މިނިވަން ކެންޑިޑޭޓު ނަސީރު ހައިކޯޓަށް ހުށަހެޅި ޝަކުވާ ބަލައިނުގަންނަން ނިންމައިފި

ރައީސް ކަމަށް މިއަދު ފޯމު ހުށަހެޅުއްވި ނަސީރު ---

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރުމަށް ފޯމް ހުށަހެޅުމުން އިލެކްޝަންސް ކޮމިޝަނުން ފޯމް ބޭރިކޮށްލި ހުސެއިން ނަސީރުގެ ކެންޑިޑެސީގެ މައްސަލަ ހައި ކޯޓުން ބަލައިނުގަންނަން ނިންމައިފި އެވެ.

ނަސީރުގެ ކެންޑިޑެސީ ބަލައި ނުގަތް މައްސަލަ ހައިކޯޓަށް ވެއްދީ މި މަހުގެ 13 ވަނަ ދުވަހު އެވެ. އެ މައްސަލަ ބަލައިގަތުމާ މެދު ހައިކޯޓުގެ ރެޖިސްޓްރާ ގޮތެއް ނިންމެވީ އިއްޔެ އެވެ.

އެ މައްސަލައާ މެދު ހައިކޯޓުގެ ރެޖިސްޓްރާ ނިންމާފައި ވަނީ، ކަމާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކަށް ބަލާއިރު އެ މައްސަލަ އަކީ އިންތިހާބާ ބެހޭ ޝަކުވާގެ މައްސަލައެއް ކަމަށް ބެލެވެން ނެތް ކަމަށާއި އެހެން ކަމުން އެ މައްސަލަ ބަލައިނުގަނެވޭނެ ކަމަށެވެ.

ނަސީރުގެ އޭޖެންޓް އަމްޖަދު ހުސެއިން މީގެ ކުރިން ވިދާޅުވީ، އެ މައްސަލަ ކޯޓަށް ވެއްދީ އެއްގޮތަކަށް ވެސް ރިޔާސީ އިންތިހާބު ފަސް ކުރުމުގެ ބޭނުމުގައި ނޫން ކަމަށާއި މައްސަލަ ކޯޓަށް ވެއްދީ އިލެކްޝަނުން އަމަލުކުރި ގޮތް ގަބޫލު ނުކުރެވޭތީ ކަމަށެވެ.

"އިންތިހާބުގައި ވާދަކުރުމުގެ ދޮރި ބަންދުވާން ކުޑަ ވަގުތުކޮޅަކަށް ވެފައި ހުއްޓައި ފޯމްގައި މައްސަލަތަކެއް ހުރި ކަމަށް ބުނު ބާތިލު ކުރިކަން އެންގީ. އަޅުގަނޑުމެން ގަބޫލުކުރަނީ ފޯމްގައި މައްސަލައެއް އުޅޭ ނަމަ ރަނގަޅު ކުރުމަށް އެކަށީގެންވާ ވަގުތު ދޭން ޖެހޭނެ ކަމަށް،" އަމްޖަދު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު އަދި މެންބަރު އަހްމަދު އަކްރަމް މީގެ ކުރިން ވިދާޅުވީ ހުސެއިން ނަސީރުގެ ފޯމް ބާތިލުކުރީ އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ނަމަ ހުށަހަޅާ 1،500 މީހުންގެ ސޮއިގައި މައްސަލަތަކެއް ހުރުމުގެ އިތުރުން ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ދާއިމީ އެޑްރެސްގައި މައްސަލަތަކެއް ހުރުމުން ކަމަށެވެ. އަދި އޭނާގެ ރަނިންމޭޓް ޝައިޚް ނަސްރުﷲ މުސްތަފާގެ ކުށުގެ ރިކޯޑްގައި މައްސަލަތަކެއް ހުރިކަން ވެސް އަކްރަމް ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް