ދިއްލީ (އޮގަސްޓު 16): މިދިޔަ ޖޫން މަހު އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސެސް (އެއިމްސް)ގައި އެޑްމިޓު ކުރި އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އަތަލް ބިހާރީ ވަޖްޕާއީ އޮންނެވީ ލައިފް ސަޕޯޓުގައި ކަމަށް އެހޮސްޕިޓަލުން ބުނެފި އެވެ.
އެއިމްސް އިން ނެރުނު ބަޔާނެއްގައިވާ ގޮތުން 93 އަހަރުގެ ވަޖުޕާއީގެ ހާލުކޮޅު ސީރިއަސް ކަމުން އޭނާ އޮންނެވީ ލައިފް ސަޕޯޓުގަ އެވެ. ޖޫން 11ގައި ވަޖުޕާއީ އެޑްމިޓު ކުރީ ކިޑްނީ އިންފެކްޝަނެއް ޖެހުމާ ނޭވާލަން އުނދަގޫވުމުގެ ސަބަބުންނެވެ.
އިންޑިއާގެ 10 ވަނަ ބޮޑުވަޒީރުކަން ކުރެއްވި ވަޖުޕާއީއަށް އެގައުމުގެ ގިނަ އަދަދެއްގެ އިސް ފަރާތްތަކުން ދަނީ ޒިޔާރަތް ކުރައްވަމުންނެވެ. އެގޮތުން ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ އިއްޔެ ހަތަރު ވަނަ ފަހަރަށް ވަޖުޕާއީގެ ހާލުކޮޅު ބައްލަވާލެއްވުމަށް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައިފަ އެވެ.
ވަޖްޕާއީއަކީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމު އަދާކުރި، ބާރަތިޔާ ޖަނަތާ ޕާޓީއަށް ނިސްބަތްވާ ފުރަތަމަ ބޭފުޅާ އެވެ. ވަޖްޕާއީ ވަނީ އިންޑިއާގެ ބޮޑުވަޒީރުކަން ތިން ފަހަރެއްގެ މަތިން ކުރައްވައިފަ އެވެ. އެއީ 1996 ވަނަ އަހަރު 13 ދުވަހަށާއި 1998 ވަނަ އަހަރުން ފެށިގެން 13 މަހަށާއި 1999 އިން ފެށިގެން ހަ އަހަރަށެވެ.
ވަޖްޕާޔީއަށް 1994 ވަނަ އަހަރު ގާނޫނު ހަދާ މަޖިލީހުގެ ބެސްޓް ޕާލަމެންޓޭރިއަންގެ ލަގަބު ލިބިވަޑައިގެންނެވި އިރު، އިންޑިއާގެ އެންމެ މަތީ މަދަނީ ޝަރަފު، ބާރަތު ރަތުނާވެސް 2015 ވަނަ އަހަރު ލިބިވަޑައިގަތެވެ. (އެންޑީޓީވީ)