިލްޓާއެއް ބޭނުންކޮށްގެން ތަފާތު އެތައް ކަމެއްގެ ވާހަކަތައް ކިޔާލަދީ، ވީޑިއޯ ތަކެއް ކުޅެމުން އަންނަ ކާއްޓޭ ގިނަ ބަޔަކަށް ހަމަ ޔަގީނުން ވެސް އެނގޭނެ އެވެ. ހަގީގަތުގައި ކާއްޓޭގެ ފުރަގަހުގައި ގިނަ ބަޔަކު އެބަ ތިއްބެވެ. މާފުށީ ޖަލުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ހިމެނޭ އެ ބޭންޑަށް ކިޔަނީ "ވާންޗޯ" އެވެ.

ޝޯއެއްގައި ވާންޗޯ ބޭންޑުގެ ބައެއް ފަންނާނުން --- ފޮޓޯ/ ފޭސްބުކް

މާފުށީ އީދު ޝޯތައް ނިންމާލާނީ އެ ބޭންޑުގެ ހާއްސަ ހަރާކާތްތަކުންނެވެ. މައުލޫމާތު ލިބިފައިވާގޮތުން މިހާރު ވެސް 'ވާންޗޯ' ބޭންޑުންދަނީ އަވަދިނެތި، އީދަށް ތައްޔާރުވަމުންނެވެ. އެ ބޭންޑަކީ މީހުން ހެއްވާލަން އެއް ވަނައިގެ ބޭންޑެކެވެ.

ސްޓޭޖް ޝޯ ތަކުގެ އިތުރުން ކޯޑި ނެގުމާއި މާފުށީ އަންހެންވެރިންގެ މާލި ކުޅުން ވެސް އޮންނާނެ ކަމަށް ވެސް އުސްމާން ވިދާޅުވި އެވެ. އަދި ހަމަ އެހެންމެ ފެންކުލައިގެ ކުޅިވަރާއި އެކު އެންމެން ތެއްމާލާނެ އެވެ. ކުދިބޮޑު އެންމެންނަށް ހުޅުވާލައިގެން ފެންކުޅި ކުރިއަށް ދާނީ އީދުގެ ތިން ވަނަ ދުވަހު އެވެ. އޭގެ އިތުރުން އީދުގެ އެންމެ ފަހު ދުވަހު މަސް ރޭހެއް ކުރިއަށް ގެންދާނެ ކަމަށާއި މަސް ރޭހުގައި ބާނާ މަސްތައް ކިރުން އޮންނާނީ ވަދާއީ ޝޯގެ ތެރެއިން ކަަމަށް އޭނާ އުސްމާން ވިދާޅުވި އެވެ.

މާފުށީ ޒުވާނެއްގެ ގަޔަށް ޢީދުގައި ކުލަޖަހާފައި --- ފޮޓޯ/ ފޭސްބުކް

މިހާރުވެސް އީދު ޗުއްޓީއާ ދިމާކޮށް ގިނަ ބަޔަކު ދަނީ މާފުށްޓަށް ޒިޔާތަރް ކުރަމުންނެވެ. ގިނަ ގެސްޓް ހައުސްތައް މިހާރު އެއްކޮށް ފުލެވެ. އީދު ބަންދަށް މާލެއާ އެހާ ދުރަށް ދާން ބޭނުންނުވާ މީހުންނަށް މުފުށްޓަކީ އެންމެ "ބެސްޓް ޗޮއިސް" އެވެ.

comment ކޮމެންޓް