މަހަށް ނުކުމެ އުޅެނިކޮށް ގެއްލުނު ޒުވާނާ ފެނިއްޖެ

ގެއްލިގެން ހޯދަމުން ދިޔަ އަދުނާނު، ދޯނީގައި އޮށޯވެގެން --- ފޮޓޯ/ އެމްއެންޑީއެފް

ނ. ޅޮހިން ދޯންޏެއްގައި މަސްވެރިކަން ކުރަން ނުކުމެ އުޅެނިކޮށް ގެއްލުނު ޒުވާނާާ ފެނިއްޖެއެވެ.

އެމްއެންޑީއެފްއިން ބުނީ ނ. ޅޮހީ ފެހިވިނަ އުމުރުން 30 އަހަރުގެ ހުސައިން އަދުނާނު ފެނުނީ ސީޕްލޭންއިން އެ ސަރަހައްދު ވައިގެ މަގުން ބަލަމުން ދަނިކޮށް ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށާއި އަދި މިހާރު އޭނާ ކޯސްޓްގާޑަށް ނަގައިގެން ނ. މަނަދޫއަށް މިސްރާބްޖަހައިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ދޯނި ޅޮހިން ފުރީ ރޭ 10:30 ހާއިރު ކަމަށާއި އެންމެ ފަހުން ދޯންޏާ ގުޅިފައިވަނީ ރޭ ދަންވަރު 1:30 ހާއިރު ކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ. ދޯނީގެ ހަބަރު ވީއިރު އެ ދޯނި އޮތީ ނ. މަނަދޫއާއި ޅޮއްސާއި ދެމެދުގައި ކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.

ނ. ޅޮހީ ކައުންސިލުގެ މެންބަރަކު ސަންއަށް ވިދާޅުވީ ގެއްލިގެން ހޯދާ ދޯނީގައި ހުރި މީހަކީ އާންމުކޮށް އެކަނި ކަނޑުމައްޗަށް ނިކުންނަ މީހެއް ނޫން ކަމަށެވެ.

ހަބަރު ނުވެގެން ހޯދާ ދޯންޏަކީ 15 ފޫޓު ދިގު، ބޭރުގައި މަޑު ނޫކުލައިގެ ދަވާދު ލާފައިވާ، ހަ ހޯސްޕަވަރުގެ އައުޓްބޯޑު ސުޒުކީ އިންޖީނެއް އަޅާފައިވާ ދޯންޏެއް ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

comment ކޮމެންޓް