ހުޅުމާލޭގައި ތަރައްގީ ކުރާނެ އިތުރު ކަމެއް ނޯންނާނެ: ސައީދު

80،000 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ބޮޑު މަޝްރޫއު "ހިޔާ" އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ނިމުމުން، ހުޅުމާލޭގައި ތަރައްގީ ކުރަން ޖެހޭ އިތުރު ކަމެއް ނޯންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ކެބިނެޓުގެ ފަރާތުން ހުޅުމާލޭގެ ތަރައްގީގެ މަސައްކަތްތައް ބެއްލެވުމަށް، ރައީސް އަބްދުﷲ ޔާމީން ކަނޑައަޅުއްވާފައި ހުންނަވާ މިނިސްޓަރު ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ސަރުކާރުން ފަށާފައިވާ ވިޔަފާރި އާއި ގެދޮރުވެރިކަމުގެ މަސައްކަތްތައް ނިމުމުން އިދިކޮޅުން އެ އަވަށަށް ގެންނަން ޖެހޭނެ ތަރައްގީއެއް ނޯންނާނެ ކަމަށެވެ.

ސައީދު އެހެން ވިދާޅުވީ، ރޭ ސަޕޯޓަރުންނާ އެކު ހުޅުމާލޭގައި ބޭއްވި ބާބެކިއުއެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، ހުޅުމާލެ އަކީ އިތުރަށް ތަރައްގީ ކުރެވިދާނެ އަވަށެއް ކަމަށް ވިދާޅުވުމުންނެވެ. ކޯލިޝަނުގެ ވެރިކަމެއްގައި ހުޅުމާލެ ތަރައްގީ ކުރާނެ ޕްލޭނެއް އެބައޮތް ކަމަށް، އޭގެ ތަފްސީލުތަކަށް ނުގޮސް އިބޫ ވިދާޅުވި އެވެ.

އިބޫގެ ވާހަކަތަކަށް ރައްދުދެމުން ސައީދު ވިދާޅުވީ، އިދިކޮޅު ކޯލިޝަނުގެ ޖަޒީރާ މެނިފެސްޓޯގައި ހުޅުމާލޭގެ ވާހަކަ ހިމަނާފައި ނުވާ ކަމަށެވެ. އަދި އިބޫ ދެއްކެވި ވާހަކަފުޅުގައި އެއްވެސް ބުރަދަނެއް ވެސް ނެތް ކަމަށް ސައީދު ވިދާޅުވި އެވެ.

"އިބޫ އާއި ރައީސް ނަޝީދު ގުޅިގެން ހުޅުމާލެ އަށް ގެނެވޭނެ އިތުރު ތަރައްގީއެއް ނެތް... 25 ބުރީގެ 16 ޓަވަރު ފެންނަ އިރު އެމްޑީޕީ ކޯލިޝަން ހައިރާން ވާނެ،" ސައީދު ވިދާޅުވި އެވެ.

ހުޅުމާލޭގައި ފެށިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށް ދަނީ ވަރަށް މަޑު ދުވެއްޔެއްގައި ކަމަށް އިބޫ ވިދާޅުވުމުން، ސައީދު ވަނީ އެއަށް ވެސް ވަރުގަދަ ރައްދެއް ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ 40 އަހަރުން ހަތަރު ނަރުދަމާ އޭޅުނު ބަޔަކަށް ޕްރޮޖެކްޓުތަކުގެ ސްޕީޑު ބާރު ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

ސަރުކާރުގެ ޕްރޮޖެކްޓުތަކުގައި ކޮރަޕްޝަން ހިމެނޭ ކަމަށް އިބޫ ވިދާޅުވުމުން، ސައީދު ވަނީ އެމްޑީޕީއާ ޖުމްހޫރީ ޕާޓީ ހިންގަމުން އަންނަނީ ކޮރަޕްޝަނުގެ ފައިސާއިން ކަމަށް ތުހުމަތުކޮށް އެކަމަށް ވެސް ރައްދު ދީފަ އެވެ.

ސައީދު ވިދާޅުވީ މި ސަރުކާރުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހި ހަތް ހަފްތާގެ ތެރޭގައި ހިއްކާ، އެތަން ވަށައިގެން ތޮށިލާ، މަގުތައް ހަދާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ތާރީހުގައި ފެނިފައި ނުވާފަދަ، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް އެ ތަނުގައި ފެށިގެން ބާރު ސްޕީޑުގައި ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވިލިމާލޭ-2" އަކީ ރައީސް ޔާމީން ކުރިއަށް ތިން ފިޔަވަޅު އެޅުއްވުން ކަމަށާއި، އެކަން ވެސް ކަމިޔާބު ކުރައްވާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

comment ކޮމެންޓް