އިތުރު ކޯޓާއިން ހައްޖަށް ދާ 400 މީހުން މިއަދު ފުރާނެ

ހައްޖަށް ގޮސް ތިބި މީހުން އަޅުކަން ކުރުމުގައި --- ސަން ފޮޓޯ: އަހުމަދު މުޖުތަބާ

ސައުދީން ސަރުކާރުން މި އަހަރު ރާއްޖެ އަށް އިތުރު ކޮށްދިން 1000 ހައްޖުކޯޓާގެ ދަށުން ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށް ފުރާ 400 މީހުން މިއަދު ފުރާގޮތަށް ހަމަ ޖެހިއްޖެ އެވެ.

އެންމެ ފުރަތަމަ އެމީހުން ފުރާގޮތަށް ހަމަ ޖެހުނީ އިއްޔެ އެވެ. ނަމަވެސް ސައުދީ އެއާލައިނަށް ދިމާވި މައްސަލައެއްގެ ސަބަބުން ފުރުން ލަސްވީ އެވެ. ހައްޖު ކޯޕަރޭޝަންގެ އެމްޑީ އިދުރީސް އިސްމާއިލް ސަން އަށް މިއަދު ވިދާޅުވީ 400 ހައްޖާޖީން މިއަދު ފުރާގޮތަށް މިހާރު ހަމަ ޖެހިފައިވާ ކަމަށެވެ.

"މިއަދު [ކަވީރު] 5:00 ޖަހާއިރަށް ފުރުން ޝެޑިއުލް ކުރެވިފައި އިނީ. އެކަމަކު އޭގެ ކުރިން ވެސް ފުރޭތޯ މަސައްކަތް ކުރަމުން ދަނީ." އިދުރީސް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ސައުދީން އިތުރުކޮށްދިން 1000 ކޯޓާގެ ދަށުން ކޯޓާތައް އެކި ގްރޫޕްތަކުގެ މެދުގައި ބަހައިފައިވާ ކަމަށެވެ. އެގޮތުން ހައްޖު ކޯޕަރޭޝަނަށް 900 ޖާގަ، ތަޒްކިޔާ ހައްޖު ގްރޫޕަށް 50 ޖާގައިގެ އިތުރުން އަލް ހަރަމައިންއަށް 50 ޖާގަ ދީފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ހައްޖު ކޯޕަރޭޝަނަށް 900 ޖާގަ ދިން ނަމަވެސް، އެ ކޯޕަރޭޝަނުން ބުނީ ހައްޖަށް މިފަހަރު ގެންދާނީ 400 މީހުން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ. އަދި ތަޒްކިޔާ އަދި ހަރަމައިން ކަނޑައަޅާފައިވާ ޖާގައަށް މީހުން ގެންދޭތޯ އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ.

ސައުދީން ރާއްޖެ އިން ހައްޖަށް ގެންދިއުމަށް އާންމުކޮށް ދޫކުރަނީ 1000 ކޯޓާ އެވެ. ނަަމަވެސް މިދިޔަ އަންގާރަ ދުވަހު ސައުދީން ވަނީ އިތުރު 1000 ކޯޓާ ރާއްޖެ އަށް އިތުރުކޮށްދީފަ އެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ކުރިއަށް އޮތް ދެ އަހަރު ހައްޖަށް ދިއުމަށް ޖާގަ ކަށަވަރު ވެފައިވާ ފަރާތްތަކުގެ ތެރެއިން މި އަހަރު ހައްޖަށް ދާން ބޭނުންވާ ފަރާތްތަކުން ނަން ނޯޓްކުރުމަށް އެ ކޯޕަރޭޝަނުން ހުޅުވާލީ މިދިޔަ ހަފްތާގަ އެވެ.

comment ކޮމެންޓް