ތުރުކީއަކީ އެމެރިކާއަށް ހިތުހުރި ގޮތެއް ހެދޭނެ ގައުމެއް ނޫން: އުރުދުޣާން

ރޭ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީގެ ބައްދަލުވުމުގައި އުރުދުޣާން ވާހަކަ ދައްކަވަނީ

އަންކަރާ (އޮގަސްޓް 19) : ތުރުކީއަކީ އެމެރިކާއަށް ހިތުހުރިހާ ގޮތެއް ހެދޭނެ ގައުމެއް ނޫން ކަމަށާއި އެމެރިކާ ފުލުފުލުގައި ފިޔަވަޅުތައް އަޅަމުން ގެންދިޔަ ނަމަވެސް ތުރުކީން ހައްޔަރުކުރި އެމެރިކާގެ ފާދިރީ އެންޑްރޫ ބްރޯންސަން ދޫކޮށްނުލާނެ ކަމަށާއި އަދި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ދައުވާތަށް ވެސް އޭނާގެ މައްޗަށް އުފުލާނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

އަންކަރާގައި ރޭ ބޭއްވި ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ ތުރުކީގެ ގާނޫނުތަކާއި ޝަރުއީ ދާއިރާއަށް އިޙްތިރާމް ނުކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި ބިރު ދައްކައިގެން ބޭނުންވާ ކަންކަން ހާސިލް ކުރެވޭނެ ކަމަށް އެމެރިކާގެ ވެރިންނަށް ހީވާ ނަމަ އެ އުޅުއްވެނީ ހުވަފެނެއްގައި ކަމަށާއި ތުރުކީއަކީ އެމެރިކާއަށް ހިތުހުރި ގޮތެއް ހެދޭނެ ގައުމެއް ނޫންކަމުގަ އެވެ.

އެމެރިކާގެ ފާދިރީ އެންޑްރޫ ބްރޯންސަން ތުރުކީވިލާތުގައި ހައްޔަރުކުރީ ޓެރަރިޒަމްގެ އަމަލުތަކަށް ވާގިވެރިވުމާއި ޖާސޫސުކުރުމުގެ ތުހުމަތުގަ އެވެ. ޓެރަރިޒަމަށް ވާގިވެރިވުމުގެ ތުހުމަތަކީ ތުރުކީއަށް ގެންނަން މަސައްކަތްކުރި ނާކާމިޔާބު ބަޣާވާތަށް އެހީތެރިވި ކަމަށް ބްރޯންސަންގެ މައްޗަށް ކުރެވިފައިވާ ތުހުމަތެވެ.

ބްރޯންސަން މިނިވަންކުރުމަށް އޭނާގެ ވަކީލުން ތުރުކީގެ ކޯޓަށް ހުށަހެޅި މައްސަލައަށް އެކޯޓުން ވަނީ ދެކޮޅުހަދައި އޭނާ މިނިވަން ނުކުރުމަށް ނިންމައިފަ އެވެ. އެ މައްސަލާގައި ކޯފާވެފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބްރޯންސަން އަކީ އެއްވެސް ކުށެއް ނެތް ބޭފުޅެއް ކަމަށް ވިދާޅުވެ، އޭނާ މިނިވަންކުރުން ލަސްވާ ނަމަ ތުރުކީއާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އަޅާނެ ކަމުގެ އެތައް އިންޒާރެއް ތުރުކީ ސަރުކާރަށް ދެއްވައިފަ އެވެ. އެ މައްސަލާގައި އެމެރިކާ ވަނީ ތުރުކީގެ ދެވަޒީރަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. ރައްދުގައި ތުރުކީ ވެސް ވަނީ އެމެރިކާގެ ދެވަޒީރަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ.

ތުރުކީއަކީ އެމެރިކާގެ 45 ނިއުކްލިޔާ ބޮން ރައްކާކޮށްފައިވާ އަދި އެމެރިކާ ބޭނުންކުރުމަށް އަސްކަރީ ބޭހެއް ވެސް ދީގެން އުޅޭ ނޭޓޯގެ ބައިވެރިއެކެވެ. ތުރުކީގެ އަސްކަރީ ބޭސް އެމެރިކާ ބޭނުންކުރުމަށް ތުރުކީން މަނާކޮށްފި ނަމަ މެދުއިރުމައްޗާއި މެދުތެރޭ އޭޝިޔާގައި އެމެރިކާގެ އަސްކަރީ ބާރު ވަރަށް ބޮޑަށް ހީނަރުވެ ފޫ ނުބެއްދޭ ފަދަ ސްޓްރެޓީޖިކް ގެއްލުންތަކެއް އެމެރިކާއަށް ލބިގެންދާނެ ކަމަށް ތަޖްރިބާކާރުން ދެކެ އެވެ.

