ކާޖޮލްގެ ފިލްމު "ހެލިކޮޕްޓަރު އީލާ"ގައި އަމީތާބު!

އަމީތާބާއި ކާޖޮލް އެކުގައި....

އަންނަ މަހުގެ ހަތް ވަނަ ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ކުޅަދާނަ ޑައިރެކްޓަރު ޕްރަދީޕް ސަރްކާރު ޑައިރެކްޓްކުރާ ފިލްމު "ހެލިކޮޕްޓަރު އީލާ" އިން ފިލްމުގެ ލީޑު ތަރި މަޝްހޫރު ބަތަލާ ކާޖޮލް ދޭވްގަން އާ އެކު އަމީތާބު ބައްޗަން ފެންނާނެ ކަމަށް ފިލްމުގެ ޓީމުން ބުނެފި އެވެ.

އަމީތާބު އެ ފިލްމުން ފެންނާނީ ހާއްސަ ފެނިލުމަކުންނެވެ. ފިލްމުގެ ވަރަށް ހާއްސަ މަންޒަރަކުން އަމީތާބު ފެނިގެންދާނެ ކަމަށް ފިލްމުގެ ޑައިރެކްޓަރު ޕްރަދީފް ސަރްކާރު ފިލްމާ ބެހޭ ގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

"ހެލިކޮޕްޓަރު އީލާ" އިން އަމީތާބު ފެނިގެންދާނެ އިރު އޭނާ ކާޖޮލްއާ އެކު ސްކްރީނުން އެއްކޮށް ފެންނާނީ 17 އަހަރު ފަހުންނެވެ. އެންމެ ފަހުން މި ދެތަރިން ފެނިގެންގޮސްފައި ވަނީ 2001 ވަނަ އަހަރު ނެރުނު ފިލްމު "ކަބި ޚުޝީ ކަބި ގަމް" އިންނެެވެ.

މިދެ ތަރިން އެކުގައި ފެނިގެންދާނެ ހަބަރު ވާނީ ގިނަ ބަޔަކަށް ލިބިގެންދާނެ އުފާވެރި ހަބަރަކަށެވެ.

ދާދި ފަހުން ވަނީ "ހެލިކޮޕްޓަރު އީލާ"ގެ ޓްރެއިލާ ވެސް ރިލީޒްކޮށްފަ އެވެ. އެ ޓްރެއިލާ އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު ފާހަގަ ކޮށްލެވެނީ ކާޖޮލްގެ މޮޅު އެކްޓިން އެވެ.

"ހެލިކޮޕްޓަރު އީލާ"ގައި ކާޖޮލް ކުޅެފައި ވަނީ އެކަނިވެރި މަންމައެއްގެ ރޯލެވެ. އޭނާގެ ދަރިފުޅަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށް ޓަކައި އޭނާ ދެކުނު ހުރިހާ ހުވަފެންތަކެއް ގުރުބާންކޮށްގެން އުޅެމުންދާ ތަން ޓްރެއިލާ އިން ފެނިގެންދެ އެވެ. އެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އަނެއްކާ ވެސް މަސައްކަތްކުރުމަށް އޭނާއަށް ހިތްވަރުދެނީ ދަރިފުޅެވެ.

comment ކޮމެންޓް