ރޫނީ އެމްއެލްއެސްގައި ވިދަން ފަށައިފި

މެންޗެސްޓާ ޔުނައިޓެޑް އަދި އިނގިރޭސި ގައުމީ ޓީމުގެ ލެޖެންޑް ވޭން ރޫނީ: އޭނާ މިހާރު ކުޅެނީ މޭޖާ ލީގް ސޮކާގެ ޑީސީ ޔުނައިޓެޑަށް-- ފޮޓޯ: ވޮޝިންޓަން ޕޯސްޓް

މެންޗެސްޓާ ޔުނައިޓެޑުގެ ލެޖެންޑް، ވޭން ރޫނީ އެމެރިކާގެ މޭޖާ ލީގް ސޮކާ (އެމްއެލްއެސް)ގެ، ޑީސީ ޔުނައިޓެޑާ ގުޅުމަށް ފަހު މިހާރު ދައްކަމުންދާ ތަފާތު މޮޅު ކުޅުމުގެ ސަބަބުން އޭނާއަށް ގިނަ ބައެއްގެ ތަރުހީބު ލިބިއްޖެ އެވެ.

އުމުރުން 32 އަހަރުގެ ރޫނީ އިނގިރޭސި ޕްރިމިއާ ލީގު ދޫކޮށްލުމަށް ފަހު ވޮޝިންޓަން ޑީސީ ތަމްސީލު ކުރާ ކްލަބު، ޑީސީ ޔުނައިޓެޑާ ގުޅުނީ 12.5 މިލިއަން ޕައުންޑަށް ކަމަށް ރިޕޯޓުތައް ބުންޏެވެ.

ރިޓަޔާ ކުރުމާ ގާތްވެފައި ހުރި ކުޅުންތެރިއަކު ބޮޑު އަގެއް ދީގެން ގެނައުމުން ޑީސީގެ ސަޕޯޓަރުގެ ފާޑުކިޔުން ކްލަބުގެ މެނޭޖްމެންޓަށް އަމާޒިވި އެވެ. އެކަން ގިނަ ބަޔަކު ސިފަ ކުރީ ޕީއާރް ސްޓަންޓެއްގެ ގޮތުގަ އެވެ. އޭނާ ޑީސީއަށް ކުޅުނު ފުރަތަމަ މެޗުގައި މޮޅު ކުޅުމެއް ނުދެއްކުމުން އެ ފާޑުކިޔުންތަކަށް އިތުރު ބާރެއް ލިބިގެން ދިޔަ އެވެ.

އެހެން ނަމަވެސް، ރޫނީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ދެއްކި މޮޅު ކުޅުމުން އޭނާއަށް ފާޑުކިޔާ ފަރާތްތަގެ އަޑު ކަނޑުވާލައި ސަޕޯޓަރުންގެ ލޯބި ހޯދި އެވެ.

އާދީއްތަ ދުވަހު އޯލޭންޑޯއާ ދެކޮޅަށް ކުޅުނު މެޗުން ޑީސީ މޮޅުވީ ރޫނީގެ މޮޅު ކުޅުމުގެ ސަބަބުންނެވެ. އެ މެޗު 2-2ގެ ނަތީޖާއަކުން ނިމެން ދަނިކޮށް، ކައުންޓާ އެޓޭކެއްގައި ފަހު ވަގުތު ގޯލެއް ޖަހަން ރަނުގެ ފުރުސަތެއް އޯލޭންޑޯއަށް ލިބުނެވެ.

އޯލޭންޑޯއިން ކައުންޓާ އެޓޭކު ކުރަން ފެށި އިރު ޑީސީގެ ޑިފެންސުގައި އެކަން ހުއްޓުވަން ހުރީ ހަމައެކަނި ރޫނީ އެވެ. ރޫނީ ވަނީ އޯލޭންޑޯގެ ކުޅުންތެރިޔާގެ ފަހަތުން ދުވެ ޓެކަލްކޮށް، އޭނާއަށް ވުރެ ކުރިން ބޯޅަ ހޯދައިފަ އެވެ. އަދި އެއަށް ފަހު ބޯޅައާ އެއްކޮށް ކުރިއަށް ދުވެ، އޭނާ ހުރަހެއް ނަގައިދިނެވެ. އެ ހުރަސް ޑީސީގެ ލޫޝިއާނޯ އަކޯސްޓާ ބޮލުން ޖަހައި ގޯލަށް ވެއްދި އެވެ. މެޗުގެ 90 މިނެޓު ހަމަވެ، އިތުރު ވަގުތުގެ ހަ މިނެޓުގެ ތެރޭގައި ޖެހި އެ ގޯލާއެކު ޑީސީ މެޗުން މޮޅުވި އެވެ.

މެޗުގެ ފަހު ވަގުތު ރޫނީގެ ފަރާތުން ފެނިގެން ދިޔަ އާދައާ ހިލާފު މޮޅު ކުޅުން ފެންނަ ވީޑިއޯ އެފަހުން މީސް މީޑިއާގައި ވައިރަލްވުމާ އެކު، އޭނާއަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެން ދިޔަ އެވެ.

އިއްޔެ ޑިސީ، ޕޯޓްލެންޑް ޓިމްބާސްއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ރޫނީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެ އެވެ. އޭނާ ވަނީ މެޗުގެ ތެރޭގައި މުހިންމު ޕާސްކަތެއް ދިނުމުގެ އިތުރުން ހިތްގައިމު ދެ ގޯލު ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ޑީސީއަށް ލިބުނު ހިލޭ ޖެހުމަކުން ޖެހި ގޯލެއް ވެސް ހިމެނެ އެވެ.

ރޫނީ އެމްއެލްއެސްއަށް އޭނާގެ ފެންވަރު ދައްކަމުން އަންނަ އިރު، މެންޗެސްޓާ ޔުނައިޓެޑުން އެމްއެލްއެސްގެ އެލްއޭ ގެލެކްސީއާ ގުޅުނު ޒްލަޓާން އިބްރަހިމޮވިޗް ވެސް ދަނީ އެ ލީގުގައި މޮޅު ކުޅުމެއް ދައްކައި ގިނަ ގޯލުތަކެއް ޖަހަމުންނެވެ.

ރޫނީ އަކީ މެންޗެސްޓާ ޔުނައިޓެޑުގެ ތާރީހުގައި އެ ކްލަބަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ އެ ކްލަބަށް 253 ގޯލު ކާމިޔާބުކޮށްދީފަ އެވެ. އަދި އެ ކްލަބާ އެކު ފަސް ފަހަރުގެ ޕްރިމިއާ ލީގު ހޯދުމުގެ އިތުރުން އެފްއޭ ކަޕާއި ޗެމްޕިއަންސް ލީގުވެސް ހޯދި އެވެ. އޭނާ އަކީ އިނގިރޭސި ގައުމީ ޓީމުގެ ދިގު ތާރީހުގައި އެ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ ވެސްމެ އެވެ.

comment ކޮމެންޓް