އެމެރިކާ ތުުރުކީގައި ގުދަންކޮށްފައިވާ 45 ނިއުކްލިޔާ ބޮމަކީ ވެސް ތުރުކީގެ ހުއްދައަކާނުލައި އެމެރިކާއަށް އަނބުރައި ގެންދެވޭނެ ބޮންތަކެއް ނޫނެވެ.

މިފަހަކަށް އައިސް ތުރުކީއާއި އެމެރިކާގެ ގުޅުންތައް ވަރަށް ބޮޑަށް ގޯސްވެ ތުރުކީ ވަނީ ރަޝިޔާއާއި ޗައިނާ އާއި އީރާނާ އެކު ސްޓްރެޓީޖިކް ގުޅުންތަށް ގާއިމް ކުރަން ފަށައިފަ އެވެ. އަދި އެމެރިކާގެ ބަދަލުގައި އައު ބައިވެރިން ހޯދަން މަސައްކަތްކުރާ ވާހަކަ ވެސް އުރުދުޣާން ވަނީ ފާޅުގައި ވިދާޅުވެފަ އެވެ.

އަންކަރާގައި ބޭއްވި ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީގެ ބައްދަލުވުމެއްގައި އުރުދުޣާން ވަނީ ތުރުކީ އެމެރިކާގެ ކުރިމަތީގައި އަމާން ނުދޭނެ ކަމަށާއި ބައިވެރިއެއްގެ ގޮތުގައި އޮވެފައި އެމެރިކާ އަމިއްލައަށް ތުރުކީއާ ދުޝްމަން ވަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އަދި ތުރުކީއަށް މިފަހަކަށް އައިސް ކުރިމަތިވާ ނުބައި ރޭވުންތަކުގެ ފަހަތުގައި ވަނީ ވެސް އެމެރިކާ ކަމަށް އުރުދުޣާން ތުހުމަތު ކުރެއްވި އެވެ.

މިނުބައި ރޭވުންތަކުގެ ތެރޭގައި އަސްކަރީ ބަޣާވާތެއް ގެނަސްގެން ތުރުކީގެ ވެރިކަމުގެ ނިޒާމު ވައްޓާލުމާއި ތުރުކީގެ ފައިސާގެ އަގު ވައްޓާލަން މަސައްކަތްކުރުމާއި ތުރުކީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާއި ތުރުކީ ބަދުނާމުކުރުމާއި ތުރުކީގެ އަމިއްލަ ނިންމުންތައް އަނެއްކޮޅަށް ޖަހަން މަސައްކަތްކުރުން ހިމެނޭ ކަމަށް އުރުދުޣާން ވިދާޅުވި އެވެ.

އުރުދުޣާން ވިދާޅުވީ އެމެރިކާގެ ހަގީގަތާއި އެމެރިކާގެ ނުބައި ރޭވުންތައް ފަޅައިއަރައިފި ކަމުގަ އެވެ. އަދި އެމެރިކާއަކީ ކިތަންމެ ބާރުގަދަ އަދި ބޮޑު ގައުމެއް ނަމަވެސް އެމެރިކާގެ ކުރިމަތީގައި ތުރުކީ ކުޑަކަކޫ ނުޖަހާނެ ކަމަށާއި އަދި އެމެރިކާއަށް ސަލާމް ނުޖަހާނެ ކަމަށް އުރުދުޣާން ވިދާޅުވި އެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ ވަނީ ދުނިޔޭގައި ވަރަށް ބޮޑަށް އެކަހެރިވެ އިޙްތިރާމް ގެއްލިފަ އެވެ. ޚުދު އެމެރިކާގެ ބައިވެރިންކަމަށްވާ ޔޫރަޕްގެ ގައުމުތަކާއި އެމެރިކާއާ ދެމެދު ވެސް ވަނީ ބޮޑެތި މައްސަލަތަކެއް އުފެދިފަ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް