ވިކްޓާ މޮސެސް ނައިޖީރިއާގެ ގައުމީ ޓީމުން ރިޓަޔާ ކޮށްފި

ވިކްޓާ މޮސެސް ނައިޖީރިއާގެ ގައުމީ ޓީމަށް ކުޅެން ފެށީ 2012 ވަނަ އަހަރު--

ޗެލްސީގެ ވިންގާ، ވިކްޓާ މޮސެސް ނައިޖީރިއާގެ ގައުމީ ޓީމުން ރިޓަޔާކޮށްފި އެވެ.

މި އަހަރުގެ ވޯލްޑް ކަޕުގައި ނައިޖީރިއާގެ ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދެއްކި އުމުރުން 27 އަހަރުގައި މޮސެސްގެ ނިންމުމާ ބެހޭ ގޮތުން އޭނާ ބުނީ، އޭނާ ގައުމީ ޓީމުން ރިޓަޔާ ކުރީ ކްލަބު ކެރިއަރަށް އިސްކަން ދިނުމުގެ ގޮތުން ކަމަށެވެ.

އަދި އެ ނިންމުމަކީ އޭނާގެ އާއިލާއަށް ވަގުތު ދިނުމުގެ ގޮތުންނާއި ނައިޖީރިއާގެ ފުޓުބޯޅައިގެ ޒުވާން ޖީލުތައް ކުރިއެރުމަށް ފުރުސަތު ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"އަހަރެންގެ ހަޔާތުގެ އެންމެ އުފާވެރި ތަޖުރިބާތައް ކުރެވުނީ ސުޕާ އީގަލްސް [ނައިޖީރިއާގެ ގައުމީ ޓީމު]ގެ ޖާޒީގައި އަދި އެ ޖާޒީގައި މުޅި އުމުރު ދުވަހު ހަނދާން ހުންނާނެ ފަދަ ތަޖުރިބާތައް އަހަރެންނަށް ކުރެވުނު." މޮސެސް ބުންޏެވެ.

ދެހާސް ބާރަ ވަނަ އަހަރު ނައިޖީރިއާގެ ގައުމީ ޓީމަށް ކުޅެން ފެށި މޮސެސް އަކީ ޔޫތް ލެވެލްގައި އިނގިރޭސިވިލާތް ވެސް ތަމްސީލުކޮށްފައިވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ ނައިޖިރިއާގެ ގައުމީ ޓީމަށް 37 މެޗު ކުޅެދީ 12 ގޯލު ޖަހައިދީފަ އެވެ.

ނައިޖީރިއާގެ ގައުމީ ޓީމާއެކު މޮސެސް ވަނީ 2013 ވަނަ އަހަރު އޮތް އެފްރިކަން ކަޕް އޮފް ނޭޝަންސް ވެސް ކާމިޔާބު ކޮށްފަ އެވެ. އަދި އޭނާ ވަނީ 2014 ވަނަ އަހަރާއި މި އަހަރުގެ ވޯލްޑް ކަޕުގައި ނައިޖީރިއާ ޓީމަށް ކުޅެފަ އެވެ.

މޮސެސްގެ ކްލަބު ކެރިއަރަށް ބަލާއިރު، ފާއިތުވި ދެތިން ސީޒަނެއްގައި އޭނާ ވަނީ ޗެލްސީގެ ފުރަތަމަ އެގާރައިން ޖާގަ ހޯދައިފަ އެވެ. އަދި 2016/2017 ސީޒަންގައި ޗެލްސީއާ އެކު އޭނާ ވަނީ ޕްރިމިއާ ލީގު ވެސް ހޯދައިފަ އެވެ.

comment ކޮމެންޓް