އެންމެ ބޮޑު އަނިޔާއަކީ އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ވާގިވެރިވުން: ޝެއިޚް އިއްޒައްދީން

ޝެއިހު އިއްޒުއްދީން އަދުނާން ތިނަދޫގައި ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ ޕީޕީއެމް

އެންމެ ބޮޑު އަނިޔާއަކީ އިސްލާމް ދީނަށް ފުރައްސާރަކޮށް މަލާމާތް ކުރާ މީހުންނަށް ވާގިވެރިވުން ކަމަށް ޝެއިހު އިއްޒައްދީން އަދުނާން ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ރަނިންގްމޭޓް ޑރ. މުހައްމަދު ޝާހީމް އަލީ ސައީދުގެ އަރިހުގައި ޝެއިހު އިއްޒައްދީން މިވަގުތު ހުންނެވީ ގދ. ތިނަދޫގަ އެވެ. އެ ރަށުގައި ހުންނަވައިގެން 'ސަން' އާ ފޯނުން ވާހަކަފުޅު ދައްކަވަމުން ޝެއިހު އަދުނާން ވިދާޅުވީ އިސްލާމް ދީނަށް ފުރައްސާރަކޮށް މަލާމާތް ކުރުމަކީ އިސްލާމް ދީނުން އެމީހަކު ބޭރުވާނެ ކަމެއް ކަމަށާއި އެއީ ބޮޑެތި ފާފަތަކުގެ ތެރޭން ފާފައެއް ކަމަށެވެ.

އިސްލާމް ދީނަށް މަލާމާތް ކުރުމުގެ ހުކުމްތަކާ ބެހޭ ގޮތުން ކީރިތި ގުރުއާނުގެ ތައުބާ ސޫރަތުގައި ބަޔާން ކުރައްވާފައިވާ ކަމަށް ޝެއިހު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެބަޔަކު ވެގެން ދާނީ ނަރަކައިގެ އަލިފާނުގެ ތެރޭގައި އަނދަ އަނދާ ތިބޭ ބަޔަކު ކަމުގަ އެވެ.

"އަޅުގަނޑުމެން ދަންނަން މިޖެހެނީ ކަނޑައެޅިގެން މާތްﷲ އާއި އެކަލާންގެ ރަސޫލާ އާއި އެކަލާންގެ އާޔަތްތަކަށް މަލާމާތް ކުރުމަކީ އެމީހަކު ދީނުން ބޭރުވެގެން ދާނެ ކަމެއްކަން. އަދި އެމީހަކީ އަބަދަށް ޓަކައި ނަރަކައިގައި އޮންނާނެ މީހެއްކަން ތައުބާ ނުވާ ކަމުގައި ވަނީ ނަމަ. އަދި އެމީހުންނަށް ވާގިވެރިވާ މީހުންނަކީ ވެސް ހުކުމްތަކުގެ ތެރެއަށް ވަދެގެން ދާނެ ބައެއްކަން،" ޝެއިހު އިއްޒައްދީން ވިދާޅުވި އެވެ.

ޝެއިހު އަދުނާނު އެހެން ވިދާޅުވެފައިވާ އިރު އަދާލަތު ޕާޓީން އަދި ބައެއް ޝެއިހުން އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުން ދާތީ ޕީޕީއެމުން ވަނީ އެބޭފުޅުނަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ.

ރައީސް ޔާމީންގެ ރަނިންގްމޭޓް ޑރ. ޝަހީމް ވަނީ ޝެއިހުން ތިބެންވާނީ އެމަނިކުފާނާ އެއްކޮށް ކަމަށް ވިދާޅުވެ ޝެއިހުންނަށް ދައުވަތު ދެއްވާފަ އެވެ. ހާއްސަކޮށް ޝެއިހު އިމްރާނާއި ޝެއިހު އިލިޔާސް އަކީ އެމަނިކުފާނުގެ އަޚުން ކަމަށް ވިދާޅުވެ އެބޭފުޅުނަށް ވަނީ ދައުވަތު ދެއްވާފަ އެވެ.

comment ކޮމެންޓް