އިމްރާން ޚާން ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވައިފި

ޕާކިސްތާނުގެ އާ ބޮޑުވަޒީރު އިމްރާން ޚާން -- ފޮޓޯ: އީޕީއޭ

އިސްލާމްއާބާދު (އޮގަސްޓު 18): ޕާކިސްތާނުގެ ތަހުރީކީ އިންސާފު (ޕީޓީއައި)ގެ ލީޑަރު، އިމްރާން ޚާން މިއަދު އެގައުމުގެ 22 ވަނަ ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވައިފި އެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ރައީސްގެ ގެކޮޅުގައި ޚާންއަށް ހުވާ ލައި ދެއްވީ ރައީސް މަމްނޫން ހުސެއިން އެވެ.

އިއްޔެ ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގައި އޮތް ބައްދަލުވުމެއްގައި ޚާން ބޮޑުވަޒީރު ކަމަށް އިންތިހާބު ކުރީ 176 މެމްބަރުންގެ ވޯޓުންނެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ޕާކިސްތާން މުސްލިމް ލީގް ނަވާޒް (ޕީއެމްއެލް-އެން)ގެ ލީޑަރު ޝެހެބާޒް ޝަރީފަށް ލިބިފައި ވަނީ 96 ވޯޓެވެ.

އެވޯޓަށް ފަހު، ޚާން މަޖިލީހަށް ދެއްވި ތަގުރީރެއްގައި ވަނީ ސަރުކާރުން ކޮރަޕްޝަން ނައްތާލުމަށާއި ޒުވާނުންނަށް ފުރުސަތުތައް އިތުރުކުރުމަށް ވައުދުވެވަޑައިގެންފަ އެވެ.

އަދި މީގެ ކުރިން އޭނާ ވަނީ ބޮޑުވަޒީރު ކަމަށް އިންތިހާބުވެއްޖެ ނަމަ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ޕާކިސްތާނުގެ އިގުތިސާދު ހަމަޔަކަށް އެޅުވުމަށް ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ މަހު އެގައުމުގައި ބޭއްވި އާއްމު އިންތިހާބުގައި މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ ޕީޓީއައިއިންނެވެ. ނަމަވެސް މަޖިލީހުގެ އަގުލަބިއްޔަތު ލިބޭ މިންވަރަށް ޕީޓީއައިއަށް ގޮނޑި ލިބިފައި ނުވާތީ، އިއްޔެ ޚާން ބޮޑުވަޒީރު ކަމަށް އިންތިހާބުކޮށްފައި ވަނީ ބައެއް ކުދި ޕާޓީތަކުގެ އެހީގަ އެވެ.

ޕާކިސްތާނުގެ އިދިކޮޅު ޕާޓީތަކުން ވަނީ އެއިންތިހާބުގެ ނަތީޖާ އޮޅުވާލި ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އޭގެ ސަބަބުން ޚާން ވަނީ އޭނާގެ ވެރިކަމުގައި އެމައްސަލަ ތަހުގީގު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް