ބ. ހިތާދޫން މެޑަމްއަށް މަރުހަބާ ދެންނެވުމަށް އެންމެ ކުރީގައި އެމްޑީޕީ ކައުންސިލަރުން

ފާތިމަތު އިބްރާހިމް ބ. ހިތާދުއަށް ވަޑައިގަތުމުން އެމްޑީޕީގެ ކައުންސިލަރުން އެކަމަނާ އަށް މަރުހަބާ ދަންނަވަނީ ---

ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ހިތާދުއަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް އެމްޑީޕީގެ ތިން ކައުންސިލަރުން ނިކުމެވަޑައިގެންފި އެވެ.

އާބާދީގައި 1392 މީހުން ދިރިއުޅޭ އެ ރަށުގައި އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެ ރަށުގެ ތިން ގޮނޑި ވެސް އެމްޑީޕީގެ ތިން ކައުންސިލަރުން ވަނީ ބޮޑު ތަފާތަކުން ކާމިޔާބުކޮށްފަ އެވެ.

ފާތިމަތު އިބްރާހިމް ބ. ހިތާދޫއަށް ވަޑައިގަތުމުން އެމްޑީޕީގެ ކައުންސިލަރުން އެކަމަނާއަށް މަރުހަބާ ދަންނަވަނީ ---

އެންމެ ގާތުން ކެމްޕެއިންގެ ދަށުން ފާތިމަތު އިބްރާހިމް، ރާއްޖޭގެ ރަށްތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަމުން ގެންދަވާ އިރު ބ. އަތޮޅަށް އެކަމަނާ ވަޑައިގަތީ މީގެ ދެ ދުވަސް ކުރިންނެވެ.

މެޑަމް ފާތުންގެ ދަތުރުފުޅުގައި މިއަދު ހެނދުނު ބ. ހިތާދޫއަށް ވަޑައިގަތުމުން އެ ރަށުގެ އެމްޑީޕީއަށް ތާއިދުކުރާ ފަރާތްތަކާ އެކު ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެކަމަނާއަށް މަރުހަބާ ދެންނެވުމަށް ނިކުމެފަ އެވެ.

"އަޅުގަނޑުމެން މެޑަމްއަށް މަރުހަބާ ދަންނަވައި މެޑަމްއާ ބައްދަލުކުރީ ރަށަށް ދިމާވެފައި ހުރި ދަތިތަކުގެ ވާހަކަ ދަންނަވަން. އަދި މެޑަމް ވަނީ އަޅުގަނޑުމެނަށް އެ ފުރުސަތު ދެއްވާފައި. އެކަމަށް ޓަކައި ޝުކުރު ދަންނަވަން،" ހިތާދޫ ކައުންސިލްގް ނައިބް ރައީސް މުހައްމަދު ހަސަން 'ސަން' އަށް ވިދާޅުވި އެވެ.

ހިތާދޫއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފެނާއި ނަރުދަމާގެ ހިދުމަތް ކަމަށާއި އެކަންތަކުގެ އިތުރުން ރަނގަޅު ފެންވަރުގެ ޖަނަރޭޓަރެއް ވެސް ރަށަށް ބޭނުންވާ ވާހަކަ މެޑަމް އަރިހު ދެންނެވި ކަމަށް މުހައްމަދު ހަސަން ވިދާޅުވި އެވެ.

ފާތިމަތު އިބްރާހިމް ބ. ހިތާދޫއަށް ވަޑައިގަތް އެމްޑީޕީގެ ކައުންސިލަރުންނާ ބައްދަލު ކުރައްވަނީ ---

ތިން ކައުންސިލަރުންނާ ބައްދަލުކުރައްވައި ކައުންސިލަރުން އެދިވަޑައިގަތް ކަންތައްތަކަށް އަވަސް ހައްލެއް ހޯދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް މެޑަމް ވިދާޅުވެފައިވާ ކަން މުހައްމަދު ހަސަން ފާހަގަކުރެއްވި އެވެ. އަދި ކައުންސިލަރުންގެ އިތުރުން ވަކިވަކި ރައްޔިތުންނާ މެޑަމް ފާތުން ބައްދަލުކުރައްވައި އެ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކުގެ ވާހަކަ އޮޅުން ފިލުވައި ހެއްދިވި ކަމަށް މުހައްމަދު ހަސަން ވިދާޅުވި އެވެ.

ބ. އަތޮޅުގެ ގިނަ ރަށްތަކަކަށް ފާތިމަތު އިބްރާހިމް ވަޑައިގެންފައިވާ އިރު ބައެއް ރަށްތަކުގެ ބައެއް މީހުން ވަނީ ތަފާތު ޝުއޫރު ފާޅުކޮށްފަ އެވެ. އެގޮތުން ބ. ތުޅާދޫއިން ގިނަ އަދަދެއްގެ ރައްޔިތުން މެޑަމް ފާތުންއަށް މަރުހަބާ ދެންނެވުމަށް ނިކުތް އިރު އެމްޑީޕީ އާއި އެދިކޮޅު ޕާޓީތަކުގެ ސަޕޯޓަރުން ވަނީ އެކަމަނާއާ ދެކޮޅަށް އަޑު ވެސް އުފުލައިފަ އެވެ.

މެޑަމް ފާތުން ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެކަމަނާގެ އަރިހުގައި، ހއ. ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި ނ. ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު އާއި ސ. ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އާއި މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދުގެ އިތުރުން، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސަޢީދު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

comment ކޮމެންޓް