ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން މާފަންނު ހޯދައިފި

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން ފައިނަލް ބުރުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލުގައި ލ. ގަމުގެ މައްޗަށް ޕެނަލްޓީގައި ކުރި ހޯދައި މާފަންނު މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ރޭ ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އިރު މެޗުގެ ފުރިހަމަ ވަގުތު ނިމުނީ ދެ ޓީމު 2-2ގެ ނަތީޖާއިން އެއްވަރުވެގެންނެވެ. އެ މެޗުގައި ގަމަށް ގޯލު ޖަހައިދިނީ އަހްމަދު އަޖުވަދު އާއި އަހްމަދު ރަޝީދު އެވެ. މާފަންނަށް ގޯލު ޖަހައިދިނީ އެ ޓީމުގެ މުހައްމަދު އިމްރާ އާއި މުހައްމަދު ޔަފާއު އެވެ.

އެއްވަރުވެގެން މެޗުގެ ނިމުމާ އެކު ދެން ޖެހީ ޕެނަލްޓީ އެވެ. ޕެނަލްޓީގައި މާފަންނު ވަނީ 4-2ގެ ނަތީޖާއަކުން ކުރި ހޯދައިފަ އެވެ. އެއާ އެކު މުބާރާތުގެ ޗެމްޕިއަންކަން އެ ޓީމަށް ވަނީ ލިބިގެންގޮސްފަ އެވެ.

މި އަހަރުގެ މުބާރާތުގައި މާލެއިން ވާދަ ކުރި ހަމައެކަނި ޓީމު، މާފަންނު މުބާރާތުގެ ފައިނަލަށް ދަތުރު ކުރީ ސެމީގައިި އޭދަފުއްޓާ ދެކޮޅަށް ކުޅުނު މެޗު 3-3ގެ ނަތީޖާއަކުން އެއްްވަރުވުމުން، ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި އެ ޓީމު ކުރި ހޯދީ 6-5ގެ ނަތީޖާއަކުންނެވެ.

ގަން ފައިނަލަށް ދަތުރު ކުރީ، ސެމީގައި ތިމަރަފުއްޓާ ދެކޮޅަށް ނިކުމެ، 2-2ގެ ނަތީޖާއަކުން އެއްވަރުވެ އޮވެ، ފުރިހަމަ ވަގުތު ނިމުމާ އެކު ޕެނަލްޓީ ޖަހައިގެން، 5-3ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ތިމަރަފުށީ ޓީމުގެ ޒިޔާން އެވެ. އޭނާ ޖެހި 11 ގޯލާ އެކު މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށްވީ ވެސް އޭނާ އެވެ.

މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ވެސް ޒިޔާން ވަނީ ހިމެނިފަ އެވެ. އޭނާގެ އިތުރުން ދެން އެ ލިސްޓުގައި ހިމެނުނީ އޭދަފުށީ ޓީމުގެ އަޝްރަފް، މާފުށީ ޓީމުގެ އިމްރާން، ގަމު ޓީމުގެ އަޖުވަދު އަދި މާފަންނު ޓީމުގެ ޔާމީން އެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކޯޗު ކަމަށް ހޮވުނީ މާފަންނު ޓީމުގެ ކޯޗު މުހައްމަދު ޝާހިއު އެވެ. މުބާރާތުގެ އެންމެ މޮޅު ސަޕޯޓިން ޓީމަކަށް ހޮވުނީ ދިއްގަރު ޓީމެވެ. އަދި ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ތިމަރަފުއްށީ ޓީމެވެ.

ކުރީ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް މުބާރާތުގެ ޗެމްޕިއަން ޓީމަށް ހުށަހަޅާފައި ވަނީ 65،000 ރުފިޔާ އެވެ. އަދި ރަނަރަޕް ޓީމަށް ހުށަހަޅާފައި ވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ފޭދޫ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ ހެންވޭރުންނެވެ. އެ މެޗުން ހެންވޭރު މޮޅުވީ 3-0ގެ ނަތީޖާއަކުންނެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި އަހަރު 55 ޓީމު ވާދަކޮށްފައިވެ އެވެ.

comment ކޮމެންޓް