ތުރުކީގެ ހަލާލު ޓޫރިޒަމް އިންޑަސްޓްރީ ވަރަށް ކާމިޔާބު!

ތުރުކީގެ އިސްތަންބުލްގައި އަރަބި ފަތުރުވެރިންތަކެއް--

މުހައްމަދު ސާނީ އާއި އޭނާގެ އަންހެނުން ޗުއްޓީ ހޭދަކޮށްލަންދާނެ ގައުމެއް ވިސްނި އިރު އެންމެ ބޮޑަށް ބެލީ އެމީހުންގެ ދީނީ ކަންތައްތަކަށާއި ގަބޫލުކުރާ އުސޫލުތަކަށް ފެތޭ ތަނަކަށް ދިއުމަށެވެ. އެ ހުރިހާ ކަމަކަށް ބެލުމަށް ފަހު، ގަލްފު ސަރަހައްދުގެ ގިނަ މީހުންނެކޭ އެއްފަދައިން އެ ދެމަފިރިން ވެސް މިސްރާބު ޖެހީ ތުރުކީއަށެވެ.

"ފުރަތަމަ ވެސް އަހަރެމެން ހިޔާރުކުރީ ތުރުކީ. އެކަމާމެދު މާބޮޑަކަށް ވިސްނާކަށް ވެސް ނުޖެހުނު." ކުވެއިތުގެ އަންހެނަކު ބުންޏެވެ.

"އަހަރެން ބޭނުންވީ އަހަރެންގެ އާއިލާއާއެކު ޗުއްޓީ ހޭދަ ކޮށްލެވޭނެ މާހައުލެއް. އެތަނުގައި ހުންނަން ޖެހޭނެ ވުލޫކޮށް ނަމާދުކުރެވޭނެ ގޮތް." އެ އަންހެން މީހާ އިތުރަށް ކިޔައިދިނެވެެ.

ތުރުކީގެ ރިސޯޓެއްގައި މުސްލިމް ފަތުރުވެރިންތަކެއް--

މިއީ ތުރުކީގައި ކުރިން ފެނުނު މަންޒަރެއް ނޫނެވެ. މީގެ ކުރިން 1990ގެ އަހަރުތަކާ ހަމައަށް ތުރުކީގައި މުސްލިމުންގެ ޓްރެވަލް މާކެޓް ބިނާވެފައި އޮތީ މައްކާއަށް ދާން މީހުންނާއި އެގައުމުގައި އުޅެމުންދިޔަ ބޭރު މީހުން އެމީހުންގެ ގައުމަށް ޗުއްޓީއަށް ދިޔުމަށް ކުރާ ދަތުރުތަކުގެ މައްޗަށެެވެ.

އެހެންނަމަވެސް ފަހަކަށް އައިސް ތުރުކީގެ ބައެއް ހޮޓާތަކުގެ އަމާޒު މުޅިން އާމާކެޓަކަށް ވަނީ މިސްރާބު ޖަހައިފަ އެވެ. މެދުއިރުމައްޗާއި، ޔޫރަޕާއި އޭޝިއާގެ ގައުމުތަކުގެ މުސްލިމުން ތުރުކީއަށް މިސްރާބް ޖެހުން ވެގެންދިޔައީ އެ މާކެޓްއެހާ ބޮޑަށް ފުޅާވި އެއްސަަބަބެެވެ. ތުރުކީއަށް އަންނަ އެފަދަ ގިނަ މުސްލިމުންގެ އެންމެ ބޮޑު ޑިމާންޑަކީ ވެސް އިސްލާމީ އުސޫލުތަކުގައި ހިފަހައްޓައިގެން ޗުއްޓީ ހޭދަކޮށްލުމެެވެ.

ކެނަޑާގެ ތޮމްސަން ރޮއިޓާސް އިން އެމެރިކާގެ ދިރާސާ ކުރާ ކުންފުންޏެއް ކަމަށްވާ ދީނާރު ސްޓޭންޑާޑްއާ ގުޅިގެން ނެރުނު ރިޕޯޓެއްގައި ބުނީ ތުރުކީއަށް އަންނަ މުސްލިމު ފަތުރުވެރިން އެގައުމުގައި 169 ބިލިއަން ޑޮލަރު 2016 ވަނަ އަހަރު ހޭދަ ކުރި ކަމަށެވެ.

"ތުރުކީއަކީ މުސްލިމުން ވަރަށް ގިނައިން ދާން ބޭނުންވާ ގައުމެއް. ދެން މުސްލިމް ގައުމަަކަށް ވާތީ އެތަނުގައި ފަސޭހައިން ނަމާދު ކޮށް، ހަލާލު ކާނާ ވެސް ލިބޭ." ދީނާރުސްޓޭންޑާޑްގެ ސީނިއާ އޮފިޝަލެއް ކަމަށްވާ ރީމް އަލް ޝަފަކީ ވިދާޅުވި އެވެ.

