ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް ޝުޖާއު އުސްމާން ހަމަޖައްސައިފި

ފަނޑިޔާރު ޝުޖާއު އުސްމާން: އޭނާ ވަނީ މިހާރު އިސްފަނޑިޔާރު ކަމަށް ހަމަޖައްސައިފައި--

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް ޝުޖާއު އުސްމާން ހަމަޖައްސައިފި އެވެ.

ޝުޖާއު އުސްމާނާއި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުގައި ހުއްޓާ ހައިކޯޓަށް ބަދަލު ކުރީ، މި ވެރިކަމުގަ އެވެ. އަދި ފަހުން އަބްދުﷲ ދީދީއަށް ވަނީ ހައިކޯޓުގެ އިސް ފަނޑިޔާރުކަން ދީފަ އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދުގެ ފަނޑިޔާރުކަން ގެއްލުމާއެކު ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވި މަގާމަށް އަބްދުﷲ ދީދީ ވަނީ ހަމަޖައްސައިފައެވެ. އެއާއެކު ހައިކޯޓުގެ އިސްފަނޑިޔާރު ކަމުގެ މަގާމު މިއަދާ ހަމައަށް އޮތީ ހުސްކޮށެވެ.

ހައިކޯޓުން ހުސްވި މަގާމުތަކަށް މީގެ ކުރިން ވަނީ ބޭފުޅުން އައްޔަން ކޮށްފައެވެ. އެގޮތުން ޖޭއެސްސީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ފައިސަލް އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހުސެއިން ޝަހީދު ވަނީ އެ ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކޮށްފައެވެ.

comment ކޮމެންޓް