އދ.ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން އަވަހާރަވެއްޖެ

ދގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން: އޭނާ އަށް ވަނީ ނޯބަލް ސުލްހައިގެ އިނާމު ލިބިފައި.

އދ.ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން، އުމުރުފުޅުން 80 އަހަރުފުޅުގައި މިއަދު އަވަހާރަވެއްޖެ އެވެ.

އަނާންގެ އާއިލާ އާއި އޭނާގެ ފައުންޑޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަނާން އަވަހާރަވީ ކުރު އާލާސްކަންފުޅަކަށް ފަހު ކަމަށެވެ.

"ކޯފީ އަނާން އަކީ ދުނިޔެ އަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް ސުލްހަވެރި ހައްލެއް ހޯދައިދެއްވުމަށް އަބަދު ވެސް އިސްކަން ދެއްވި ބޭފުޅެއް... އަމިއްލަ ނަފްސަށް ވުރެ އެހެން މީހުން އިސްކުރައްވައި، ދުނިޔޭގައި ސުލްހަވެރިކަމާއި ހަމަހަމަކަން ގާއިމްކުރުމަށް އޭނާ ބުރަ މަސައްކަތްތަކެއް ކުރައްވާފައި،" އަނާން އަހަރާވަރުމާ ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އަނާން އަވަހާރަވީ، ސުވިޒަލޭންޑުގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އަދި އަވަހާރަވި ވަގުތު، އަނބިކަނބަލުންނާއި އޭނާގެ ތިން ބޭފުޅުން ކައިރީގައި ތިއްބެވި އެވެ.

ދުނިޔޭގައި ދެވޭ އެންމެ ޝަރަފްވެރި އިނާމު ކަމަށްވާ ނޯބަލް ސުލްހައިގެ އިނާމު ހޯއްދަވާފައިވާ އަނާން، އދ.ގެ އިސް ވެރިޔާގެ މަގާމުގައި 10 އަހަރު ހޭދަކުރެއްވި އެވެ. އަދި ގާނާ އަށް އުފަން ކޯފީ އަނާން އަކީ، އދ.ގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމު އަދާކުރެއްވި، އެފްރިކާ ކަޅު ނަސްލުގެ ފުރަތަމަ ބޭފުޅާ އެވެ.

ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ފަހު، އދ. އިން ސީރިއާ އަށް ކަނޑައަޅާފައި ހުންނަވާ ހާއްސަ މަންދޫބުގެ މަގާމު އަދާ ކުރައްވައި، ސީރިއާ މައްސަލަ އަށް ސުލްހަވެރި ހައްލެއް ހޯއްދެވުމަށް އަނާން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.

އދ.ގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުން ވަކިވުމަށް ފަހު ވެސް އަނާން ވަނީ އިންސާނިއްޔަތަށް ޚިދުމަތް ކުރެއްވުމުގައި ދެމިހުންނަވައިފަ އެވެ. އެގޮތުން އޭނާގެ ފައުންޑޭޝަނުން އަންނަނީ، ހާލުގައިޖެހިފައިވާ މީހުންނަށް އެހީތެރިވުން ފަދަ އެތައް މަސައްކަތްތަކެއް ކުރަމުންނެވެ.

comment ކޮމެންޓް