ކެންޑިޑޭޓުންނަށް އެއާޓައިމް ދޫކުރުމާ ބެހޭ އުސޫލަށް ބަދަލުގެނެސްފި

ބްރޯޑްކާސްޓިންގް ކޮމިޝަނުގެ ހަތް މެމްބަރުން -- ފޮޓޯ/ ބްރޯޑްކޮމް

އިންތިހާބެއްގެ ދުވަސްވަރުގައި ކެންޑިޑޭޓުންނާއި ޕާޓީތަކަށް ބްރޯޑްކާސްޓަރުން އެއާޓައިމް ދިނުމުގައި އަމަލުކުރަންވީ ގޮތްތަކާއި، ހަމަތަކާ ޚިލާފަށް އަމަލުކުރާ ބްރޯޑްކާސްޓަރުންނާ މެދު ފިޔަވަޅު އެޅުމާ ބެހޭ އުސޫލަށް ބަދަލުގެނެސްފި އެވެ.

ކެންޑިޑޭޓުންނަށް ބްރޮޑްކާސްޓަރުންގެ ވަގުތު ހާއްސަކުރުމުގެ ހަމަތައް ބަޔާންކުރުމާއި އިދާރީ ފިޔަވަޅު އެޅުމާ ބެހޭ އުސޫލަށް ގެނައި ފުރަތަމަ ބަދަލުގައި ވަނީ، އެ އުސޫލުގެ އަށް ވަނަ މާއްދާގެ (ބ) ގައި ބްރޯޑްކާސްޓަރު މާނަކޮށްފައިވާ ގޮތަށް ބަދަލު ގެނެސްފަ އެވެ. އެގޮތުން މިހާރު ބޮރޯޑްކާސްޓަރުން ކަމަށް ބަލާނީ، ބްރޯޑްކާސްޓް ކުރުުގެ ގާނޫނުގެ ދަށުން ލައިސަންސް ލިބިގެން، ޚަބަރާއި، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާ ކަންކަމާބެހޭ މައުލޫމާތާއި، ޕްރޮގްރާމް ބްރޯޑްކާސްޓްކުރާ ޗެނެލްތަކެވެ.

އެ އުސޫލުގައި ބުނެފައިވާ ގޮތުން، އިންތިހާބެއްގައި ވާދަކުރާ ކެންޑިޑޭޓުން ނުވަތަ ޕާޓީތަކަށް ޚާއްސަކޮށްގެން ތާއީދު ހޯދުމުގެ ގޮތުން ޕްރޮގްރާމް، އިޝްތިހާރު ނުވަތަ އެފަދަ ކޮންޓެންޓް ބްރޯޑްކާސްޓުކުރުމަށް ވިޔަފާރި އުސޫލުން ނުވަތަ ހިލޭވެސް ދޫކުރެވިދާނެ އެވެ.

ހިލޭ ދޫކުރާ ނުވަތަ ވިއްކާ ވަގުތުތަކާއި އަގުތައް ކަނޑައަޅައި އަދި އެ ވަގުތުތައް ހޯދުމަށް އެދި ހުށަހެޅޭނެ ފަސޭހަ ނިޒާމެއް ގާއިމުކޮށް، އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރާތާ 48 ގަޑިއިރު ތެރޭގައި ބްރޯޑްކާސްޓަރުން އިއުލާނު ކުރަން ޖެހޭނެ ކަމަށް ވެސް އެ އުސޫލުގައި ބުނެ އެވެ.

އާ އުސޫލުގެ ދަށުން، ކެންޑިޑޭޓުންނަށް ހިލޭ ދޫކުރާ ވަގުތުތަކާއި ވިއްކާ ވަގުތުތަކާއި އަގުތައް، އެ މުއްދަތުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭނެ ކަމަށާއި، ޕްރޮގްރާމް ޝެޑިއުލުން ކެންޑިޑޭޓުންނަށް ވަގުތު ދޫކުރަން ޚާއްސަކުރި ގޮތުގެ ރިޕޯޓު، ހަފްތާއަކު އެއްފަހަކު ބްރޯޑްކޮމް އަށް ހުށަހަޅަން ޖެހޭނެ އެވެ.

ހަފްތާއެއްގެ ތެރޭގައި އެއް ކެންޑިޑޭޓަކަށް ދޭން ކަނޑައަޅާ ވަގުތަށް ވުރެ އިތުރު ވަގުތު އަނެއް ކެންޑިޑޭޓަށް ނުވަތަ އެ ކެންޑިޑޭޓުގެ ސިޔާސީ ޕާޓީއަކަށް ދިނުމަކީ އާ އުސޫލުގެ ދަށުން މަނާ ކަމެކެވެ. އަދި ކެންޑިޑޭޓުންނަށް ވަގުތު ވިއްކާނީ ހުރިހާ ފަރާތަކަށް އެއް އަގަކަށް ކަމަށް އުސޫލުގައި ބުނެއެވެ.

