އިންތިހާބީ ކަންކަން އޮޅުވާލަން މަސައްކަތް ކުރި މީހުންނަށް ދައުވާ ކުރާނަން: ޝަރީފު

އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް މިއަދު އިންތިހާބީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވާހަކަފުޅުދައްކަވަނީ --- ސަންފޮޓޯ/ ފަޔާޒު މޫސާ

ރިޔާސީ އިންތިހާބުގެ ކަންކަން އޮޅުވާލަން މަސައްކަތް ކުރި މީހުނާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.

އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް މިއަދު އިންތިހާބީ މަރުކަޒުގައި ބޭއްވި ރައްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފު ވިދާޅުވީ އިންތިހާބުގެ އެއްވެސް ކަމެއް އިލެކްޝަންސް ކޮމިޝަނުން އޮޅުވާ ނުލާނެ ކަމަށެވެ.

ޝަރީފު ވިދާޅުވީ ރީ ރެޖިސްޓްރީ ކުރުމަށް ފޯމު ހުށަހަޅަން ހުޅުވާލީ ފުރުސަތުގައި ބައެއް ފަރާތްތަކުން އޮޅުވާލަން ނުބައި ފިންގަޕްރިންޓްތަކެއް ޖަހާ ފޯމުތަކެއް ހުށަހަޅާފައި ހުރި ކަމަށާއި ފޯމު ހުށަހެޅި މީހުންނާއި ފިންގަ ޕްރިންޓް ޖެހި މީހުން އިލެކްޝަނަށް އެނގޭ ކަމަށެވެ.

"އަޅުގަނޑު ހަމަ ދިވެހި ރާއްޖޭގެ ރައްޔިތުންގެ ސަމަލާކު ކަމަށްޓަކައި ދަންނަވާލަން. އިންތިހާބީ ކަންކަން އޮޅުވާލުމަށް ޓަކައި މަސައްކަތް ކުރި ހުރިހާ އެންމެން ގޮވައިގެން އަޅުގަނޑުމެން ދައުވާ ކުރާނަން. ޖިނާއީ ދައުވާ ކުރާނަން. އަދި އެމީހުންނަށް އެ ކުރި ކުށުގެ އަދަބު އެ އޮންނަ އުސޫލެއްގެ ތެރެއިން ދޭނަން،" ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ މިހާރު ހުރިހާ ފޯމުތައް ބަލައި އޮޅުވާލަން މަސައްކަތް ކުރި މީހުން އައިޑެންޑިފައި ކޮށްފައިވާ ކަމަށެވެ. ޝަރީފު ވިދާޅުވީ "އިލެކްޝަންސް ކޮމިޝަނުން އެއްވެސް ހާލެއްގައި ރި ރެޖިސްޓްރޭޝަން އޮޅުވާލަން މަސައްކަތް ކޮށްފައި ނުވާނެ" ކަމަށެވެ.

ރި ރެޖިސްޓްރީ ކުރަން ފޯމެއް ވައްދާފައި އޮވެގެން ނޫނީ ފޯމު ރެޖިސްޓްރީ ކޮށްފައި ނޯންނާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

"އޮޅުވާލާ ކަމަށްވަންޏާ އޮޅުވާލާފައި ވަނީ އެ ފޯމު ވެއްދި ފަރާތްތަކުން. ސިޔާސީ ޕާޓީތަކުން. ނުވަތަ އެ ފޯމުތައް ހިއްޕަވައިގެން ވަޑައިގެންނެވި ފަރާތްތަކުން. އިލެކްޝަންސް ކޮމިޝަނުގެ ބޮލުގައި ނުވަތަ އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއްގެ ގޮތުގައި މި ނާޅުވާ." ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ ފެށޭ ހަފްތާގައި ރި-ރެޖިސްޓްރީ ވި މީހުންގެ މައުލޫމާތުތައް އާންމު ކުރާނެ ކަމަށެވެ.

މީޑިއާތަކަށް އަމާޒުކޮށް ވެސް ޝަރީފު ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ. ޝަރީފު ވިދާޅުވީ ބައެއް ސިޔާސީ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނާ ބެހޭ ގޮތުން އަދި އިންތިހާބާ ބެހޭ ގޮތުން ދައްކާ ވާހަކަތައް އެ ކޮމިޝަނުގެ ބަހެއް ނެތި ހަގީގަތް އޮޅޭ ގޮތަށް މީޑިއާތަކުގައި ޖަހަމުންދާ ކަމަށެވެ.

"އަޅުގަނޑު މި ފުރުސަތުގައި ދަންނަވާލަން ބޭނުންވަނީ މިވީހާތަނަށް އަޅުގަނޑުމެން އެކަހަލަ ސުރުހީތަކަށް އަޅާ ނުލައި ތިބީ. އެހެން ނަމަވެސް އިންތިހާބު ރަސްމީކޮށް އިއުލާނު ކުރުމާ އެކީގައި އެފަދަ ސުރުހީތަކުގައި ހަގީގަތާ ހިލާފު ވާހަކަ ލިޔުއްވަމުން ގެންދަވާ ކަމުގައި ވަންޏާ، އެފަދަ ފަރާތްތަކާ ދޭތެރޭ މުއައްސަސާތައް މެދުވެރިކޮށް މައްސަލަތައް ބަލަމުން ދާނަން." ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިލެކްޝަންސްގެ ބަސް ހޯދައިގެން ރައްޔިތުންނަށް ހަގީގަތް ހާމަ ކޮށްދިނުމަކީ މީޑިއާތަކުގެ ޒިންމާއެއް ކަމަށެވެ.

comment ކޮމެންޓް