އެތުލެޓިކޯއަތުން ހިތްދަތި ގޮތަކަށް ބަލިވެ ޔޫއެފާ ސުޕަކަޕް ރެއާލްއަށް ގެއްލިއްޖެ

މިފަހަރުގެ ޔޫއެފާ ސުޕާ ކަޕްގެ ޗެމްޕިއަންކަން ހޯދީ އެތްލެޓިކޯ މެޑްރިޑް އިން--

ވާދަވެރި އެތްލެޓިކޯ މެޑްރިޑް އަތުން ހިތްދަތިގޮތަކަށް ބަލިވެ ޖެހިޖެހިގެން ތިން ފަހަރު ޔޫއެފާ ސުޕަ ކަޕް ހޯދުމުގެ ފުރުސަތު ރެއާލް މެޑްރިޑަށް ގެއްލިއްޖެއެވެ.

ޔޫއެފާ ސުޕާކަޕްއަކީ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ޓީމާއި ޔޫރަޕާ ލީގުގެ ޗެމްޕިއަން ޓީމު ކުޅޭ މެޗެކެވެ. މިފަހަރުގެ ޔޫއެފާ ސުޕަ ކަޕުގައި ރޭ ރެއާލްއާއި އެތްލެޓިކޯ ވާދަކުރަން ޖެހުނު އިރު އެ މެޗުން އެތްލެޓިކޯ ރޭ މޮޅުވީ 4-2ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ފުރަތަމަ މިނެޓުގެ ތެރޭގައި އެތްލެޓިކޯއިން ލީޑު ނެގައިދިނީ ޑިއޭގޯ ކޮސްޓާއެވެ. މެޗު ފެށިގެން 48 ވަނަ ސިކުންތުގައި ކޮސްޓާ ގޯލު ޖެހީ ހަނި އޭންގަލަކުން ޝޮޓު ނަގަން ލިބުނު ފުރުސަތެއްގައެވެ.

ރެއާލްއަށް މެޗުގެ ފެށުން ރަނގަޅު ނުކުރެވުނު ނަމަވެސ،ް އެ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް 26 ވަނަ މިނެޓުގައި ސްކޯ އެއްވަރުކޮށްފައެވެ. އެކެއް އެކަކުން އެއްވަރުވި ގޯލު ޖެހީ ބެންޒެމާއެވެ. އޭނާ ގޯލު ޖެހީ އަރިމަތިން ނެގި ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މެޗުގައި ފުރަތަމަ ފަހަރަށް ރެއާލްއަށް ލީޑު ނަގައިދިނީ 62 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސްއެވެ. އެހެން ނަމަވެސް އޭގެ މާ ގިނަ އިރުތަކެއް ނުވަނީސް އަނެއްކާވެސް ގޯލު ކުރިމަތިން ލިބުނު ހުސް ފުރުސަތެއް އެތްލެޓިކޯގެ ކޮސްޓާ ވަނީ ގޯލަކަށް ބަދަލުކޮށްފައެވެ. މެޗުގެ ފުރިހަމަ ވަގުތު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ރޭގެ މެޗުގައި ގޯލެއް ޖެހުމަށް ފަހު އެތްލެޓިކޯއިން އުފާ ފާޅު ކުރަނީ---

ދެ ޓީމު އެއްވަރުވެފައި އޮވެ ފުރިހަމަ ވަގުތު ނިމުމާއެކު ކުޅުނު ފުރަތަމަ އެކްސްޓްރާ ހާފުގައި އެތްލެޓިކޯއިން ވަނީ މެޗުގެ ނަތީޖާ އެ ޓީމުގެ ކޮޅަށް އަނބުރާލައިފައެވެ.

މެޗުގައި ދެވަނަ ފަހަރަށް އެތްލެޓިކޯއަށް ލީޑު ލިބުނީ ސައުލް ނިގޭޒް ދުރުން ޖެހި ހިތްގައިމު ގޯލަކުންނެވެ. އަދި އެ ގޯލު ޖެހިތާ މާ ގިނަ އިރެއް ނުވަނީސް 104 ވަނަ މިނެޓުގައި ވިޓޯލޯ ތިރިން ނެގި ހުރަހަކުން ކޯކޭ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އެތްލެޓިކޯގެ ލީޑު ފުޅާކޮށްފައެވެ.

އެކްސްޓްރާ ޓައިމްގެ ދެވަނަ ހާފުގައި ރެއާލްއިން ވަނީ ކުޅުން ރަނގަޅުކޮށް ފުރުސަތުތަކެއް އުފައްދައިިފައެވެ. އެހެން ނަަމަވެސް މެޗު ނިމިގެން ދިޔައީ 4-2 ގެ ނަތީޖާއިން އެތްލެޓިކޯ މޮޅުވެގެންނެވެ.

އެ މެޗަކީ ރެއާލްގެ ކޯޗު ކަމާ ހަވާލުވި ޖޫލުއަން ލޮޕެޓެގުއީގެ އެންމެ ފުރަތަމަ ބޮޑު އިމްތިހާނެވެ. އަދި އެ މެޗަކީ ރެއާލްގެ ލެޖެންޑް ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވިފަހުން އެ ޓީމު ކުޅުނު ފުރަތަމަ މުހިންމު މެޗެވެ.

ރޮނާލްޑޯ ރެއާލް ދޫކޮށް ދިއުމާއެކު ރެއާލް ބަލިކަށިވާނެ ކަމަށް ގިނަ އަދަދެއްގެ ބަޔަކު ބުންޏެވެ. ރޮނާލްޑޯއާ ނުލައި ކުޅުނު ފުރަތަމަ ބޮޑު މެޗުން ހިތްދަތިކޮށް ބަލިވުމުން އެ ވާހަކަތަކަށް މިހާރު ވަނީ އާ ބާރެއް ލިބިފައެވެ.

comment ކޮމެންޓް