"ސްކޫލަށް ދިޔައީ ކިޔަވަން، ނަމަވެސް އެނބުރި އައީ ލެއިން ފޯވެފައިވާ ހެދުމުގައި"

އައިއެސް އިން ކާބުލްގެ ސްކޫލަކަށް ދިން ހަމަލާގައި 34 މީހަކު މަރުވި -- ފޮޓޯ: އޭއެފްޕީ

އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގަނީ މިދިޔަ މާޗު މަހު ވިދާޅުވި ގޮތުގައި އެ ގައުމުގެ 3.5 މިލިއަން ކުޑަކުދިން ވަނީ ތައުލީމު ހާސިލު ކުރުމުގެ ހައްގުން މަހުރޫމުވެފަ އެވެ. އޭގެ އެއް ސަބަބަކީ ހަތިޔާރު އެޅި ޖަމާއަތްތަކުން ސްކޫލުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ކަމަށް ވެދާނެ އެވެ.

އެގޮތުން ބުދަ ދުވަހު ވެސް ވެރިރަށް ކާބުލްގެ ސްކޫލަކަށް ވަނީ އަމިއްލައަށް މަރުވެގެން ބޮމުގެ ހަމަލާއެއް ދީފަ އެވެ.

"އަހަރެންގެ ރަށްޓެހިން އިއްޔެ ގުޅާފަ ބުނި ކޮއްކޮ ދާ ސްކޫލަށް ހަމަލާއެއް ދީފި ކަމަށް. އަހަރެން އެތަނަށް ދުވެފަ ދިޔަ އިރު ކޮއްކޮގެ ހާލު ސީރިއަސް. ކޮއްކޮގެ ހެދުން ވަނީ އެއްކޮށް ލެއިން ފޯވެފައި،" އުމުރުން 16 އަހަރުގެ ޝަޒިއްޔާގެ ބޭބެ މުހައްމަދު ޔޫސުފް ބުންޏެވެ.

ޔުނިވާސިޓީއަށް ކުދިން ތައްޔާރުކޮށްދޭ އެ ސްކޫލަށް ދިން ހަމަލާގައި 34 މީހަކު މަރުވި އެވެ. އޭގެ ތެރޭގައި ގިނައީ 16 އަހަރާ 20 އަހަރާ ދެމެދުގެ ދަރިވަރުން ކަމަށް އދ.އިން ބުންޏެވެ.

"ކޮއްކޮ ސްކޫލަށް ދިޔައީ ކިޔަވަން، ނަމަވެސް އެނބުރި އައީ ލެއިން ފޯވެފައިވާ ހެދުމުގައި،" ޝަޒިއްޔާގެ ޖަނާޒާގައި ބައިވެރިވަމުން ޔޫސުފް ބުންޏެވެ.

އިސްލާމިކް ސްޓޭޓް (އައިއެސް) އިން އެހަމަލާދިން ސަރަހައްދަކީ ހަޒާރާ ނަސްލުގ ޝީޢީން ގިނަ އަދަދަކަށް ދިރިއުޅޭ ސަރަހައްދެކެވެ. އައިއެސް އިން ދަނީ ތަކުރާރުކޮށް ހަޒާރާ ނަސްލުގެ މީހުންނަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ.

އެގޮތުން 2016 ވަނަ އަހަރު ކާބުލްގައި ހަޒާރާ ނަސްލުގެ މީހުން ކުރި މުޒާހަރާއެއް ތެރެއަށް އައިއެސްއިން ދިން ދެ ހަމަލާއެއްގައި 80 މީހަކު މަރުވެ، 230 މީހަކަށް އަނިޔާވި އެވެ.

"އަހަރެމެންގެ ނަސްލުގެ ސަބަބުން އަހަރެމެންނަށް ހަމަލާތައް ދަނީ އަމާޒު ކުރަމުން. އެއީ އަހަރެމެންގެ ކުށެއް ނޫން،" ޔޫސުފް ބުންޏެވެ.

އައިއެސްގެ އިތުރުން ތާލިބާނުން ވެސް ސްކޫލުތަކަށްދޭ ހަމަލާތަކުގެ އަސަރު އެންމެ ބޮޑަށް ކުރަނީ އަންހެން ކުދިންނަށެވެ. އޭގެ އެއް ސަބަބަކީ އެހަމަލާތައް އާއްމުކޮށް އަންހެން ކުދިންގެ ސްކޫލުތަކަށް އަމާޒު ކުރަމުން ދިޔުމެވެ.

އެގޮތުން 2013 ވަނަ އަހަރާއި މިދިޔަ އަހަރާ ދެމެދު އަފްގާނިސްތާނުގެ 180 ސްކޫލަކަށް ހަމަލާތައް ދީފައިވާ އިރު، އޭގެ ތެރެއިން 25 ޕަސެންޓު ހަމަލާތައް އަމާޒުކޮށްފައި ވަނީ އަންހެން ކުދިންނަށް ހާއްސަ ސްކޫލުތަކަށެވެ.

އަދި އދ.އިން ބުނާ ގޮތުގައި އެގައުމުގައި ތިބި ތައުލީމު ހާސިލު ނުކުރެވޭ 3.5 މިލިއަން ކުޑަކުދިންގެ ތެރެއިން 75 ޕަސެންޓު ކުދިންނަކީ އަންހެން ކުދިންނެވެ.

އެހެންކަމުން އަފްގާނިސްތާނުގައި ސްކޫލުތަކަށްދޭ ހަމަލާތައް ނުހުއްޓުވޭ ނަމަ، ތާލިބާނުންގެ ވެރިކަމަށް ފަހު އެގައުމުން ތައުލީމީ ގޮތުން ހޯދި ކުރިއެރުންތައް ނެތިގެން ދިޔުމަކީ އެކަށީގެންވާ ކަމެކެވެ.

comment ކޮމެންޓް