ކެންޑިޑޭޓުންނަށް ހަމަހަމަކަމާ އެކު އެއާޓައިމް ދޫކުރުމުގެ އުސޫލުގައި ބުނެފައިވަނީ ކެންޑިޑޭޓުންނަށް ދޫކުރާ ވަގުތުތައް ހާއްސަކުރަންވާނީ ރޭގަނޑު 9:00 އިން 12:00 އާ ދެމެދުގައި ކަމަށެވެ. ނަމަވެސް، އެ ބްރޯޑްކާސްޓަރެއްގެ ޕްރޮގްރާމް ޝެޑިއުލްގައިވާ އެހެން ވަގުތުތައް ކެންޑިޑޭތުންނަށް ތަފާތުނުވާނެ ގޮތަށް ޚާއްސަ ކުރެވިދާނެ އެވެ.

އޭގެ އިތުރުން، ކެންޑިޑޭޓުންނަށް ވަގުތު ހާއްސަކުރާ އިރު، އެ ކެންޑިޑޭޓަކަސް ކޮންމެ ފަހަރަކު މަދުވެގެން 30 މިނިޓުގެ ވަގުތެއް ދޭންޖެހޭނެ ކަމަށާއި، އެފަދަ ކޮންޓެންޓެއް ދައްކަމުންދާ ވަގުތެއްގައި ކުއްލި ހަބަރެއް ގެނައުމަށްޓަކައި ނުވަތަ ޓެކްނިކަލް މައްސަލައެއް ކުރިމަތިވެ މެދުކަނޑާލަން ޖެހިއްޖެނަމަ، އެ ހާލަތެއް ނިމުމާއެކު އޭގެ ބަދަލުގައި ވީހާވެސް އަވަހަކަށް ވަގުތު ހަމަޖައްސައިދޭން ޖެހޭނެ އެވެ.

އެ އުސޫލުގައި ބުނެފައިވާ ގޮތުން، ދޫކުރާ ވަގުތުގެ ތެރޭގައި ގެނެސްދޭ ކޮންޓެންޓު ދެއްކުމުގެ ޒިންމާ ނަގަންޖެހޭނީ އެ ކޮންޓެންޓެއް ފޮނުވި ބްރޯޑްކާސްޓަރެވެ. އަދި އެ ކޮންޓެންޓަކީ ބްރޯޑްކާސްޓުކުރުމުގެ ގާނޫނު ނުވަތަ އެހެން ގާނޫނަކާ ހިލާފު ކޮންޓެންޓެއް ނަމަ އެ މައްސަލަ ބަލައި، ބްރޯޑްކޮމްއިން ފިޔަވަޅު އަޅާނެކަމަށް އުސޫލުގައި ވެއެވެ.

މިގޮތަށް ބްރޯޑްކާސްޓުކުރާ ކޮންޓެންޓަކާ ބެހޭ ޝަކުވާއެއް އޮތްނަމަ އެ ޝަކުވާއެއް ބްރޯޑްކޮމް އަށް ހުށަހެޅޭނެ ނިޒާމު ގާއިމްކޮށްފައިވާ ކަމަށް ބްރޯޑްކޮމުން ބުނެ އެވެ.

ބްރޯޑްކާސްޓަރަކު އުސޫލަ ހިލާފުވެއްޖެނަމަ، ނަސޭހަތްތެރިވުމުގެ އިތުރުން އިންޒާރު ދިނުން، އަދި ކޮމިޝަނުން އަންގާ ވަގުތެއްގައި، އަންގާ ގޮތެއްގެ މަތިން ކުށުގެ އިސްލާހެއް އާންމުކުރަން ބްރޯޑްކޮމަށް އެންގިދާނެ ކަމަށް އުސޫލުގައި ބުނެފައި ވެއެވެ. އަދި ތަކުރާރުކޮށް އުސޫލާ ހިލާފުވާ ނަމަ މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި، ބްރޯޑްކާސްޓަރުގެ ޕްރޮގްރާމް ޝެޑިއުލް ނުވަތަ ޝެޑިއުލުން ބައެއް ވަކި މުއްދަތަކަށް އުނިކުރަން އެންގުމުގެ އިހްތިޔާރު ބްރޯޑްކޮމްއަށް ލިބިގެންވާ ކަމަށް އުސޫލުގައި ވެއެވެ.

comment ކޮމެންޓް