ރިޔާސީ ބަހުސްގެ ދައުވަތު ރައީސް ޔާމީން ގަބޫލުކުރައްވައިފި

ރައީސް ޔާމީން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ - ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހު

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއި ޕީއެސްއެމް އިން އިންތިޒާމުކޮށްގެން ބާއްވާ ރިޔާސީ ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ގަބޫލުކުރައްވައިފި އެވެ.

"އެމްއެންޔޫ ރިޔާސީ ބަހުސް 2018"ގެ ނަމުގައި ބާއްވާ އެ ބަހުސްގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގެންނެވުމުގެ ދައުވަތު ގަބޫލުކުރެއްވިކަން ކަށަވަރުކުރައްވައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމު އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެ ބަހުސްގައި ބައިވެރިވުމަށް ދެއްވި ދައުވަތު ރައީސް ޔާމީން ވަނީ ގަބޫލުކުރައްވައިފައި ކަމަށެވެ.

ރިޔާސީ ބަހުސް ބޭއްވުމަށް މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހު ޕީއެސްއެމް އާއި އެމްއެންޔޫ އިން ވަނީ ސޮއިކޮށްފަ އެވެ.

"އެމްއެންޔޫ ރިޔާސީ ބަހުސް 2018"ގައި ރިޔާސީ ކެންޑިޑޭޓުންގެ މެނިފެސްޓޯއަށް ހާއްސަ ބަހުސްއަކާއި ރަނިންގް މޭޓުންނަށް ހާއްސަ ބަހުސެއެއްވެސް އޮންނާނެ ކަމަށް ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގް ޑައިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފު ވަނީ ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ، މިފަހަރުގެ ބަހުސްއަކީ އިލްމީ އަދި ހުރިހާ ގޮތަކުން ވެސް ރައްޔިތުން ބަލައިގަންނަ ބަހުސަކަށް ހެދުމަށް ޓަކައި ބަހުސްގެ ސުވާލުތައް ތައްޔާރުކުރުމާއި، ކެެންޑިޑޭޓުންނާއި ގުޅުންހުރި ކަންކަމުގައި މުއާމަލާތު ކުރުމުގެ އިތުރުން ބަހުސް ހުށައަޅާދޭނެ ފަރާތެއް ވެސް ކަނޑައެޅުމަށް ހަމަޖެހިފައި ވަނީ ގައުމީ ޔުނިވާސީޓިން އިން ކަމަށެވެ.

މީގެ ކުރިން އެ ބަހުސް ބާއްވަމުން އައީ ދައުވަތުގެ މީޑިއާއިންނެވެ.

comment ކޮމެންޓް