މެސީ ނުހިމަނާ އާޖެންޓީނާގެ ސްކޮޑް އިއުލާނުކޮށްފި

ފީފާ ވޯލްޑް ކަޕް 2018ގައި އާޖެންޓީނާއާއި ފްރާންސް ކުޅުނު ގަދަ 16ގެ މެޗުގެ ތެރެއިން: އެ މެޗުން ފްރާންސް މޮޅުވީ 4-3ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

ބާސެލޯނާގެ ތަރި އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ، ލިއޮނަލް މެސީ ނުހިމަނައި އާޖެންޓީނާގެ ސްކޮޑު އިއުލާނުކޮށްފި އެވެ.

ގުއަޓަމާލާ އަދި ކޮލަމްބިއާއާ ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ މެޗުތަކަށް ނެގި ސްކޮޑުގައި މެސީ ހިމަނާފައި ނުވާ އިރު، އޭނާ ގައުމީ ޓީމުން ރިޓަޔާ ކުރަން އުޅޭ ކަމަށް ވަނީ ހަބަރު ފެތުރިފަ އެވެ. އެގޮތުން މި އަހަރު އާޖެންޓީނާ ކުޅޭ އެއްވެސް މެޗެއްގައި މެސީ ނުކުޅޭނެ ކަމަށް އޭނާ އާޖެންޓީނާގެ ވަގުތީ ކޯޗު ލިއޮނަލް ސްކޮލޯނީ ގާތުގައި ބުނެފައިވާ ކަމަށް މީގެ ކުރިން ރިޕޯޓުތައް ބުންޏެވެ.

މެސީގެ އިތުރުން ސްކޮޑުން ދެން ބާކީކޮށްފައިވާ ބޮޑެތި ނަންތަކަކީ ސާޖިއޯ އަގުއޭރޯ، އެންޖެލް ޑިމާރިއާ، އަދި ގޮންޒާލޯ ހިގުއައިން އެވެ.

ވޯލްޑްކަޕަށް ނެގި23 ކުޅުންތެރިންގެ ސްކޮޑުގެ ތެރެއިން މިފަހަރުގެ ސްކޮޑަށް ހޮވުނީ އެންމެ ނުވަ ކުޅުންތެރިންނެވެ.

އާޖެންޓީނާގެ ސްކޮޑުގައި އަލަށް ހިމެނުނު ކުޅުންތެރިންގެ ތެރޭގައި އެތްލެޓިކޯ މެޑްރިޑްގެ ކޯޗް ޑިއޭގޯ ސިމިއޯނީގެ ދަރިފުޅު ޖިއޮވާނީ ސިމިއޯނީ ހިމެނެ އެވެ. އަދި އިންޓަ މިލާނަށް ކުޅޭ ލަޓައުރޯ މާޓިނޭޒް އާއި ވޯލްޑްކަޕް ސްކޮޑުން ބާކީ ކުރި މައުރޯ އިކާޑީ ވެސް މިފަހަރު ވަނީ ސްކޮޑަށް ނަގައިފަ އެވެ.

ވޯލްޑް ކަޕުގައި އާޖެންޓީނާ ދެއްކި ކުޅުމުގެ ސަބަބުން އެ ޓީމުގެ އޭރުގެ ކޯޗް ވަނީ މަގާމުން ވަކިކޮށްފަ އެވެ. މިހާރު ކޯޗު ކަމުގެ މަގާމުގައި ވަގުތީ ގޮތުން ހުރީ ކުރީގެ އެސިސްޓެންޓް ކޯޗު ލިއޮނަލް ސްކަލޯނީ އެވެ.

comment ކޮމެންޓް