ކެމްބޯޑިއާގެ މަޖިލީހުގެ ހުރިހާ ގޮނޑިއެއް ވެރިކަން ކުރާ ޕާޓީއަށް

ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން ސެންގެ ޕީޕަލްސް ޕާޓީން ވަނީ މަޖިލީހުގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކޮށްފަ -- ފޮޓޯ: އޭޕީ

ނޮމް ޕެން (އޮގަސްޓު 16): ކެމްބޯޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގެ ހުރިހާ ގޮނޑިއެއް އެގައުމުގެ ވެރިކަން ކުރާ ޕީޕަލްސް ޕާޓީ (ސީޕީޕީ)އިން ކާމިޔާބުކޮށްފިއެވެ.

ކެމްބޯޑިއާގެ ނެޝަނަލް އިލެކްޝަން ކޮމިޓީ (އެންއީސީ)އިން ބުނި ގޮތުގައި މިދިޔަ މަހުގެ 29ގައި ބޭއްވި އިންތިހާބުގައި ސީޕީޕީން ވަނީ މަޖިލީހުގެ 125 ގޮނޑި ކާމިޔާބުކޮށްފައެވެ.

އެ އިންތިހާބު ބޭއްވުމުގެ ކުރިން ކެމްބޯޑިއާގެ ސުޕްރީމް ކޯޓުން ވަނީ އެގައުމުގެ މައި އިދިކޮޅު ޕާޓީ، ނެޝަނަލް ރެސްކިއު ޕާޓީ (ސީއެންއާރުޕީ) އުވާލާފައެވެ. އެ ޕާޓީ އުވާލީ ސަރުކާރު ވައްޓާލަން މަސައްކަތްކުރުމުގެ ތުހުމަތުގައެވެ.

އަދި އެ ޕާޓީގެ ލީޑަރު ކެމް ސޯކާގެ މައްޗަށް ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ގައުމަށް ގައްދާރުވުމުގެ ދައުވާކޮށް ޖަލަށްލާފައެވެ.

އެހެންކަމުން ބޮޑުވަޒީރު ހުން ސެންގެ ސަރުކާރަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ އެއީ އިންސާފުވެރި އަދި ހަމަހަމަ އިންތިހާބެއް ނޫން ކަމަށް ބުނެފައެވެ. އަދި އިދިކޮޅު ފަރާތްތަކުން އެ އިންތިހާބު ބޯއިކޮޓްކުރިއެވެ.

ނަމަވެސް ސީޕީޕީން ވަނީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 83 ޕަސެންޓު މީހުން ވޯޓު ދިން ކަމަށާއި އޭގެއިން އެނގިގެން ދަނީ ކެމްބޯޑިއާގެ ސަރުކާރަށް ރައްޔިތުންގެ ތާއިދު އޮތްކަން ކަމަށް ބުނެފައެވެ.

އަދި ސީޕީޕީއަށް ރައްދު ދެމުން އިދިކޮޅު ފަރާތްތަކުން ވަނީ ވޯޓުލާ މީހުންނަށް ސަރުކާރުން ބިރުދެއްކިކަމަށް ތުހުމަތުކޮށްފައެވެ. އަދި ބާތިލު ވޯޓުގެ އަދަދު 600،000 އަށް އަރާކަން ފާހަގަކުރިއެވެ.

މަޖިލީހުގެ އިންތިހާބުން ލިބުނު ކާމިޔާބީއާއެކު ކެމްބޯޑިއާގެ ބޮޑުވަޒީރުކަމުގެ ހުވާ އަނެއްކާވެސް ކުރައްވާނީ ހުން ސެންއެވެ. އޭނާ އެގައުމުގައި ވެރިކަން ކުރައްވާތާ މިހާރު 33 އަހަރުވެއްޖެއެވެ.

(އަލްޖަޒީރާ)

comment ކޮމެންޓް