16 އަހަރުގެ ކުއްޖަކު އެޕަލްގެ ޕްރައިވެޓް ސާވާތައް ހެކްކޮށްފި

އޮސްރޭލިއާގެ މެލިބަން އަށް ނިސްބަތްވާ އުމުރުން 16 އަހަރުގެ ކުއްޖަކު އެޕަލްގެ ޕްރައިވެޓް ސާވާތައް ހެކްކޮށްފި އެވެ.

އޮސްޓްރޭލިއާގެ ނޫސްތައް ބުނާ ގޮތުން އެކުއްޖާ ވަނީ 90 ޖީބީގެ މައުލޫމާތު ހިމެނޭ ފައިލްތައް ޑައުންލޯޑުކޮށްފަ އެވެ. ނަމަވެސް އެއީ ކޮން މައުލޫމާތެއްކަން އާންމުކޮށްފައެއް ނުވެ އެވެ.

އެޕަލްގެ ސާވާ ހެކް ކުރިކަން އެނގުމާ އެކު އެޕަލް އިން ވަނީ އެކުއްޖާގެ އެކްސެސް ބްލޮކުކޮށް އެފްބީއައި އަށް މައްސަލަ ރިޕޯޓުކޮށްފަ އެވެ.

އެ މައްސަލަ އޮސްޓްރޭލިއާގެ ކޯޓަކަށް ހުށަހަޅާފައިވާ އިރު 16 އަހަރުގެ މިކުއްޖާ ވަނީ ކުށަށް އިއުތިރާފުވެފަ އެވެ. ފާއިތުވި އަހަރެއްހާ ދުވަސްތެރޭ އެކި ފަހަރުމަތިން އެޕަލްގެ ސާވާއަށް އެކްސެސް ވެފައިވާ ކަމަށާއި އެކަން ކުރީ ކުންފުނިދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން ކުރާ މަސައްކަތްތައް ބަލާލަންކަމަށް މިކުއްޖާގެ ވަކީލު ވަނީ ކޯޓުގައި ބުނެފަ އެވެ.

ކަސްޓަމަރުންގެ ލޮގްއިން މައުލޫމާތު މި ކުއްޖާ ހޯދާފައިވާ ކަމަށްވެ އެވެ. މި މައްސަލާގައި މި ކުއްޖާގެ ގެއިން ދެ ކޮމްޕިއުޓަރު، ލެޕްޓޮޕް ހޯދާފައިވާ އިރު މިއީ އެޕަލްގެ ސާވާ ހެކް ކުރުމަށް ބޭނުންކުރި އެއްޗެހި ކަން ވަނީ ޔަގީންވެފަ އެވެ. މި ކުއްޖާ ވަނީ ހެކް ކޮށްގެން ހޯދި މައުލޫމާތު އާއިލާގެ ވަޓްސް އެޕް ގުރޫޕުގައި ވެސް ހިއްސާކޮށްފަ އެވެ.

އޭނާގެ މައްޗަށް އަންނަ މަހު ހުކުމް އިއްވާނެ އެވެ.

comment ކޮމެންޓް