މަޖިލީހުގެ ދެވަނަ ދައުރު ނިމި މެންބަރުން ޗުއްޓީއަށް

ރައްޔިތުން މަޖިލީހުގެ ޗެމްބަރު އެތެރެ: ދެވަނަ ދައުރުގައި 13 ޖަލްސާ ބޭއްވުމަށް ފަހު މެންބަރުން ވަނީ ޗުއްޓީއަށް ވަޑައިގެންފައި --- ފޮޓޯ/ ރައްޔިތުން މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދުއުރު ނިންމައި މެންބަރުން މިއަދު ޗުއްޓީއަށް ވަޑައިގެންފި އެވެ.

މަޖިލިހުގެ ގަވައިދަށް ގެނައި ބަދަލާ ގުޅިގެން، ދެވަނަ ދައުރު ކަމަށް މިހާރު ކަނޑައަޅާފައި ވަނީ ޖޫން މަހުގެ އެކަކުން ފެށިގެން އޯގަސްޓް މަހުގެ 16 ވަނަ ދުވަހަށެވެ. އަދި ތިންވަނަ ދައުރަކީ އޯގަސްޓް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. ގަވައިދުގައި ކުރިން އޮންނަ ގޮތުން ދެވަނަ ދައުރަކީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށެވެ.

އެހެން ކަމުން މަޖިލީހުގެ މެންބަރުންނަށް ދެވަނަ ދައުރަށް ފަހު ލިބިވަޑައިގަންނަވާނީ 12 ދުވަހުގެ ޗުއްޓީއެކެވެ.

މަޖިލީހުގެ ދައުރު ތިން ދައުރަކަށް ބަހާފައިވާ އިރު، ފަހު ދައުރުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި މަޖިލީހުން ކުރާނެ މަސައްކަތަކީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރުމާއި ފާސްކުރުމެވެ.

ނިމިގެން ދިޔަ މަޖިލީހުގެ ދެވަނަ ދައުރުގައި ބޭއްވީ 13 ޖަލްސާއެވެ. އެ ޖަލްސާތަކުގައި ވަނީ ރިޔާސީ އިންތިހާބާއި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހުތަކެއް ގެނެއިސްފައެވެ. އަދި ގިނަ އަދަދެއްގެ ބިލްތަކެއް ވެސް ވަނީ މަޖިލިހަށް ހުށަހަޅައިފައެވެ. ނަމަވެސް ގިނަ ބިލްތައް އަދި ހުރި ކޮމެޓީ މަރުހަލާގައެވެ.

comment ކޮމެންޓް