ކެރަލާއަށް ކުރަމުންދާ ވިއްސާރައިގައި މަރުވި މީހުންގެ އަދަދު 67 އަށް އަރައިފި

ކެރަލާއަށް ބޯކޮށް ވާރޭ ވެހި ގިނަ ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފައި -- ފޮޓޯ: ޕީޓީއައި

ދިއްލީ (އޮގަސްޓު 16): އިންޑިއާގެ ކެރަލާއަށް ކުރަމުންދާ ވިއްސާރާގައި މަރުވި މީހުންގެ އަދަދު 67 އަށް އަރައިފި އެވެ.

ކެރަލާއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރާގައި މި މަހުގެ އަށެއްގެ ފަހުން ބޯކޮށް ވާރޭ ވެހި، ގިނަ އަދަދެއްގެ އަވަށްތަކުގައި ފެންބޮޑުވެފައިވާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން 50،000 އަށް ވުރެ ގިނަ މީހުން އެހީ ފޯރުކޮށްދޭ ކޭމްޕުތަކަށް ބަދަލުކޮށްފައިވެ އެވެ.

އެވިއްސާރާގައި ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ކެރަލާގެ 14 ޑިސްޓުރިކްޓުގައި ވަނީ ރެޑް އެލާޓަށް ގެނެސްފަ އެވެ. އަދި ކުރިއަށް އޮތް 24 ގަޑި އިރު ތެރޭ ވެސް ބޯކޮށް ވާރޭ ވެހެމުން ދާނެ ކަމަށް މޫސުމީ އިދާރާތަކުން ވަނީ ބުނެފަ އެވެ.

ކެރަލާގެ ޗީފް މިނިސްޓަރުގެ އޮފީހުން ވަނީ ވިއްސާރައިގެ ސަބަބުން ހޮނިހިރު ދުވަހާ ޖެހެންދެން ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓު ބަންދު ކުރަން ނިންމާފައިވާ ކަމަށް މީގެ ކުރިން ބުނެފަ އެވެ.

ކެރަލާގެ ޗީފް މިނިސްޓަރު ވިދާޅުވި ގޮތުގައި އެއީ 1924 ވަނަ އަހަރުގެ ފަހުން އެ ސްޓޭޓަށް މޫސުމީ ވިއްސާރައިގެ ސަބަބުން އެހާވަރަށް ގެއްލުން ލިބުނު ފުރަތަމަ ފަހަރެވެ. (އަލްޖަޒީރާ)

ގުޅޭ ޓެގު
comment ކޮމެންޓް