އިތުރު ކޯޓާއިން ހައްޖަށް ދާ 400 މީހުންގެ ފުރުން ލަސްވެއްޖެ

8 އޯގަސްޓް، 2017: ބަރަކާތްތެރި ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ރާއްޖޭން ހައްޖަށްދާ ހައްޖުވެރިން ފުރަންފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސައުދީން ސަރުކާރުން މި އަހަރު ރާއްޖެ އަށް އިތުރު ކޮށްދިން 1000 ހައްޖުކޯޓާގެ ދަށުން ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށް ފުރާ 400 މީހުންގެ ފުރުން ލަސްވެއްޖެ އެވެ.

އެމީހުން ފުރާގޮތަށް ހަމަޖެހިފައި އޮތީ މިއަދު އެވެ. ހައްޖު ކޯޕަރޭޝަންގެ އެމްޑީ އިދުރީސް އިސްމާއިލް މިއަދު ސަން އަށް ވިދާޅުވީ ހައްޖާޖީން ފުރުން މިހާރު ލަސްވެފައިވާ ކަމަށެވެ. ކުރިން ފުރާ ގޮތަށް ހަމަޖެހިފައި އޮތީ މިއަދު 3:30 ގަ އެވެ.

ފުރުން ލަސްވީ ސައުދީ އެއާލައިނަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށާއި އެކަން ހައްލު ކުރުމަށް ސަރުކާރާއި ސައުދީ އެމްބަސީ އަދި ސައުދީ އެއާލައިން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އިދުރީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފުރަން ދިން ގަޑި ލަސްވެގެން މިއުޅެނީ. ފުރޭނެ ވަކި ގަޑިއެއް ނޭނގޭ،" އިދްރީސް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ސައުދީން އިތުރުކޮށްދިން 1000 ކޯޓާގެ ދަށުން ކޯޓާތައް އެކި ގްރޫޕްތަކުގެ މެދުގައި ބަހައިފައިވާ ކަމަށެވެ. އެގޮތުން ހައްޖު ކޯޕަރޭޝަނަށް 900 ޖާގަ، ތަޒްކިޔާ ހައްޖު ގްރޫޕަށް 50 ޖާގައިގެ އިތުރުން އަލް ހަރަމައިންއަށް 50 ޖާގަ ދީފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ހައްޖު ކޯޕަރޭޝަނަށް 900 ޖާގަ ދިން ނަމަވެސް، އެ ކޯޕަރޭޝަނުން ބުނީ ހައްޖަށް މިފަހަރު ގެންދާނީ 400 މީހުން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ. އަދި ތަޒްކިޔާ އަދި ހަރަމައިން ކަނޑައަޅާފައިވާ ޖާގައަށް މީހުން ގެންދޭތޯ އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ.

ސައުދީން ރާއްޖެ އިން ހައްޖަށް ގެންދިއުމަށް އާންމުކޮށް ދޫކުރަނީ 1000 ކޯޓާ އެވެ. ނަަމަވެސް މިދިޔަ އަންގާރަ ދުވަހު ސައުދީން ވަނީ އިތުރު 1000 ކޯޓާ ރާއްޖެ އަށް އިތުރުކޮށްދީފަ އެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ކުރިއަށް އޮތް ދެ އަހަރު ހައްޖަށް ދިއުމަށް ޖާގަ ކަށަވަރު ވެފައިވާ ފަރާތްތަކުގެ ތެރެއިން މި އަހަރު ހައްޖަށް ދާން ބޭނުންވާ ފަރާތްތަކުން ނަން ނޯޓްކުރުމަށް އެ ކޯޕަރޭޝަނުން ހުޅުވާލީ މިދިޔަ ހަފްތާގަ އެވެ.

comment ކޮމެންޓް