ތުރުކީގެ ހޮޓަލެއްގައި ފިރިހެނުންނަށް ހާއްސަކޮށްފައިވާ ސްވިމިން ޕޫލް ސަރަހައްދެއް---

ރީމް ވިދާޅުވީ އެހެނިހެން ފަތުރުވެރިންނެކޭ އެއްފަދައިން މުސްލިމް ފަތުރުވެރިން ވެސް ބޭނުންވަނީ ރަނގަޅު ވަގުތުތަކެއް ހޭދަކޮށްލަން ކަމަށާއި އެހެންނަމަވެސް ތަފާތަކީ މުސްލިމުންކަމަށްވީތީވެ ދީނީ ކަންތައްތައް ބުރޫނާރާގޮތަށް ޗުއްޓީ ހޭދަކޮށްލަން އެމީހުން ބޭނުންވާ ކަަމަށެވެ.

ދިނާރު ސްޓޭންޑަޑުން ބުނީ، މުސްލިމް ގައުމުތަކުގެ ތެރެއިން ތުރުކީއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަނީ ސައުދީއަރަބިއްޔާއިން ކަމަށެވެ. ސައުދީގެ ފަތުރުވެރިން 20 ބިލިއަން ޑޮލަރު ތުރުކީގައި ހޭދަކުރި އިރު، ގަތަރުގެ ފަތުރުވެރިން ވަނީ 12 ބިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ.

ތުރުކީގެ އެދިން ބީޗް ހޮޓެލްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އަލްޕަރްސްލާން ޓޮޕްކޫ ވިދާޅުވީ އެ ހޮޓަލުގެ ބިޒްނަސް ސްޓެޓެޖީގެ ދަށުން އެންމެ ލަގްޒަރީ މޫވިންޕިކް އަދި ހިލްޓަން ފަދަ ހޮޓާތަކުން ނުދޭ ފަދަ ހިދުމަތްތައް ވެސް އެ ހޮޓަލުން ދޭ ކަމަށެވެ.

"އަޅުގަނޑުމެން އެބަ މިތަނުގައި އޮފާކުރަން ފަސްތަރީގެ ހޮޓަލުން ލިބޭ ފަދަ ހިދުމަތްތައް. ދެން ޕޫލް މޫދު ސަރަހައްދު އަންހެނުންނަށާއި އަދި ފިރިހެނުންނަށް އަދި އާއިލާތަކަށް ވެސް ހުންނާނެ ވަކި ސަރަހައްދުތައް ކަނޑައަޅާފައި." ޓޮޕްކޫ ވިދާޅުވި އެވެ.

ދާދި ފަހުން ފްރާންސްގައި މުސްލިމު އަންހެނަކު ބުރުގާއާ އެކު މޫދަށް އެރުމުން އެކަން މަނާކުރި މައްސަލަ ވަރަށް ބޮޑަށް ހޫނުވި އެވެ. މިއީ ވެސް މުސްލިމް ފަތުރުވެރިން ތުުރުކީ އަށް ޗުއްޓީ ހޭދަކުރުމަށް މިސްރާބް ޖެހި އެއް ކަމެވެ.

ތުރުކީގެ ހޮޓަލެއްގައި ނަމާދު ކުރުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް--

އިސްތަންބޫލްގެ ރާސްޓް ހޮޓެލްގެ މެނޭޖަރު އިމްރުﷲ ހަމްޒާ ވިދާޅުވީ އިސްލާމީ ވެއްޓަތަކަށް އެ ހޯޓާތައް ހެދުމުގެ ގޮތުން އެ ހޮޓާތަކުގައި މިހާރު ރާ ހިމެނޭ އެއްވެސް ބުއިމެއް ނުވިއްކާ ކަމަށެވެ.

"ކައިވެނިނުކޮށް އެންމެ ރެއެއް ހޭދަކޮށްލަން އަންނަ މީހުންނަކަށް މި ހޮޓަލުން މިހާރު ހިދުމަތެއް ނުދެން." ހަމްޒާ ވިދާޅުވި އެވެ.

އިސްލާމީ އުސޫލުތަކަށް ތަބާވާ ހޮޓާތަށް އަގުބޮޑުވިޔަސް މައްސަލައެއް ނެތް ކަމަށް ވެސް ފަތުރުވެރިން ބުނެ އެވެ.

"އަހަރެން ބޭނުން ވަނީ ރަލުގެ މުއާމަލާތްތައް ނުކުރާ ހޮޓަލެއް. އަދި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ޕޫލް ވެސް ހުންނަން ޖެހޭނެ." ކުވޭތުގެ ފަތުރުވެރިޔަކު ކިޔައިދިނެވެ.

comment ކޮމެންޓް