ހަރަދު ބޮޑުވުމުން ޓްރަމްޕްގެ އަސްކަރީ ޕެރޭޑު ކެންސަލްކޮށްފި

ފުރަތަމަ ގަލްފު ހަނގުރާމައަށް ފަހު 1991 ވަނަ އަހަރު އެމެރިކާއިން އަސްކަރީ ޕެރޭޑެއް ބާއްވާފައިވޭ -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (އޮގަސްޓު 18): އެމެރިކާގެ ވޮޝިންޓަން ޑީސީގައި ބާއްވަން، އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންފުޅުވި އަސްކަރީ ޕެރޭޑުގެ ހަރަދު މާބޮޑުވުމުން، ޕެރޭޑު ކެންސަލްކޮށްފި އެވެ.

ރައީސް ޓްރަމްޕް އިއްޔެ ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވެފައިވަނީ، ސަރުކާރުން ވޮޝިންޓަން ޑީސީގައި ޕެރޭޑެއް ބާއްވަން ހޭދަވާނެ ހަރަދާ ބެހޭ ގޮތުން ޑީސީގެ އިސްވެރިންނާ މަޝްވަރާ ކޮށްފައި ކަމަށެވެ. ނަމަވެސް، އެކަމަށް ހަރަދުވާނެކަމަށް އެ ބޭފުޅުން ވިދާޅުވަނީ މާބޮޑު އަގެއް ކަމަށް ޓްރަމްޕް ވިދަޅުވި އެވެ.

އެހެންކަމުން މިއަހަރުގެ ޕެރޭޑު ކެންސަލްކޮށް، އަންނަ އަހަރު އެފަދަ ޕެރޭޑެއް ބޭއްވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާ ސަރުކާރުން އެ ޕެރޭޑު ބާއްވަން ނިންމާފައި އޮތީ ފުރަތަމަ ބޮޑު ހަނގުރާމައަށް 100 އަހަރު ފުރޭ ދުވަސް ކަމަށްވާ، އަންނަ ނޮވެމްބަރު މަހުގެ 11ގަ އެވެ.

އެޕެރޭޑުގެ ބަޖެޓު ޑިރެކްޓަރު އެންމެ ފުރަތަމަ ލަފާ ކުރެއްވި ގޮތުގައި އެއަށް ހަރަދު ވާނީ 10 މިލިއަން ޑޮލަރާއި 30 މިލިއަން ޑޮލަރާ ދެމެދުގެ އަގެކެވެ. ނަމަވެސް، ފަހުން އޮފިޝަލުން ވިދާޅުވީ އެފަދަ ޕެރޭޑަކަށް 92 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށެވެ.

ރައީސް ޓްރަމްޕް ޕެރޭޑެއް ބާއްވަން ބޭނުންފުޅުވީ، މިދިޔަ އަހަރު ފްރާންސަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ އަސްކަރީ ޕެރޭޑެއް ފެނިވަޑައިގަތުމުންނެވެ. އަދި ޓްރަމްޕް ވަނީ ފްރާންސަށް ވުރެ މޮޅު ޕެރޭޑެއް ބާއްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައި އެވެ.

comment ކޮމެންޓް