ހައްޖު މޫސުމާއެކު ދެ ހަރަމްފުޅު އެއްކޮށް ފުރި ބާރުވެފައި

ހައްޖުގެ އަޅުކަމަށް ގޮސްތިބި މުސްލިމުން ހަރަމްފުޅުގައި --- ސަން ފޮޓޯ: އަހުމަދު މުޖުތަބާ

މަދީނާ (17 އޯގަސްޓް) - ހައްޖުގެ އަޅުކަން އަދާކުރުމަށް މިހާރުވެސް ގިނަ ބަޔަކު ދަނީ ސައޫދީއަށް ދަތުރުކުރަމުންނެވެ. މައްކާއާއި މަދީނާގެ އިތުރުން ސައުދީ އެހެން ސިޓީ ތައްވެސް ދަނީ، ހައްޖުގެ އަޅުކަން އަދާކުރާން އަންނަ މީހުން ޖަމާވެ ތޮއްޖެހެމުންނެވެ.

މިއަދަކީ މިއަހަރުގެ ހައްޖު ދުވަހުގެ ކުރީން އަންނާނެ އެންމެ ފަހު ހުކުރެވެ. ހައްޖުގެ އަޅުކަން އަދާކުރަން، މިއަހަރު ގާތްގަނޑަކަށް މިލިއަނަކަށްވުރެ ގިނަ މީހުން މިހާރުވެސް ސައުދީއަށް ވަނީ އެތެރެވެފަ އެވެ. އަދި ސައުދީ މީހުންގެ އިތުރުން އެކި ގައުމުތަކުން އަންނަ މީހުންނާއި އެކު، ޖުމުލަ ތިން މިލިއަނާ ގާތްކުރާ އަދަދަކަށް ހައްޖުގެ އަޅުކަމުގައި މީހުން ބައިވެރި ވާނޭ ކަމަށް ސައުދީގެ ކަމާ ގުޅުންހުރި މުއައްސަސާތަކުން ލަފާކުރެއެވެ.

ހައްޖަށް ގޮސް ތިބި މީހުން އަޅުކަން ކުރުމުގައި --- ސަން ފޮޓޯ: އަހުމަދު މުޖުތަބާ

މިއަދުގެ ހުކުރު ޚުތުބާ އަޑުއެހުމަށާއި ހުކުރު ނަމާދުގައި ބައިވެރިވުމަށް، މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީއަށް އެތައް ހާސް މީހުން ޖަމާވިއިރު، މައްކާގައި ހުންނަ މަސްޖިދުލް ޙަރަމްގައި މިއަދު ކުރި ހުކުރު ނަމާދުގައި ގާތްގަނޑަކަށް މިލިއަނަކަށް ވުރެ ގިނަ މީހުން ބައިވެރިވާނޭ ކަމަށް ލަފާކުރެވެއެވެ.

މިއަދު މަސްޖިދުލް ޙަރަމްގައި ޚުތުބާ އިއްވެވީ އިމާމް ސަޢުދު އައް ޝުރައިމްއެވެ. އަސަރުން ފުރިގެންވީ އެ ޚުތުބާގައި އިމާމު އަލިއަޅުއްވައިލެއްވީ، ހައްޖުގެ އަޅުކަމުގެ މާތްކަމާއި މަތިވެރިކަމުގެ މައްޗަށެވެ. އަދި މީސްތަކުން އެ އަޅުކަން އަދާކުރުމުގައި ސަމާލުކަން ދޭންވީ ކަންތައްތަކުގެ މައްޗަށްވެސް އިމާމް އަލިއަޅުއްވައިލެއްވިއެވެ. މިއަދުގެ ޚުތުބާ އަޑުއެހުމަށާއި ހުކުރު ނަމާދުގައި ބައިވެރިވުމަށް މާތްވެގެންވާ ހަރަމްފުޅުގެ އެތެރެއާއި ބޭރު އެއްކޮށް ވަނީ ފުރި ބާރުވެފައެވެ.

ހައްޖަށް ގޮސް ތިބި މީހުން އަޅުކަން ކުރުމުގައި --- ސަން ފޮޓޯ: އަހުމަދު މުޖުތަބާ

އަންނަ ހޯމަ ދުވަހު ހައްޖުގެ އެންމެ މުހިއްމު ބައި ކަމުގައިވާ ޢަރަފާތުގައި ހުރުމަށް ކުރާ ދަތުރުގެ ކުރީން، ހައްޖުގެ އަޅުކަން ފެށުމުގެ ގޮތުން ހައްޖުވެރީން މިނާގެ ދަތުރު ފަށާނީ އަންނަ އާދީއްތަ ދުވަހުއެވެ.

ހައްޖުވެރީންނަށް ހުރިހާ ކަމެއްވެސް ވީހާވެސް ރަނގަޅަކަށް ފަހިކޮށްދިނުމުގެ ގޮތުން، ސައުދީ ސަރުކާރުގެ އެކިއެކި ވުޒާރާތަކާއި މުއައްސަސާތަކުން ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީގައި ތިބި މީހުން --- ސަން ފޮޓޯ: އަހުމަދު މުޖުތަބާ

ސައުދީގެ ކަމާ ގުޅުންހުރި އިދާރާ ތަކުން ދަނީ، ހައްޖުވެރީންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކެނޑި ނޭޅި ހޭލުންތެރި ކަމުގެ ޕްރޮގްރާމްތައް ވެސް ހިންގަމުންނެވެ. އެގޮތުން ޓެކްސްޓް މެސެޖް މެދުވެރިކޮށް، އަދި އެނޫން ގޮތްގޮތުންވެސް، ހައްޖުވެރީން ކޮންމެހެން ސަމާލުކަން ދޭން ޖެހޭ ކަންކަން ދަނީ އަންގަމުންނެވެ. އޭގެ ތެރޭގައި ސާފު ތާހިރުކަމާއި، ކަރަންޓު ބޭނުންކުރުމުގައި ރައްކާތެރި ވުމާއި، އަދި އެނޫންވެސް ހިތާމަވެރި ހާދިސާއެއް ހިނގައިފާނޭ ކޮންމެ ކަމަކަށް ސަމާލުވެ ތިބުމަށް ދަނީ ކެނޑި އިރުޝާދު ދެމުންނެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީގައި ތިބި މީހުން --- ސަން ފޮޓޯ: އަހުމަދު މުޖުތަބާ

ހައްޖުވެރީންގެ ސަލާމަތާއި ރައްކާތެރި ކަމާއި އެނޫންވެސް އެކިއެކި ބޭނުންތައް އެންމެ އޮމާންކޮށް ގެންދިއުމަށް ޓަކައި ސައުދީ ފުލުހުންނާއި ސިފައިންގެ އިތުރުން، ސަރުކާރުގެ އެކި މުއައްސަސާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން ވެސް ގުޅިގެން މަސައްކަތްކުރަމުން ދާކަމަށް ކަމާގުޅޭ ވުޒާރާތަކުން ބުނެ އެވެ.

comment ކޮމެންޓް