ފުރުން ލަސްވި 400 ހައްޖުވެރިން ފުރައިފި

ފަހުން ލިބުނު ކޯޓާގައި މިއަދު ހައްޖަށް ފުރި މީހުން ފްލައިޓުގައި --- ފޮޓޯ: ހައްޖު ކޯޕަރޭޝަން

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއަށް ލިބުނު ފަހު ކޯޓާގައި ހައްޖަށް ދާ މީހުންގެ ތެރެއިން ނުފުރިތިބި ހުރިހާ ހައްޖުވެރިން މައްކާ އަށް ދާން މިއަދު ފުރައިފި އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ، ސައުދީން ރާއްޖެއަށް އިތުރު 1000 ކޯޓާގެ ދަށުން ހައްޖަށް ދާން ތިބި ހައްޖުވެރިންގެ ތެރެއިން ނުފުރި ތިބި 400 މީހުން މިއަދު ހަވީރު ފުރާފައިވާ ކަމަށެވެ.

ފަހުން ލިބުނު ކޯޓާގައި ހައްޖަަށް ދާން ތިބި ހައްޖުވެރިން ފުރާގޮތަށް ކުރިން ހަމަޖެހިފައި އޮތީ އިއްޔެ އެވެ. ނަމަވެސް، ސައުދީ އެއާލައިނަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދި ފުރުން ލަސްވީ އެވެ.

ސައުދީން ރާއްޖެ އިން ހައްޖަށް ގެންދިއުމަށް އާންމުކޮށް ދޫކުރަނީ 1000 ކޯޓާ އެވެ. ނަަމަވެސް މިދިޔަ އަންގާރަ ދުވަހު ސައުދީން އޭގެ އިތުރަށް، 1000 ކޯޓާދީ ރާއްޖެން 2000 މީހުންނަށް ހައްޖަށް ދިއުމަށް ފުރުސަތު ދީފަ އެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ކުރިއަށް އޮތް ދެ އަހަރު ހައްޖަށް ދިއުމަށް ޖާގަ ކަށަވަރު ވެފައިވާ ފަރާތްތަކުގެ ތެރެއިން މި އަހަރު ހައްޖަށް ދާން ބޭނުންވާ ފަރާތްތަކުން ނަން ނޯޓްކުރުމަށް އެ ކޯޕަރޭޝަނުން ހުޅުވާލީ މިދިޔަ ހަފްތާގަ އެވެ. މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ ހޯމަ ދުވަހެވެ.

comment ކޮމެންޓް