ގައުމީ ޔުނިވާސިޓީ އިން 21 ދަރިވަރަކަށް ސްކޮލަޝިޕް ދީފި

ގައުމީ ޔުނިވާސިޓީ އިން ސްކޮލަޝިޕްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގައި މި އަހަރުގެ ދެވަނަ ސެމިސްޓާ ފެށުމުގެ ކުރިން ހުޅުވާލި ސްކޮލަޝިޕްތަކަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން، 21 ދަރިވަރަކަށް ސްކޮލަޝިޕްތައް ހަވާލުކޮށްފި އެވެ.

އެމްއެންޔޫގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެ ޔުނިވާސިޓީގައި އަންޑާ ގްރެޖުއޭޓްއަށް ކިޔަވަމުންދާ 20 ދަރިވަރަކަށް އަދި ޕޯސްޓް ގްރެޖުއޭޓްއަށް ކިޔަވަމަންދާ އެއް ދަރިވަރަކަށް ސްކޮލަޝިޕް ލިބުނުކަމުގެ ލިޔުން ވަނީ ހަވާލުކޮށްފަ އެވެ.

ގައުމީ ޔުނިވާސިޓީން ސްކޮލަޝިޕްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ

ގައުމީ ޔުނިވާސިޓީ އިން ބުނީ މިއަދު ސްކޮލަޝިޕް ހަވާލުކުރި އަންޑަ ގްރެޖުއޭޓް ދަރިވަރުންގެ ތެރެއިން 18 ދަރިވަރަކަށް ހިލޭ ޓިއުޝަންފީ ލިބޭނެ ކަމަށާއި އަދި ދެ ދަރިވަރަކަށް ފުލް ސްކޮލަޝިޕެއް ދީފައިވާ ކަމަށެވެ.

އަދި ޕޯސްޓް ގްރެޖުއޭޓް ސްކޮލަޝިޕް ދަރިވަރަށް ވެސް ހިލޭ ޓިއުޝަންފީ ލިބޭނެ ކަމަށް ވެސް އެމްއެންޔޫ އިން ބުންޏެވެ.

ގައުމީ ޔުނިވާސިޓީގެ ސްކޮލަޝިޕް ފުރުސަތަކީ ކޮންމެ ސެމިސްޓަރަކު އެއްފަހަރު ހުޅުވާލާ ފުރުސަތުގައި އެކަމަށް އެދި ހުށަހަޅާ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ދޭ ސްކޮލަޝިޕެކެވެ.

ގައުމީ ޔުނިވާސިޓީން ސްކޮލަޝިޕްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ

މިއަދުގެ ރަސްމިއްޔާތުގައި ތިން ދަރިވަރަކަށް ޝަހީދު އެވޯޑް ވެސް ވަނީ ދީފަ އެވެ.

ޝަހީދު އެވޯޑަކީ، ނޮވެމްބަރު 3، 1988ގައި ޝަހީދުވި ޝަހީދުންގެ ޒިކުރާ އާ ކުރުމުގެ ގޮތުން އިންޖިނިއަރިން އާއި ޓޫރިޒަމް އަދި ބިޒްނަސްގެ ދާއިރާގެ ކޯސްތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ފުރަތަމަ ސެމިސްޓަރުގައި އެންމެ ރަނގަޅު ނަތީޖާ ހާސިލް ކުރާ ދަރިވަރުންނަށް ދޭ އެވޯޑެކެވެ.

comment ކޮމެންޓް