ދެކުނު ފަރާތު ނެރަށް އެރި ލޯންޗު ފުނޑުފުނޑު ވެއްޖެ، ބައިތައް އޮޔާ ދަނީ

މާލެ ދެކުނު ފަރާތު އަލަށް ކެނޑި ނެރަށް މިއަދު އުރުނު ލޯންޗް ފުނޑުފުނޑުވެފައި --- ފޮޓޯ: އެމްއެންޑީއެފް

މާލޭ ދެކުނު ފަރާތު އަލަށް ކެނޑި ނެރުން މިއަދު ހެނދުނު ނުކުންނަން އުޅުމުގެ ތެރޭގައި އުރުނު ލޯންޗު ފުނޑުފުޑުވެ އޭގެ ބައިތައް އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުތައް ސަމާލުވުމަށް އެދެފި އެވެ.

މާލޭ ދެކުނު ފަރާތު ފަޅުން ނުކުންނަނިކޮށް ތޮއްޓަށް އެރީ އައިމާ ކޮންސްޓްރަކްޝަންގެ ލޯންޗެކެވެ. އެވަގުތު ލޯންޗުގައި 17 މީހުން ތިބި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުލިބި ވަނީ ސަލާމާތްވެފަ އެވެ.

ލޯންޗް ނެރުމައްޗަށް އެރި ނަމަވެސް އެ ސަރަހައްދަށް ބިންދަމުން ދިޔަ ރާޅާއި ލޯންޗަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން ވަނީ ލޯންޗު ސަލާމަތް ނުކެރިވި ބައިތައް ވަކިވެފަ އެވެ.

އެމްއެންޑީއެފުން ބުނީ ނެރުމައްޗަށް އުރުނު ލޯންޗުގެ ބައިތައް އޮޔާދަމުންދާ ކަމަށާއި އެ ސަރަހައްދުން ދަތުރުކުރަމުންދާ އުޅަދުފަހަރު އެކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.

އައިމާގެ އޮފިޝަލު 'ސަން' އަށް ވިދާޅުވީ މިއަދު ލޯންޗު ފަރަށް އެރީ ނެރުން ނުކުންނަކިކޮށް ޖެހިޖެހިގެން އައި ދެތިން ރާޅާ އެކު ލޯންޗު ކޮންޓްރޯލު ނުވެގެން ގޮސް ތޮށިގަނޑަށް އެރުމުން ކަމަށެވެ.

މާލޭ ފުއްޓަރު ފަރާތުން ޓެޓްރާ ޕޮޑްތައް ނަގައި ނެރެއް ކެނޑުމުން ގިނަ ބަޔަކު ހައުސިން މިނިސްޓްރީ އަށް ފާޑުކިޔި އެވެ. އަދި މީގެ ކުރިން ވެސް ދެތިން ލޯންޗާއި ދޯނި ފަރަހަރު އެ ނެރަށް އަރައި ބޮޑެތި ގެއްލުންތައް ވަނީވެފަ އެވެ.

comment ކޮމެންޓް